އިޒްރޭލު ޕާސްޕޯޓު މަނާކުރުމަކީ ރާއްޖޭގެ ފެންވަރުގައި އެޅުނު އެންމެ ރަނގަޅު، ހަރުކަށި ފިޔަވަޅު: އައްބާސް

ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް: ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމަކީ ރާއްޖޭގެ ފެންވަރުގައި އެޅުނު އެންމެ ރަނގަޅު، ހަރުކަށި ފިޔަވަޅު ކަމަށް -- ފޮޓޯ: މަޖިލިސް

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަކީ ރާއްޖޭގެ ފެންވަރުގައި އެޅުނު އެންމެ ރަނގަޅު، ހަރުކަށި ފިޔަވަޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ 241 ކޮމިޓީން ބިލު ދިރާސާކުރުމަށްފަހު، ތަޅުމަށް ފޮނުވައިފައިވާ ކޮމިޓީ ރިޕޯޓަށް ބަހުސްކުރައްވަމުން މެންބަރު އައްބާސް ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ކޮމިޓީން ނިންމި ގޮތަށް އެމްޑީއޭއިން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.

ފަލަސްތީނުގެ އަޚުންނަށް އިޒްރޭލުގެ ވެރިން ދެމުންދާ ލާއިންސާނީ އަނިޔާތަކާއި ޖައްސަމުންދާ ހާލަތު ވަރަށް ގާތުން ބަލަމުންދިޔަ ކަމަށް އައްބާސް ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ދިވެހި ސަރުކާރުން މިކަމާ ދޭތެރޭ ގެންގުޅެމުންދާ ގޮތް މުޅި ސޯޝަލް މީޑިއާއާއި އެ ނޫން ގޮތް ގޮތުން ވެސް ވަރަށް ގާތުން ބަލަމުން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ރާއްޖެ ކަހަލަ ކުޑަކުޑަ ނާޒުކު އިގްތިސޯދެއް އޮތް ގައުމެއްގެ ރައީސަކު، ޚާރިޖީ ވަޒީރަކު، އަދި ޛާރިޖީ ވުޒާރާއިން އިސްވެ ދައްކަމުން ދިޔައީ ނަމޫނާއެއް ކަމަށް ވިދާޅުވެ، އައްބާސް ވަނީ މި ސަރުކާރަށް ތައުރީފުކުރައްވައިފައެވެ.

"...ދިވެހިރާއްޖެ ދައްކަމުން ދިޔައީ އަރަބި އިސްލާމީ އުންމަތަށް ނަމޫނާއެއް. ކުށްވެރިކުރަން ޖެހޭ ކޮންމެ ތަނެއްގައި އިޒްރޭލުގެ ލާއިންސާނީ އަނިޔާތައް ކުށްވެރިކުރަމުން ގެންދިޔައީ. ހައްގު ބަސް ބުނަމުން ގެންދިޔައީ،" އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ 241 ކޮމިޓީން އެގޮތަށް ނިންމީ ވިސްނުންތެރިކަމާއެކު ރާއްޖޭގެ އިގްތިސޯދަށް ވެސް ވިސްނަވައިގެން ކަމަށެވެ. އަދި ރާއްޖޭގެ ދާޚިލީ ސިޔާސަތާ ދޭތެރޭގަ ވަރަށް ފުންކޮށް ވިސްނަވައިގެން ކުރެއްވި ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮވެ 20 ވަނަ މަޖިލީހުން ރާއްޖޭގެ އެހެން އެއްވެސް ސަރުކާރަކަށް ކުރަން ނުކެރުނު ކަމެއް ކުރެއްވީ ކަމަށް އައްބާސް ވިދާޅުވިއެވެ.

"މިއަދަކީ ގައުމީ ދުވަހެއް އިއްޒަތްތެރި ރައީސް. ދުނިޔޭގަ އޮތް އެންމެ ނުލަފާ ޔަހޫދީންނާ ދެކޮޅަށް ދިވެހިރާއްޖެއިން، ރާއްޖޭގެ ފެންވަރުގައި އެޅުނު އެންމެ ރަނގަޅު އެންމެ ހަރުކަށި ފިޔަވަޅު އެޅިގެން ދިޔަ ދުވަސް މިއީ. އިޒްރޭލު ޕާސްޕޯޓު މަނާވެއްޖެ އިއްޒަތްތެރި ރައީސް. އެއީ އެބޭފުޅުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ލާއިންސާނީ އަނިޔާވެރިކަން ނިމެންދެކަށް،" އައްބާސް ވިދާޅުވިއެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކޮށްފައި މަޖިލީހުގެ އިއްތިފާގުންނެވެ. އެކަން ކޮށްފައި އެވަނީ އެތައް ދުވަހެއް ވަންދެން އެ މައްސަލަ 241 ކޮމިޓީގައި 'ޕާކު'ކޮށްފައި އޮތުމަށްފަހުއެވެ.

އެގޮތުން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައީ، އިޒްރޭލުގެ ޕާސްޕޯޓުގައި އެއްވެސް މީހަކަށް ރާއްޖެ އެތެރެނުވެވޭނެ ގޮތަށެވެ. އަދި އެގޮތަށް ފާސްކުރީ ފަލަސްތީނާ ދެކޮޅަށް ދެމުންދާ ލާއިންސާނީ އަނިޔާތައް ހުއްޓާލަން ދެނެވެ.

އެފަދައިން މަޖިލީހުން ނިންމީ، ބިދޭސީން ރާއްޖެ އެތެރެވުމުގެ ހުއްދަ ދޭއިރު އެ މީހެއްގެ ގައުމިއްޔަތު ދެނެގަތުމަށްޓަކައި އިމިގްރޭޝަނުން ބަލާނީ އެ މީހަކު އިމިގްރޭޝަނަށް ހުށަހަޅާ ޕާސްޕޯޓަކަށް ކަމަށާއި އެއީ، ރާއްޖެ އެތެރެވާ ބިދޭސީއަކީ ޑުއަލް ސިޓިޒަންޝިޕެއް ނުވަތަ ދެ ގައުމަކަށް ނިސްބަތްވާ މީހެއްކަން އިމިގްރޭޝަނަށް ކަށަވަރުކުރެވެން ނޯންނާނެތީ ކަމަށް ބުނުމާއެކުއެވެ.

އެ ނިންމުމަށް އެމްޑީޕީން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން ބިލު ފާސްކުރީ އިޒްރޭލުގެ ވެރީންނަށް ރާއްޖެ އެތެރެވެވޭނެ ގޮތަށް ކަމަށް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް