ފެޝަންގެ އެކި ކަހަލަ ޓްރެންޑްތައް އައިސް ގޮސް އުޅުނު އިރު ވެސް ކޮންމެވެސް އެއް ސިފައެއްގައި އަބަދުވެސް މަގުބޫލުކަން އޮތް އެކައްޗަކީ އުސް ފައިވާން ނުވަތަ ހައި ހީލްސް އެވެ. އެތައް ޒަމާނެއް ވަންދެއް ފެޝަން ސްޓޭޓްމެންޓުގެ ގޮތުގައި އޮތް ހީލްގެ މަގުބޫލުކަމަށް އެންމެފަހުން ނިމުމެއް އަތުވެދާނެ ކަމަށް މިއޮތީ އިޝާރާތް ކޮށްފައެވެ.
މި އަހަރުގެ ތަފާތު ރަންވޭ ތަކާއި މަޝްހޫރު ތަރިންގެ އެކި ކަހަލަ ލުކްތަކުން ބޮޑު ތަފާތެއް ފާހަގަކުރެވިފައިވެއެވެ. އެއީ ލުކްތަކާއެކު ހީލްސް ފެންނަ މިންވަރު މަދުވެ އެއްވެސް ގޮތަކަށް ނުފެންނަ ހިސާބަށް ދިޔުމެވެ.
އާންމުކޮށް ސްޓިލެޓޯ އާއި އެ ނޫން ވެސް އެކި ޒާތުގެ ހީލްތަކުން ރަންވޭ ފުރާލި ނަމަވެސް މި ފަހަކަށް އައިސް ފެންނަމުން ދަނީ ހުސް ފްލެޓް ފައިވާން ތަކާއި ބޫޓުތަކެވެ. އާންމު ގޮތެއްގައި ބޭރަށް ނިކުމެ އުޅުމުގެ ތެރޭގައި ވެސް ފަޔަށް ފަސޭހަ ފައިވާންތަކާއި ސްނީކާތަކަށް އަރާ މިންވަރު މިހަރު ވަނީ އާންމުވެފައެވެ.
މި ބަދަލުގެ ފަހަތުގައި އެންމެ އިސް ރޯލެއް ކުޅެފައިވަނީ ކޮވިޑެވެ. ކޮވިޑްގެ ތެރޭގައި މީހުންގެ ދިރިއުޅުމަށް އައި ބަދަލާއެކު ހީލްގެ މަގުބޫލުކަން ވެސް ވަނީ ދަށް ވެފައެވެ.
މާކެޓް ރިސާޗު ކުންފުންޏެއް ކަމަށްވާ އެންޕީޑީއިން ނެރުނު ތަފާސްހިސާބުތަކަކުން އާންމުވެފައިވާ ގޮތުގައި ކޮވިޑްއަށް ފަހު މިހާތަނަށް އައިއިރު އަހަރަށް ފަހު އަހަރަކަށް ހީލް ބޭނުންކުރާ މިންވަރު ވަނީ 60 ޕަސެންޓާ ހަމައަށް ދަށް ވެފައެވެ.
ރިމޯޓްވޯކް އާއި ގެއިން މަސައްކަތް ކުރެވޭ ފަދަ ހައިބްރިޑް މޮޑެލްތައް އާންމުވާން ފެށުމުން އަރައިން އުޅޭ އެއްޗެއްސަށް ވެސް ވަނީ ބަދަލު އައިސްފައި ކަމަށް އެންޕީޑީއިން ބުނެއެވެ. ހީލްސްގެ ބަދަލުގައި ފަޔަށް ފަސޭހަ އަދި ކޮންމެ ހާލަތެއްގައި ވެސް އެރޭނެ ފަދަ ފައިވާން ތަކާއި ބޫޓުތައް މިހާރު އާންމުވެފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ޒުވާނުންގެ މެދުގައި ވެސް މިހާރު ހީލްސްއަށް މަގުބޫލުކަން ކުޑައެވެ. އޭގެ ބަދަލުގައި އެކި ހާލަތްތަކާ ގުޅޭ ބޫޓުތަކުގެ މަގުބޫލުކަން ވަނީ މިހާރު އިތުރު ވެފައެވެ.