އަންނަ ހަފުތާގައި ދާރުލްއާސާރު ހުޅުވަން މަސައްކަތް ކުރަނީ

މަރާމާތުގެ މަސައްކަތަށް މިދިޔަ މަހުގެ 16ވަނަ ދުވަހު ބަންދުކުރި ގައުމީ ދާރުލްއާސާރު އަންނަ ހަފުތާގައި ހުޅުވުމުގެ މަސައްކަތް ކުރާކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފިއެވެ.

ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް އިސްމާއިލް ނާއިލް ނަޝީދު "ސަން"އަށް ވިދާޅުވީ، މަސައްކަތް ކުރަނީ އަންނަ ހަފުތާގައި ދާރުލްއާސާރު ހުޅުވަން ނަމަވެސް އަދި ހުޅުވާނެ ތާރީޚެއް ކަނޑައަޅާފައި ނުވާކަމަށެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން އެންމެ ފުރަތަމަ ބުނީ މަރަމާތަށް ފަހު މިމަހުގެ 15ވަނަ ދުވަހު ދާރުލްއާސާރު ހުޅުވާނެ ކަމަށެވެ. ނަމަވެސް މިމަހުގެ 14ވަނަ ދުވަހު އެ ތާރީޚު ބަދަލުކޮށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނީ ދާރުލްއާސާރު ބަންދުކޮށްފައި ހުންނާނީ މިއަދާ ހަމައަށް ކަމަށެވެ.

މިމަހުގެ ތެރޭގައި ދާރުލްއާސާރުގެ ޚިދުމަތް ދޭން ފެށޭނެކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ކުރިން ބުނެފައި ވެއެވެ.

ދާރުލްއާސާރު މަރާމާތު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޑައިނޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

އެއީ ބީއެމްއެލްގެ ސީއެސްއާރްގެ ދަށުން ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމަށް ދޭ ދެ މިލިއަން ރުފިޔާގެ އެހީގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތަށް ހޭދަވަނީ 2.1 މިލިއަން ރުފިޔާއެވެ.

ސަރުކާރުން ވެސް ބައެއް ޚަރަދުތައް ކުރާ ގޮތަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.

އެ އެއްބަސްވުމާ ބެހޭ މައުލޫމާތު ހިއްސާކުރަމުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން މީގެ ކުރިން ބުނެފައި ވަނީ، އަލަށް ތައްޔާރުކުރާ 19 ޝޯކޭސްއަކީ ޒަމާނީ ފެންވަރުގެ، ބައިނަލްއަގުވާމީ އެކިއެކި މިއުޒިއަމްތަކުގައިވެސް ހުންނަ ފަދަ ޝޯކޭސްތައް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ދާރުލްއާސާރުގައި އަލަށް މަލްޓިމީޑިއާ ރޫމްއެއް ގާއިމުކުރާނެ ކަމަށާއި އެއީ ތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހީންގެ ތާރީޚާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަންތައް ދިނުމަށާއި، ދަރިވަރުންނަށް މައުލޫމާތު ސެޝަންތައް ހިންގުމަށް ގާއިމްކުރާ ތަނެއް ކަމަށް އެ މަރުކަޒުން ބުނެފައިވެއެވެ.

comment ކޮމެންޓް