ޖޮހަނަސްބާގް (24 އޮގަސްޓް 2023): އިތުރު ހަ ގައުމަކަށް "ބްރިކްސް" ޖަމާއަތުގެ މެންބަރުކަން ދިނުމަށް ދެކުނު އެފްރިކާގެ ޖޮހަނަސްބާގްގައި މިހާރު ކުރިޔަށްދާ އެ ޖަމާއަތުގެ ސަމިޓުން ނިންމައިފިއެވެ.
މިކަން އިއުލާނު ކުރައްވަމުން "ބްރިކްސް" ޖަމާއަތުގެ މިދައުރުގެ ރައީސް ދެކުނު އެފްރިކާގެ ރައީސް ސީރީލް ރަމަފޯޒާ ވިދާޅުވީ ބްރިކްސްގައި ބައިވެރިވުމަށް އެދިފައިވާ 22 ގައުމުގެ ތެރެއިން އާޖެންޓީނާ، އީރާން، މިސްރު، ސައޫދީ އަރަބިއާ، ޔުނައިޓެޑް އަރަބް އިމަރޭޓްސް އަދި އިތިއޮޕިއާއަށް އެޖަމާއަތުގެ މެންބަރުކަން ދިނުމަށް ސަމިޓުން ނިންމާފައިވާ ކަމަށެވެ. މިއާއެކު މެންބަރުކަން ދިނުމުގެ އިޖުރާއަތުތައް ފުރިހަމަކުރުމަށް ރަމަފޯޒާ އެގައުމުތަކަށް ގޮވާލެއްވިއެވެ.
"ބްރިކްސް" ޖަމާއަތަކީ ދުނިޔޭގައި ކުރިއަރަމުން އަންނަ ގައުމުތަކުގެ މެދުގައި އިގްތިސާދީ އައު ނިޒާމެއް އެކުލަވާލުމަށް އުފައްދާފައިވާ އިގްތިސާދީ ޖަމާއަތެކެވެ. މި ޖަމާއަތުގައި މިހާރު ހިމެނެނީ ޗައިނާ، ރަޝިއާ، އިންޑިއާ، ބްރަޒީލް އަދި ދެކުނު އެފްރިކާއެވެ. މި ފަސް ގައުމު ހިމެނޭއިރުވެސް "ބްރިކްސް" ޖަމާއަތަކީ ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދީ ޖަމާއަތްކަމަށްވާ "ޖީ -7" ޖަމާއަތާ ވާދަކުރެވޭ ވަރުގެ ވަރުގަދަ ޖަމާއަތެކެވެ.
މިގޮތުން ދުނިޔޭގެ އާބާދީގެ 45 އިންސައްތައާއި ދުނިޔޭގެ އާމްދަނީގެ 23 އިންސައްތަ އަދި ދުނިޔޭގެ ވިޔަފާރީގެ 19 އިންސައްތަ ހިއްސާކުރަނީ "ބްރިކްސް" ޖަމާއަތެވެ. އަލަށް "ބްރިކްސް" ޖަމާއަތަށް ވައްދަން ނިންމި ހަ ގައުމާއެކު އެޖަމާއަތަށް މިހާރަށްވުރެވެސް އިގްތިސާދީ ގޮތުންނާއި ވިޔަފާރީގެ ގޮތުންނާއި ނުފޫޒުގެ ގޮތުން ބާރުގަދަވެގެންދާނެއެވެ.
މިއާއެކު ދުނިޔޭގެ އާބާދީގެ 48 އިންސައްތަ، ދުނިޔޭގެ އާމްދަނީގެ 26 އިންސައްތަ އަދި ދުނިޔޭގެ ވިޔަފާރީގެ 23 އިންސައްތަ ހިއްސާކުރާ ޖަމާއަތަކަށް ބްރިކްސް ވެގެންދާނެއެވެ.
"ބްރިކްސް" އާ ވާދަކުރާ ނިޒާމަކީ އެމެރިކާ ޑޮމިނޭޓްކޮށްފައިވާ ހުޅަނގުގެ ނިޒާމެވެ. މިނިޒާމުގައި ހިމެނޭ މާލީ ބޮޑު ދެ މުއައްސަސާއަކީ "އައިއެމްއެފް" އާއި ވޯލްޑް ބޭންކެވެ. މާލީ މިދެ މުއައްސަސާގައި އެމެރިކާގެ 17 އިންސައްތަ ހިއްސާ އޮންނައިރު ޔޫރަޕްގެ ބާރުތަކުގެ 45 އިންސައްތަ ހިއްސާ އޮވެއެވެ. ކުރިއަރަމުން އަންނަ ގައުމުތަކަށް އޮންނަނީ އެންމެ 15 އިންސައްތަ ހިއްސާއެވެ.
އެހެންކަމުން ދުނިޔޭގައި މިހާރުއޮތް މާލީ އަދި އިގްތިސާދީ ނިޒާމުގައި މުޅިންވެސް އޮތީ އެމެރިކާއާއި ޔޫރަޕްގެ ބާރާއި ނުފޫޒާއި ޑޮމިނޭޝަން އާއި މޮނޮޕޮލީއެވެ. ކުރިއަރަމުން އަންނަ ގައުމުތަކަށް އެއްވެސް ފުރުސަތެއްނެތެވެ.
ޗައިނާ، އިންޑިއާ، ރަޝިއާ، ބްރަޒީލް އަދި ދެކުނު އެފްރިކާ ގުޅިގެން ދުނިޔޭގައި އައު އިގްތިސާދީ ނިޒާމެއް އުފެއްދުމަށްޓަކައި ބްރިކްސް ޖަމާއަތް އުފައްދަން ޖެހުނީވެސް މިސަބަބުތަކާ ގުޅިގެންނެވެ.
"އައިއެމްއެފް" އާއި ވޯލްޑް ބޭންކްގެ އިތުރުން ހުޅަނގުގެ ނިޒާމުގައި ދެން ހިމެނެނީ އެމެރިކާ ޑޮލަރުގެ މައްޗަށް ބިނާވެފައިވާ ސްވިފްޓް މާލީ ނިޒާމާއި ހުޅަނގުގެ އިންޝުއަރެންސް ކުންފުނިތަކާއި ގޯލްޑްމަން ސަކްސް ފަދަ ހުޅަނގުގެ ބޮޑެތި ބޭންކްތަކެވެ. މިއީވެސް ހުޅަނގުން ޑޮމިނޭޓްކޮށްފައިވާ މުއައްސަސާތަކެވެ.
"ބްރިކްސް" އަކީ ހުޅަނގުގެ ނިޒާމުން ފުރުސަތު ނުލިބުނު ކުރިއަރަމުން އަންނަ ގައުމުތަކަށް ޚާއްސަ ނިޒާމެކެވެ. މިއީ ހުޅަނގުގެ ނިޒާމާ ޕެރަލަލް ނިޒާމެކެވެ. "އައިއެމްއެފް" އާއި ވޯލްޑް ބޭންކް އާ ޚިލާފަށް "ބްރިކްސް" ބޭންކާއި "ބްރިކްސް" ފަންޑުން ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ފަސޭހައިން ލޯނު ލިބޭނެއެވެ. އަދި ހުޅަނގުން ގައުމުތަކުގެ ދާޚިލީ ކަންކަމާބެހޭއިރު "ބްރިކްސް"އިން ގައުމުތަކުގެ ދާޚިލީ ކަންކަމާބެހުމެއް ނޯވެއެވެ.
"ބްރިކްސް" އިން މިހާރުވަނީ އެޖަމާއަތުގެ ގައުމުތަކަށާއި އެނޫންގައުމުތަކަށް ލޯނާއި މާލީ އެހީދޭނެ މުއައްސަސާތައްވެސް މިހާރު އުފައްދާފައެވެ. މީގެތެރޭގައި "ބްރިކްސް" ބޭންކާއި "ބްރިކްސް ފަންޑު" ފަދަ މުއައްސަސާތައް ހިމެނެއެވެ. މީގެއިތުރުން "ބްރިކްސް" ގެ ގައުމުތަކުގެ މެދުގައި އިގްތިސާދާއި ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް ގުޅިފައިވާ އެއް ފައިސާއެއް އުފެއްދުމުގެ ދިރާސާތައް ކުރިޔަށް ގެންދިޔުމަށް ސަމިޓުންވަނީ ނިންމާފައެވެ.
ކުރިން އޮތީ ގުޅިފައިވާ ފައިސާގެ ނިޒާމެއް އުފެއްދުމަށް މިހާރު ކުރިޔަށްދާ ސަމިޓުން ނިންމާގޮތަށެވެ. ނަމަވެސް ފަހުން ނިންމީ ގުޅިފައިވާ ފައިސާއެއް އުފެއްދިނަމަވެސް އެކަން ތަންފީޒުކުރުމަށާއި އެފަދަ ފައިސާއަކާބެހޭ މާލީ ނިޒާމެއް އުފެއްދުމަށް އަށެއްކަ އަހަރު ނަގާނެތީ އެކަން ކުޑަކޮށް ފަސްކޮށްލުމަށްފަހު "ބްރިކްސް"ގެ ސަމިޓުން ނިންމީ އެޖަމާއަތުގެ ގައުމުތަކުގެ މެދުގައި ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގައި އެގައުމުތަކުގެ ފައިސާ ބޭނުންކޮށްގެން ޑޮލަރަށް ބަރޯސާވާ މިންވަރު ގާތްގަނޑަކަށް 50 އިންސައްތަށް ކުޑަކުރުމަށެވެ.
މިކަން ކުރިޔަށް ގެންދެވިއްޖެނަމަ އެމެރިކާގެ ޑޮލަރު ބޭނުންކޮށްގެން ދުނިޔޭގެ ވިޔަފާރިއާއި އިގްތިސާދަށް އެމެރިކާ ހިންގާ ބާރާއި ނުފޫޒަށް ލޮޅުން އަރާނެކަމަށާއި އެމެރިކާގެ ޑޮލަރުގެ ޑޮމިނޭޝަން ކުޑަވެގެންދާނެކަމަށް "ބްރިކްސް" ލީޑަރުން ދެކެވަޑައިގަންނަވައެވެ.