މޮސްކޯ (24 އޮގަސްޓް 2023): މިދިޔަ ޖޫންމަހު ރަޝިއާގެ ސިފައިންނާ ދެކޮޅަށް ބަޣާވާތެއް ގެންނަން މަސައްކަތްކުރި އެގައުމުގެ ވެގްނާ ކުލީ ސިފައިންގެ ޖަމާއަތުގެ ވެރިޔާ ޔެވްގެނީ ޕްރިގޯޒިން ދަތުރުކުރި ބޯޓު ވެއްޓުމުގެ ފަހަތުގައިވަނީ ރަޝިއާގެ ޖާސޫސީ އިދާރާ "ސީވީއާރު އާރުއެފް" ކަމަށް ހުޅަނގުގެ ބައެއް ރިޕޯޓްތައް ބުނެފިއެވެ.
މަސްދަރު ހާމަކޮށްފައިނުވާ މިރިޕޯޓްތައް ބުނާގޮތުން މިއީ "ފޮރިން އިންޓެލިޖެންސް ސާވިސް އޮފް ރަޝިއަން ފެޑަރޭޝަން" (ސީވީއާރު އާރުއެފް) ނޫނީ ރަޝިއާގެ އަސްކަރީ ޖާސޫސީ އިދާރާ "މެއިން އިންޓެލިޖެންސް ޑައިރެކްޓްރޭޓް" (ޖީޔޫ) ގެ އަމަލެއްކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
ރަޝިއާ ސިވިލް އޭވިއޭޝަން އޭޖެންސީން ބުނާގޮތުން މޮސްކޯ އިން ފުރައިގެން ސެންޕީޓާސްބާގްއަށް ދަތުރުކުރަނިކޮށް ރޭގެ ވަގުތެއްގައި ވެއްޓުނު މަތިންދާބޯޓުން ދަތުރުކުރި 10 މީހުންގެ ތެރޭގައި ޕްރިގޯޒިން ހިމެނެއެވެ. ޕްރިގޯޒިންއާއެކު މި 10 މީހުންވެސް މަރުވެފައިވާކަން އެއެޖެންސީން ކަށަވަރުކޮށްދެއެވެ.
އެ އެޖެންސީ ބުނިގޮތުގައި އެ ބޯޓު މޮސްކޯ އެއާޕޯޓުން ފުރިތާ 26 މިނިޓު ތެރޭގައި އެ ބޯޓު ރާޑަރަށް ގެއްލުނެވެ. އެއަށްފަހު ދެން ލިބުނީ މޮސްކޯގެ އުތުރުގެ ސަރަހައްދަކަށް އެބޯޓު ވެއްޓުނުކަމުގެ މައުލޫމާތު ކަމަށް އެ އޭޖެންސީން ބުންޏެވެ.
ނަމަވެސް ރަޝިއާގެ ނިއުސް ސައިޓެއްކަމަށްވާ "ރިދޮވްކާ" ބުނާގޮތުން ޕްރިގޯޒިން ދަތުރުކުރެއްވިކަމަށް ބެލެވޭ އެހެން ކުޑަ މަތިންދާ ބޯޓެއްވަނީ އެސްތޫވިޔާ ނަމަކަށް ކިޔާ އެއާޕޯޓަކަށް ޖައްސާފައެވެ.
ވެއްޓުނު ބޯޓާއި ސަލާމަތުން ޖެއްސި ބޯޓަކީވެސް ޕްރިގޯޒިންގެ އަމިއްލަ ދެބޯޓެކެވެ. ވެއްޓުނު ބޯޓުން ދަތުރުކުރި 10 މީހުންގެ ތެރޭގައި ޕްރިގޯޒިންގެ އިތުރުން އޭނާގެ ނައިބު ޑިމިތްރީ އޮތްކިން ވެސް ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ. ވެއްޓުނު ބޯޓުން ދަތުރުކުރީ ތިން ފަޅުވެރިންނާއި ހަތް ފަސިންޖަރުންނެވެ.
ވެގްނާ ކުލީ ސިފައިންގެ ޖަމާއަތަކީ އަމިއްލަ ކުންފުންޏެއްކަމަށް ވިޔަސް އެއީ ރަޝިއާ ސިފައިންގެ މުއައްސަސާއާ ވަރަށް ގުޅުންބޮޑު ކުންފުންޏެކެވެ. ރަޝިއާ ސަރުކާރުން އެގައުމުގެ ސިފައިން ބޭނުންނުކޮށް ހާސިލުކުރަން ބޭނުންވާ އަސްކަރީ މަގްސަދުތައް ހާސިލް ކޮށްދިނުމުގައި ވެގްނާ ޖަމާއަތުން މުހިއްމު ދައުރެއް އަދާކުރެއެވެ. އެކަންކުރަނީ ކޮންޓްރަކްޓް އުސޫލުންނެވެ. މިއާއެކު ވެގްނާ ޖަމާއަތް ސިފަކުރެވެނީ ރަޝިއާ ސިފައިންނާ ގުޅިފައިވާ ނުރަސްމީ ޖަމާއަތެއްގެ ގޮތުގައެވެ.
ވެގްނާ ޖަމާއަތުން ނެރުނު ބަޔާނެއް ބުނާގޮތުން ވެއްޓުނު ބޯޓުން ދަތުުރުކުރި ފަސިންޖަރުންގެ ހަށިތަކުގެ ތެރޭގައި ޕްރިގޯޒިންގެ ހަށިގަނޑެއް ނެތެވެ. ނަމަވެސް ބޯޓު ވެއްޓުނުތަނުން އޭނާގެ ފޯނެއްވަނީ ފެނިފައެވެ. ޕްރިގޯޒިން އެތައް ފޯނެއްގެންގުޅޭ ކަމަށްވެއެވެ.
މުސްތަގިއްލު ރިޕޯޓްތައް ބުނާގޮތުން މިސައިލަކުން އެބޯޓު ވެއްޓުނުކަމުގެ އެއްވެސް ހެއްކެތްނެތެވެ. މިސައިލަކުން ވައްޓާލާނަމަ އެމެރިކާގެ ސްޕޭސް އެކްސް ފަދަ އަބަދާ އަބަދު ދުނިޔޭގެ ވައިގެ ހަރަކާތައް ސެޓަލައިޓްގެ އެހީގައި ބަލައި މޮނިޓާކުރާ ކުންފުނިތަކަށް ސެޓަލައިޓްތަކުގެ އެހީގައި މިކަން އެނގޭނެއެވެ.
އެހެންކަމުން މިއީ ޕްރިގޯޒިން އަވަހާރަކޮށްލުމުގެ ބޭނުމުގައި ރަޝިއާގެ ޖާސޫސީ އިދާރާއިން ހިންގިކަމެއްނަމަ އެކަންކޮށްފައިވަނީ އެބޯޓުގެ އެތެރޭގައި ގޮވާއެއްޗެއް ހަރުކޮށްގެންކަމަށް ވުމީ އެކަށީގެންވާކަމެކެވެ. ރަޝިއާގެ ސިވިލް އޭވިއޭޝަން އޭޖެންސީން ވަނީ އެބޯޓު ވެއްޓުމުގެ ހާދިސާ ތަހުގީގު ކުރާނެކަމަށް ބުނެފައެވެ. ރަޝިއާ ސިވިލް އޭވިއޭޝަން އޭޖެންސީން ބުނާގޮތުން ވެއްޓުނު ބޯޓު 30 ހާސް ފޫޓު މަތިން ދަތުރުކުރަމުން ދަނިކޮށް ކުއްލި ގޮތަކަށް 8 ހާސް ފޫޓަށް ތިރިއަށް ވެއްޓުނެވެ.
ޕްރިގޯޒިން އިސްކޮށް ހުންނަވައިގެން މިދިޔަ ޖޫންމަހު ރަޝިއާ ސިފައިންގެ ލަޝްކަރުތަކާދެކޮޅަށް ކުރި ބަޣާވާތް ނިމުމަކަށް އައީ އޭނާ ގޮތްދޫކޮށް ބަޣާވާތުގެ ހަރަކާތްތައް ހުއްޓާލުމާ ގުޅިގެންނެވެ. ބަޣާވާތް ނާކާމިޔާބުކޮށްލުމުގައި އިސްދައުރެއް އަދާކުރެއްވީ ބެލަރުސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ އެވެ. ބަޣާވާތަށްފަހު ރަޝިއާ ސަރުކާރުން ޕްރިގޯޒިން ހައްޔަރުނުކޮށް އޭނާ މިނިވަންކަމުގައި އުޅެން ދޫކޮށްލާފައިވީނަމަވެސް ރަޝިއާގެ ޖާސޫސީ އިދާރާއިން ގޮތްނޭނގޭ ގޮތަކަށް އޭނާ މަރާލުމަކީ ކޮށްފާނެކަމެއްކަމަށް އެދުވަސްވަރުވެސް މުހައްލިލުން ވިދާޅުވެފައިވެއެވެ.