ގައުމިއްޔަތުގެ ނަމުގައި ކުރީ ސަރުކާރުން އޮތީ ރާއްޖެ ދުނިޔެއާ އެކަހެރިކޮށްފައި: ރައީސް

ރައީސް ރ. އިނގުރައިދޫއަށް ވަޑައިގަތުން -- ފޮޓޯ/ އެމްޑީޕީ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމުގެ ވެރިކަމުގައި ރާއްޖެ އޮތީ ގައުމިއްޔަތު ހިމާޔަތްކުރުމުގެ ނަމުގައި ބައިނަލްއަގްވާމީ މުޖުތަމައުއާ އެކަހެރިކޮށްފައިކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރ. އިނގުރައިދޫއަށް ވަޑައިގެން މި ރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ގައުމިއްޔަތުގެ ލަފްޒު ބޭނުންކޮށްގެން މުޅި ދުނިޔެއާ ރާއްޖެ ވަކިކޮށް ގައުމުތަކާ އޮތީ ގުޅުން ހީނަރުވެފައިކަމަށެވެ.

އެއާއެކު އެންމެ ފަހުން އާންމުކުރި ހެޔޮވެރިކަމުގެ ސިޔާސަތަށް އަލި އަޅުއްވައި ރައީސް ވިދާޅުވީ އެ ކަމަށް އެންމެ މުހިންމީ ޚާރިޖީ ސިޔާސަތުކަމަށެވެ.

"އެހެންނަމަވެސް މިއަދު މި ވަނީ ޒަމާން ބަދަލުވެފައި. އަޅުގަނޑުމެންނަށް އެކަހެރިވެގެންނެއް ނުތިބެވޭނެ. އަޅުގަނޑުމެންގެ މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކަން އަދި ތަރައްގީ ބާރު ސްޕީޑުގައި ގެންދަން ބޭނުންވާނަމަ އިތުބާރު ހިފޭ ގައުމުތަކާ ގުޅުން ބާއްވަންޖެހޭ،" ރައީސް ވިދާޅުވިއެވެ.

އެގޮތުން ގައުމުތަކާ ގުޅުން ބަދަހިކުރުމަކީ ތަރައްގީއާއި ކުރިއެރުމާއި އެހީ ފަސޭހައިން ލިބޭނެކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު މި ސަރުކާރުގައި 185 ގައުމަކާ ގުޅުން ބަދަހިވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިިދާޅުވީ ދަތުރުފަތުރުގައި މިއަދު 89 ގައުމަކަށް ވިސާއާނުލައި ދިވެހީންނަށް ދަތުރުކުރެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ގައުމުތަކުން މިއަދު ރާއްޖެއަށް އިތުބާރުކުރާކަމަށެވެ. އަދި އދ. ގެ ރިޔާސަތު ރާއްޖެއަށް ބެލެހެއްޓުމުގެ ފުރުސަތު ލިބުމަކީ އެންމެ ބޮޑު އެއް ޝަރަފުކަމަށް ރައީސް ވިދާޅުވިއެވެ.

ޚާއްސަކޮށް އެއީ ރާއްޖެ، ކުދި ގައުމުތަކުގެ ލީޑަރެއްގެ ގޮތުގައި އިތުރަށް ފާހަގަވި އެއް ކަންތައްކަމަށް ރައީސް ވިދާޅުވިއެވެ.

"އދގެ އާންމު މަޖިލީހުގެ ރިޔާސަތު އަޅުގަނޑުމެން ފުރަތަމަ ފަހަރަށް ނަގައިފިން. މިއީ ދެން ކުރިއަށް އޮތް 100 އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ނުލިބޭނެ ކަމެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސްވަނީ ރާއްޖޭގައި އަސްކަރީ ސިފައިން ގާއިމްވެ ހަރަކާތްތެރިިވަމުން އަންނަކަމަށް ބުނެ ވާދަވެރި ކެންޑިޑޭޓުން ދައްކާ ވާހަކައަކީ އޮޅުވައިލުމެއްކަމަށް ވިދާޅުވެފައެވެ.

އެގޮތުން އެއްވެސް ރަށެއްގައި އަސްކަރީ ސިފައިން ގާއިމްވެ އެ މީހުންގެ ބާރުގެ ދަށުގައި އެއްވެސް ކަމެއް ކުރަމުން ނުދާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގައި ހިނގާނީ ދިވެހީންގެ ބަހާއި ބާރުކަމަށެވެ.

ދެވަނަ ދައުރެއްގައި އިނގުރައިދުއަށް ކޮށްދެއްވާނެ ކަންކަން:

  • ބަނދަރު އިތުރަށް ތަރައްގީކުރުން
  • ބިން ހިއްކައި ބޯޓްޔާޑެއް އެޅުން
  • ކައުންސިލް އައު އިމާރަތް އެޅުން
  • ހޭންޑް ބޯޅަ ކޯޓެއް އެޅުން
comment ކޮމެންޓް