ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ ދެކޮޅަށް ތެދުވި، ކުލީ ސިފައިންގެ ގުރޫޕު ވެގްނާގެ ވެރިޔާ ޔިވްގެނީ ޕްރިގޮޒިން މަރުވެއްޖެއެވެ.
ރަޝިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ބުނީ އިއްޔެ އެގައުމުގެ މޮސްކޯއިން ސެއިންޓްޕީޓާސްބާގްއަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ވެއްޓިފައިވާ ކަމަށާއި އެ ބޯޓުގައި ތިބި މީހުންގެ ތެރޭގައި ޕްރިގޮޒިން ހިމެނޭ ކަމަށެވެ. އަދި ރަޝިއާގެ އެމާޖެންސީ މިނިސްޓްރީން ވަނީ ވެއްޓުނު ބޯޓުގައި 10 މީހުން ތިބި ކަމަށާއި އެ އެންމެން ވެސް މަރުވެފައިވާ ކަމަށް ބުނެފައެވެ.
ވެގްނާ ގުރޫޕާ ގުޅުން އޮންނަ ޓެލެގްރާމް ގުރޫޕެއް ކަމަށްވާ 'ގްރޭ ޒޯން'އިން ވެސް ވަނީ ޕްރިގޮޒިން މަރުވެފައިވާ ކަމަށް ބުނެފައެވެ. އެ ގުރޫޕުގައިވާ ގޮތުން އޭނާ މަރުވެފައި ވަނީ "ރަޝިއާއަށް ގައްދާރުވެފައިވާ ބައެއްގެ އަމަލުތަކުގެ" ސަބަބުންނެވެ.
ރަޝިއާގެ އޭވިއޭޝަން އޭޖެންސީން ވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ.

ޕްރިގޮޒިން ދަތުރުކުރި ކަމަށް ބުނާ ބޯޓު ވެއްޓި، ރޯވެފައި -- ފޮޓޯ/ ރޮއިޓާސް
ރަޝިއާއިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރޭނަށް އަރައި، ހަނގުރާމަ ކުރަން ފެށި ފަހުން ވެގްނާ ގުރޫޕުގެ ކުލީ ސިފައިން ވެސް ދަނީ އެ ހަމަލާތަކުގައި ބައިވެރިވަމުންނެވެ. ނަމަވެސް ރަޝިއާ ސަރުކާރުން ވެގްނާގެ ހަނގުރާމަވެރިންނަށް ހަތިޔާރާއި އެހީ ފޯރުކޮށްނުދޭ ކަމަށާއި ބައެއް ފަހަރު ސީދާ އެ މީހުންނަށް ހަމަލާ ދޭ ކަމަށް ބުނެ ޕްރިގޮޒިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޝަކުވާ ކުރަން ފެށިއެވެ.
އެ މައްސަލަ ހޫނުވެ، ރަޝިއާގެ ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޖެނެރަލް ސްޓާފް، ވެގްނާއާ ހަވާލުކުރަން ޕްރިގޮޒިން ގޮވާލަން ފެށިއެވެ. އަދި ވަކި ހިސާބަކުން އޭނާ ޕުޓިންއަށް ވެސް ފާޅުކަން ބޮޑު ގޮތެއްގައި ފާޑު ކިޔަން ފެށިއެވެ.
އޭގެ ފަހުން މިދިޔަ ޖޫން މަހުގެ 23ގައި ޕްރިގޮޒިންއާއި ވެގްނާގެ ސިފައިން ރަޝިއާގެ ޑިފެންސް މިނިސްޓްރީއާ ދެކޮޅަށް ތެދުވިއެވެ. އަދި ޔޫކްރޭނުގައި ހަނގުރާމަ ކުރުން ހުއްޓާލުމަށް ފަހު ރަޝިއާއަށް އަރައި، އެގައުމުގެ ރޮސްޓޮވް-އޮން-ޑޮން ހިފިއެވެ.
މީގެ އިތުރުން ވެގްނާގެ ސިފައިންތަކެއް މޮސްކޯ ހިފުމަށް ޓަކައި ހަތިޔާރާއެކު އެ ސިޓީއާ ދިމާލަށް ވެސް މިސްރާބު ޖެހިއެވެ. ނަމަވެސް ރަޝިއާ ސަރުކާރުން އެ ގުރޫޕާއެކު އެއްބަސްވުމެއް ހަދައި، ސުލްހަކުރުވިއެވެ. އެއަށް ފަހު ރަޝިއާއިން ވަނީ ޕްރިގޮޒިން ބެލަރޫސްއަށް އަރުވާލާފައިވާ ކަމަށާއި، އޭނާގެ ހަނގުރާމަވެރިން ދެން ރިޓަޔާ ކުރަން ނުވަތަ ރަޝިއާގެ އަސްކަރިއްޔާއާ ގުޅެން ނިންމާފައިވާ ކަމަށެވެ.
މަސްދަރު: ޓީއާރްޓީ