ކުރީގެ ސަރުކާރުތަކާއި ދެކޮޅަށް ތެދުވަން ޖެހުނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް އަދާ ނުކޮށްދޭތީ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރ. ދުވާފަރުގައި މިރޭ އޮތް ކެންޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ހެޔޮވެރިކަމެއް އަމަލީ ގޮތުން ކޮށްދޭނެ ގޮތް އެންމެ ތިލަކޮށް ފުރަތަމަ ފަހަރަށް ކިޔައިދިނީ ރައީސް އިބްރާހީމް މުޙަައްމަދު ސާލިހު ކަމަށެވެ.
"ހެޔޮވެރިކަމެއް އަމަލީ ގޮތުން ކޮށްދޭނެ މިންގަނޑުތަކާއި، އުސޫލުތަކާއި، ހަމަތަށް އާންމު ރައްޔިތުމިހާގެ ސިކުނޑިއަށް ވިސްނޭ ތިލަ ގޮތަށް ފުރަތަމަ ފަހަރަށް ކިޔާދެވުނު ކަމަށް އަޅުގަނޑު ގަބޫލުކުރަނީ ރޭ ޖަލްސާގައި ދެއްކެވި ވާހަކަތަކުން" އިމްރާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި ހިނގާ ފަސް އަހަރު ތެރޭގައި ސިޔާސީ އެންމެ މީހަކަށްވެސް ޖަލު ހުކުމެއް ނުކުރާކަމަށެވެ.
ހަމައެއާއެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި އޮންނަވަން ޖެހުނީ ދިގު މުއްދަތަކަށް އެހެން މީހުން ޖަލަށް ލާން އެމަނިކުފާނު ހެއްދެވި ގާނޫނުގެ ދަށުވެގެން ކަމަށް އިމްރާން ވިދާޅުވިއެވެ.
"ދިގު މުއްދަތަކަށް އެހެން މީހުން ޖަލަށްލާން ވެގެން އެބޭފުޅާ އަމިއްލައަށް ހެއްދެވި ގާނޫނުގެ ދަށުވެ ކޯޓުގައި އެކަން ސާބިތުވެގެން ޖަލުގައި އެ އޮންނެވީ" އިމްރާން ވިދާޅުވިއެވެ.
ރައީސް ސާލިޙު ބޮޑެތި ކަންތަކާއި މަޝްވަރާ ކުރުމަށް ކެބިނެޓް އެގެންދަވާ ގޮތަށް އެހެން ކެންޑިޑޭޓުނަށް ކެބިނޭޓް ނުގެންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދާލަތު ޕާޓީއަކީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު ކޯލިޝަންގެ ބައިވެރިއެކެވެ. ނަމަވެސް ފަހުން އެ ކޯލިޝަނުން އެ ޕާޓީ ވަނީ ވަކިވެފައެވެ. އަދާލަތުން ވަނީ ރައީސް ޔާމީންގެ ވެރިކަމާއި، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލު ކުރަން ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ. އަދި ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރި ޕާޓީތަކުގެ ތެރޭގައި ވެސް އެޕާޓީ ހިމެނެއެވެ.