ނީސްގެ ޓޮޑިބޯ، ޔުނައިޓެޑާ ގުޅުމާ ގާތަށް

ނީސްގެ ފްރާންސް ޑިފެންޑަރު ޖީން ކްލަޔާ ޓޮޑިބޯ -- ފޮޓޯ/ ގެޓީ

ނީސްގެ ފްރާންސް ޑިފެންޑަރު ޖީން ކްލަޔާ ޓޮޑިބޯ، މެންޗެސްޓާ ޔުނައިޓެޑާ ގުޅުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޔުނައިޓެޑުން ހުށަހެޅި ބިޑު ގަބޫލުކޮށް، މިހާރު ޓޮޑިބޯ އެ ކްލަބާ ގުޅުމާ ގާތަށް ވަނީ ގޮސްފައެވެ. ޔުނައިޓެޑުން އޭނާއަށް ހުށަހެޅީ 40 މިލިއަން ޔޫރޯ (43 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔުނައިޓެޑުން ޑިފެންޑަރެއް ހޯދުމުގެ މަސައްކަތް ފަށާފައިވަނީ އެ ކްލަބުގެ އިނގިރޭސި ޑިފެންޑަރު ހެރީ މެގުއާ ދޫކޮށްލުމަށެވެ. ޔުނައިޓެޑުން މެގުއާ ދޫކޮށްލުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް، އަދި އެކަން ކާމިޔާބުވެފައެއް ނުވެއެވެ. އެގޮތުން ވެސްޓް ހާމުން އޭނާ ހޯދުމަށް މަސައްކަތްތަކެއް ކުރުމަށްފަހު، އެ ވިސްނުން ފަހުން ދޫކޮށްލިއެވެ.

ޔުނައިޓެޑުން ވަނީ ބަޔާން މިއުނިކަށް ކުޅެމުންދާ ފްރާންސް ޑިފެންޑަރު ބެންޖަމިން ޕަވާޑް ހޯދުމަށް ވެސް މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ޕަވާޑަށް ހުށަހެޅި ބިޑު ބަޔާނުން ގަބޫލުކޮށްފައެއް ނުވެއެވެ. މިހާރު ޕަވާޑް ހޯދުމުގެ ރޭހުގައި ކުރީގައި އުޅެނީ އިންޓަ މިލާން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔުނައިޓެޑުން ހޯދުމަށް މަސައްކަތްކުރާ އުމުރުން 23 އަހަރުގެ ޓޮޑިބޯއަކީ ބާސެލޯނާއަށް ވެސް ކުޅުނު ކުޅުންތެރިއެކެވެ. ނަމަވެސް އެ ކްލަބުން އޭނާއަށް ގިނަ ފުރުސަތުތަކެއް ލިބިފައި ނުވާ އިރު، ގިނައިން ފެނިގެންދިޔައީ ލޯނުގެ ދަށުން އެހެން ކްލަބުތަކުންނެވެ. ބާސާގެ ކުޅުންތެރިއެއްގެ ގޮތުގައި ދެ އަހަރު ހޭދަކުރުމަށްފަހު، ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން ޓޮޑިބޯ ނީސްއާ ގުޅުނީ 2021 ވަނަ އަހަރުއެވެ.

comment ކޮމެންޓް