ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ރާވަމުން ދިޔައީ ޖަލުގައި ހުޅުޖަހައި ބަޔަކު މަރާލައިގެން ނަމަވެސް ހޯމް މިނިސްޓަރުގެ މަގާމުން އެމަނިކުފާނު ވަކި ކުރަން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖަލުގެ ކަންތައްތައް ރަނގަޅު ކުރުމަށް ބޭނުންވާ ފައިސާ އާއި އެހީތެރިކަން ސަރުކާރުން ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ މަގާމާ ހަވަލުވިތާ 21 ދުވަސް ތެރޭގައި ހޯމް މިނިސްޓަރުގެ މަގާމުން ގާސިމް އިސްތިއުފާ ދެއްވީ 2008, ޑިސެމްބަރު ތިން ވަނަ ދުވަހުއެވެ.
ފަނަަރަ އަހަރު ފަހުން މިއަދު ގާސިމް އެ ވާހަކަ ދައްކަމުން ވަނީ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެ ތުހުމަތުތަކެއް ކުރައްވާފައެވެ. އަދި އޭނާ މަގާމުން ބޭރުކޮށްލުމަށް ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ރާވަމުންދިޔަކަން އެނގިވަޑައިގެންނެވި ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
"އެންމެ ފަހުން ޖަލުގައި މައްސަލަ ޖައްސައިގެން އެތަނުގައި ހުޅުޖައި ރޯކޮށްލައި އެތައް ބަޔަކު މަރުވެގެން ދިޔަޔަސް ހެޔޮކަމަށް މީނަ އުޅުނީ އަޅުގަނޑުގެ ބޮލުގަ އެ ބަދުނާމު އަޅުވަން ވެގެން. އެހެންވީމަ އަޅުގަނޑު އަމިއްލައަށް އިސްތިއުފާ ދިނީ," ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށް މިއަދު ނ. ލަންދޫގައި ވާހަކަ ދައްކަމުން ގާސިމް ވިދާޅުވިއެވެ.
މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން އެގޮތަށް ކަންތައް ނުކުރުމަށް ހަތަރު ވަރަކަށް ފަހަރު ނަޝީދަށް ދެންނެވި ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އޭނާ ނަޝީދާ ގުޅި ވެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރީ ދަލު ބޭރުން ޖެހިގެން އައިސް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
"މަނިކުފާނަށް 25 ޕަސެންޓް ލިބުނީމަ މަނިކުފާނު ކުރި އާދޭހުން އަޅުގަނޑު އައިސް މިތަނުގައި މަނިކުފާނާ ބައިވެރިވެގެން ވެރިކަން ހޯދައިދިނީ," ގާސިމް ވިދާޅުވިއެވެ.
އެމަނިކުފާނާ ދޭތެރޭގައި އިހާނަތްތެރިކޮށް ކަންތައްކުރުމުގެ އިތުރުން ރައީސް ނަޝީދުގެ ވެރިކަމުގައި ރައްޔިތުންނާ ދޭތެރޭގައި ވެސް ކަންތައްކުރެއްވީ ރަނގަޅަށް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ. އާޚިރުގައި އެހުރިހާ ކަމެއްގެ ހިތި ތަޖުރިބާ ރައީސް ނަޝީދު ކުރައްވަން ޖެހިވަޑައިގެންނެވި ކަމަށް ގާސިމް ވިދާޅުވިއެވެ.
"އެންމެ ފަހުން އޭނާ [ނަޝީދު] އަމިއްލައަށް އިސްތިއުފާ ދެއްވީ. އޮފްކޯޒް ރައްޔިތުންގެ ޕްރެޝަރާ އިންޓަނޭޝަނަލް ޕްރެޝަރާ ހެދި އޭނާއަށް ނުހިފެއްޓެގިން. އެއީ އޭނާއަށް ނޭނގެނީ އެއްވެސް ކަހަލަ ތަޖުރިބާއެއް ނެތީ," ގާސީމް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ވެރިކަން ހޯދައި ދިނުމަށް އެންމެ ބުރަ އަނގުހުރި މަސައްކަތެއް ކޮށްދެއްވީ އެމަނިކުފާނުކަން ނުދަންނާނެ އެއްވެސް މީހަކު ނުހުންނާނެ ކަން ފަޚްރުވެރިކަމާއެކު ގާސިމް ވިދާޅުވިއެވެ. އެކަމަށް އެންމެ ބޮޑަށް މަގު ކޮށިގެން ދިޔައީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުން އެމަނިކުފާނު އިސްތިއުފާ ދެއްވުމުން ކަމަށް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑު ހުރިގޮތަށް ޑީއާރުޕީގައި ހުރެ މިނިސްޓްރީ އޮފް ފިނޭންސްގެ މަގާމުގައި ހުރި ނަމަ އަޅުގަނޑަށް ކަށަވަރު އެ ފަހަރު ރައިސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނީ ކުރިއަށް އޮތް ތަނުގައި ވެސް މައުމޫން އަބްދުލްގައްޔޫމް ކަން," ގާސިމް ވިދާޅުވިއެވެ.