އަދާލަތު ޕާޓީއަށް ބޮޑު ތާއީދެއް އޮންނަ ރ. ކިނޮޅަހުގައި ވާހަކަފުޅުދައްކަވަމުން ކުރިއަށް އޮތް ދައުރަށް މި ރަށުގައި ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް ރަައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވައުދުވެވަޑައިގެންފިއެވެ.
ރ. އަތޮޅަށް މިއަދު ފެއްޓެވި ކެމްޕޭން ދަތުރުފުޅުގައި ފުރަތަމަ ރަށަކަށް ކިނޮޅަހަށް ވަޑައިގެން ރައީސް ވިދާޅުވީ، މިދިޔަ އިންތިޚާބުގައި ރައީސަށް މި ރަށުން ލިބިވަޑައިގަތް ފުރިހަމަ އަޣުލަބިއްޔަތު މިފަހަރު ވެސް ލިިބިވަޑައިގަންނަވާނެކަން ޔަގީންކުރައްވައިކަމަށެވެ.
ދެވަނަ ދައުރުގައި ކިނޮޅަހުގައި ކުރާނެ ކަންކަން:
- ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީކުރުން
- ކައުންސިލުގެ އައު އިމާރާތެއް އެޅުން
- ސްކޫލުގައި މަލްޓި ޕާޕަސް ހޯލެއް އެޅުން
- ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތް އެޅުން
- އިންޑޯ ސްޕޯޓްސް ހޯލެއް ތަރައްގީކުރުން
ރައީސް ވިދާޅުވީ މިއީ ކިނޮޅަހުގެ ތަރައްގީއަށް ކުރުމަށް ހުރި މުހިންމު ކަންތައްތައް ކަމަށެވެ. ކުރިއަށް އޮތްތަނުގައި ވެސް ރައްޔިތުން އެދޭ ކަންކަން ކޮށްދެއްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަދި ވެސް މި ލިސްޓަށް އިތުރު ބަދަލު ގެނެވޭނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން ތިޔަބޭފުޅުންނަށް. އަޅުގަނޑުގެ އެދުމަކީ ކުރިއެކޭ ވެސް އެއްގޮތަށް ކިނޮޅަހުގެ ހުރިހާ ރައްޔިތުން ނުކުމެވަޑައިގެން، އަޅުގަނޑުމެންނާއި އަދާލަތު ޕާޓީއާއި އެމްޑީއޭއާއެކު ހަދައިފައި މި އޮތް ކޯލިޝަނަށް ބޮޑުކޮށް ވޯޓު ދެއްވައި މި އިންތިޚާބު އެއްބުރުން ކާމިޔާބުކުރުމުގައި އަޅުގަނޑުމެންނާއެކު ބައިވެރިވެވަޑައިގަތުން،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސްވަނީ ފްލެކްސިބިލިޓީ ޓައިމްގެ އުސޫލުން މަސައްކަތްކުރެވޭނެ މަގު ހަމަޖައްސައިދިނުމަށް ޓަކައި، ސަރުކާރު މުވައްޒަފުންނަށް ރޯދަ މަހުގެ ފަހު 10 ދުވަހު ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް މިފަދައިން ވިދާޅުވީ ރޭ އާންމުކުރި އެމްޑީޕީ މެނިފެސްޓޯގެ 'ހެޔޮ ވެރިކަން' ސިޔާސަތަށް އަލިއަޅުއްވައިލައްވަމުންނެވެ.
"ގޭގައި ތިބެގެން މަސައްކަތްކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ރޯދަމަހުގެ ފަހު 10 ދުވަސް އެެއީ ގޭގައި ތިބެގެން މަސައްކަތްކުރެވޭ ގޮތަށް ކުރިއަށް އޮތްތަނުގައިި އަޅުގަނޑުމެން ބަދަލުކުރާނެ ވާހަކަ ވެސް ދަންނަވަން،" ރައީސް ވިދާޅުވިއެވެ.
މި ކަމުގެ އިތުރު ތަފްސީލެއް ރައީސް ނުދެއްވައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކައުންސިލް އިދާރާގެ އޮފީީސް ބާކޮށް ހުރި ނުވަތަ ނެތް ހުރިހާ ރަށެއްގައި ކައުންސިލް އިދާރާތައް ދެން އަންނަ ދައުރުގައި އަޅައިދެއްވާނެ ކަމަށެވެ.