އެންމެ ބާރަށް ދައްކަން ޖެހޭ ވާހަކަ ދައްކަނީ އެންމެ މަޑުން!

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި މައި އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު --

މިސާލަކީ ދެ ލޯބިވެރިންނެވެ. އަންހެން ކުއްޖާގެ ލޯބި ހޯދުމަށް ފިރިހެން ކުއްޖާ އެތައް ހަރަދެއް ކުރަނީއެވެ. އަގުބޮޑެތި ހަދިޔާތައް ކޮންމެ ދުވަހަކު ވެސް ދެނީއެވެ. ސައިކަލާއި މަލާއި، ޗޮކްލެޓާއި އަގުބޮޑު އަންނައުނުފަދަ ތަކެއްޗެވެ. ފަހަށް ރައްކާކޮށްފައި ހުރި ފައިސާ އެކަމަށް ފިރިހެން ކުއްޖާ ހަރަދުކޮށްފިއެވެ. އެ ހަރަދުތައް މަދެއް ނުކުރެއެވެ. އޭގެ ސަބަބުން ލިބޭ އާމްދަނީއަށް ވުރެން ބޮޑު ހަރަދެއް ކޮންމެ މަހަކު ވެސް ކުރަން ޖެހުނެވެ. އެ ފައިސާ ހޯދީ ދަރަންޏަށެވެ. ނެތް ފައިސާއިން ހަރަދު ކުރަންވުމުން ދުވަހަކަށް ވުރެން ދުވަހެއް ދިޔައީ ދަރަނި ބޮޑުވަމުންނެވެ.

އެންމެ ފަހުން ފިރިހެން ކުއްޖާ، އަންހެން ކުއްޖާއަށް ކައިވެނި ކުރަން ހުށަހަޅައިފިއެވެ. ކައިވެނި ކުރާ މަތިން އަދި ކޮށްދޭނެ ކަމަށް ބުނި ކަންކަން މާއިތުރެވެ. ރީތި އެޕާޓްމަންޓަކާއި ކާރުފަދަ ހަރަދު ބޮޑު ކަންކަންމެވެ. އެ ކައިވެންޏަށް އެއްބަސްވުމުގެ ކުރިން އަންހެން ކުއްޖާ ކުރީ އެންމެ ސުވާލެކެވެ. އެހާތަނަށް ވެސް އޭނާއަށް ހަރަދު ކުރަމުން ދިޔައީ ދަރަނީގައި ވުމުން އިތުރަށް ހަރަދު ކުރާނީ ކިހިނެއްތޯއެވެ؟ އަނެއްކާ ވެސް ދަރަނި ނަގާނީތޯއެވެ؟ ދަރަނީގެ މައްޗަށް ދަރަނި ނެގީމައި ވާނީ ކިހިނެއްތޯއެވެ؟ އެހެންކަމުން އެ ހަރަދު ކުރަން ބޭނުންނަމަ ކުރަން ޖެހޭ ކަމަކީ އިތުރު އާމްދަނީއެއް ހޯދުން ނޫންތޯ ސުވާލު ކުރިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް މާލޭގެ ގޭގެއަށް ޒިޔާރަތް ކުރައްވަނީ -- ފޮޓޯ/ އެމްޑީޕީ

އެއީ މިހާރު ރިޔާސީ އިންތިޚާބަށް ކުރިމަތިލައިގެން އުޅޭ ކެންޑިޑޭޓުން ގާތު ރައްޔިތުން ކުރަން ޖެހޭ ސުވާލެވެ. ޓޫރިޒަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ މި ރާއްޖެއަށް ކޮންމެ އަހަރަކު ވެސް ލިބޭ އާމްދަނީއަށް ވުރެން ކުރާ ހަރަދު އެތައް ގުނައެއް އިތުރެވެ. ނަތީޖާއަކީ އަހަރަކަށް ވުރެން އަހަރެއް ދަރަނިވެރިވުމެވެ. ސޮވެރިން ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަނި މި އަހަރު 113 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިހާރު ދައުލަތުގެ ދަރަނި ހުރީ 108 ބިލިއަން ރުފިޔާގައެވެ. އެއީ 59 ބިލިއަން ރުފިޔާގެ އެތެރޭގެ ދަރަންޏާއި 49 ބިލިއަން ރުފިޔާގެ ބޭރުގެ ދަރަންޏެވެ. ގައުމަށް އޮތް އަނެއްބޮޑު ގޮންޖެހުމަކީ 2026 ވަނަ އަހަރު ދަރަނީގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ދައްކަން ޖެހުމެވެ.

ބަޖެޓް ޑެފެސިޓް ވަނީ ލިބޭ އާމްދަނީއާއި ސަރުކާރުން ކުރާ ހަރަދުގެ ތަފާތު ހުރުމުންނެވެ. އެ ފަރަގު ފޫބެއްދުމަށް ގައުމުން ވަނީ ބޮޑު ދަރަނި ނަގަން ޖެހިފައެވެ. ލޯނުތަކުން ވަގުތީ ލުޔެއް ލިބުނު ނަމަވެސް މިއީ ދާއިމީ ހައްލެއް ނޫނެވެ. އަދި މުސްތަގުބަލަށް ބަލާއިރު ބޮޑު ނުރައްކަލެކެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މި ހިތްދަތި ހަގީގަތުގެ ވާހަކަ ރިޔާސީ ކެންޑިޑޭޓުން ނުދައްކަވައެވެ. ވޯޓްގެ ދަހިވެތި ކަމުގައި އަދިވެސް ހަމަ އިންތިހާއަށް ވައުދުވަނީއެވެ. އެއާޕޯޓްތައް އެޅުމާއި ފްލެޓްތައް އެޅުމާއި ކުލި މާފު ކޮށްދިނުމާއި މުސާރަ ބޮޑު ކޮށްދިނުމާއި މިހެންގޮސް އެތައް ކަމެކެވެ. ނުފުއްދޭނެ އެތައް ވައުދެއްވެސް ވަނީއެވެ. އެ ކަންކަމަކީ އެތައް މިލިއަން ރުފިޔާއެއް ހަރަދު ވާނެ ކަންކަމެވެ. މިފަދަ ވައުދުތަކަކީ ވޯޓު ހޯދައި އުއްމީދު އުފެއްދުމަށް ކުރާ ވައުދުތަކެއް ނަމަވެސް، މިހާރުގެ އިގްތިސާދީ އޮނިގަނޑުގެ ތެރެއިން އެކަންކަން ކުރެވޭނެ ގޮތާ މެދު ސުވާލުތަކެއް އުފެދެ އެވެ. ސުވާލަކީ އަނެއްކާވެސް ދަރަނި އިތުރު ކުރަނީތޯއެވެ.

އަޑުހަރުކޮށް ދައްކަންވީ ކޮން ވާހަކައެއް؟

ޓޫރިޒަމަކީ ރާއްޖޭގެ ނަސީބެވެ. ދިވެހީންނަށް މި ދިރިއުޅުން ވެސް މި އުޅެވެނީ އިބްރާހީމް ނާސިރުގެ ވެރިކަމުގައި ފެއްޓެވި އެ އިންޑަސްޓްރީގެ ސަބަބުންނެވެ. އެތައް ހާސް ވަޒީފާއަކާއި ޓެކްސްތަކާއެކު ރާއްޖެއަށް އެތައް ބިލިއަން ރުފިޔާ ކޮންމެ އަހަރަކު ވެސް ލިބެއެވެ. އަދިވެސް އެ ދާއިރާ ފުޅާ ކުރަން ޖެހެއެވެ.

އެއާއެކު އަދިވެސް ކުރަން ޖެހޭ ވަރަށް މުހިންމު ކަންކަން އެބަހުއްޓެވެ. މުޅި އިގްތިސާދު އެންމެ ދާއިރާއަކަށް ބަރޯސާވެފައިވުން ކުޑަ ކުރުމެވެ. މިވާހަކަ ރިޔާސީ ކެންޑިޑޭޓުން ކޮންމެވެސް ވަރަކަށް ދައްކައެވެ. ޓްރާންސިޓް ބަނދަރާއި މަސްވެރިކަން ފުޅާ ކުރާ ވާހަކަ ދައްކައެވެ. އެކަމަކު އެ އަޑު ވަރަށް މަޑެވެ. އަދި އެކަން ކޮށްދޭނެ ގޮތުގެ މާބޮޑު ތަފްސީލެއް ނުދެއެވެ. މިއީ ދެރަކަމެކެވެ.

ރާއްޖެ ދަރާފައި އޮތްއޮތުން ނިމުމަކަށް ގެނެސް، ހަމަ އިސްކޮޅަށް ތެދުވުމަށް އިގްތިސާދު ޑައިވާސިފައި ކުރަން ލާޒިމްވެއްޖެއެވެ. އިގްތިސާދީ ޑައިވާސިފިކޭޝަނަކީ އިގްތިސާދީ ތަރައްގީގެ މައިގަނޑު އަސާސެކެވެ. އޭގެ ސަބަބުން ގައުމުގައި މިހާރަށްވުރެ ތަފާތު ޕްރޮޑަކްޝަންތައް ފަށައި ވިޔަފާރީގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެވެއެވެ. ވަކި އިންޑަސްޓްރީއަކަށް ބަރޯސާވެ، އިގްތިސާދީ ތަފާތު ދާއިރާތައް ނެތުމަކީ، ދިގު މުއްދަތުގެ އިގްތިސާދީ ކުރިއެރުމަށް އޮތް ގޮންޖެހުމެކެވެ.

ލީ ކުއާން ޔޫ އާއި މިއަހަރު ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން-- ސަން ގްރެފިކްސް: އިބްރާހީމް ފަހީމް

ދުނިޔޭގެ އިގްތިސާދަށް މިހާރު މިހާ އަވަސް އަވަހަށް ބަދަލުތަކެއް އަންނާތީ، ވަކި ދާއިރާތަކަށް ކުރިއަށް އޮތްތަނުގައި ކުރިމަތިވާނެ ނުރައްކާތައް ލަފާކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ރިސްކް މެނޭޖް ކުރާ ފަރާތްތަކުން ބުނާގޮތުގައި މި ނުރައްކާތައް އެންމެ ކުޑަކުރެވޭނެ ހަމައެކަނި ގޮތަކީ އިގްތިސާދީ އަސާސް ތަފާތުކުރުމެވެ. އެއީ އިގްތިސާދީ ގޮތުން އެކިއެކި ދާއިރާތައް ކުރިއެރުވުމެވެ.

ރާއްޖެއަކީ ތަފާތު އިގްތިސާދީ ހަރަކާތްތައް ހިންގޭނެ ގައުމެކެވެ. މި ގައުމު މި އޮންނަނީ ކާގޯ ބޯޓްތައް ދަތުރުކުރާ މަގެއްގައެވެ. ޓްރާންސިޓް ބަނދަރާއި ބަންކަރިންގެ ހިދުމަތް ދޭން ފެށިއްޖެނަމަ އެތައް މިލިއަން ރުފިޔާއެއް ހޯދޭނެއެވެ. ދެމެހެއްޓެނިވި ދަނޑުވެރިކަމާއި މަސްވެރިކަމާއި އިއާދަކުރަނިވި ހަކަތަ ފަދަ ސިނާއަތްތައް ތަރައްގީކުރުމަކީ އިގްތިސާދީ ގޮތުން ހަމަޖެހުން ގެނެވޭނެ ކަންކަމެވެ.

ވިސްނުންތެރިކަމާއެކު މާލީ ކަންކަން ބެލެހެއްޓުމަކީ އެންމެ މުހިންމު ކަމެވެ. ބޮޑެތި ވައުދުތަކުގެ ޝައުގުވެރިކަން އިތުރުވި ނަމަވެސް، އިގްތިސާދީ ހަމަޖެހުން ދެމެހެއްޓުމަށް ޒިންމާދާރު ބަޖެޓާއި ހާމަކަން ބޮޑު ވެރިކަމެއް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެގޮތުން ހަރަކާތްތެރި، ދިގުމުއްދަތެއްގައި ފައިދާތަކެއް ލިބޭ މަޝްރޫއުތަކަށް އިސްކަންދޭން ޖެހެއެވެ.

comment ކޮމެންޓް