އެކްޓުކުރުމަށްވުރެ ބޮޑަށް އާމިރު މިހާރު ބޭނުންވަނީ ފިލްމުތައް އުފައްދަން

އާމިރު ޚާން --

ފިލްމީ މަސައްކަތްތަކާ މިވަގުތު ދުރަށްޖެހިފައިވާ އެކްޓަރު އާމިރު ޚާން ކުރިޔަށްއޮތްތަނުގައި ސަމާލުކަން ދޭނީ ފިލްމު އުފެއްދުމަށްކަމަށް ބުނެފިއެވެ.

މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ލާލް ސިންގް ޗައްދާ"އަށްފަހު އާމިރު ޚާންވަނީ ފިލްމީ މަސައްކަތްތަކުން 'ބްރޭކެއް' ބޭނުންވާކަމަށާއި ގިނަ ވަގުތު ހޭދަކުރަން ބޭނުންވަނީ އާއިލާއާއެކުކަމަށް ބުނެފައެވެ.

އާމިރު ޚާންގެ އަމިއްލަ ފިލްމު ކުންފުނި އާމިރު ޚާން ޕްރޮޑަކްޝަންސްއިން ބޭނުންވަނީ ވީހާވެސް ގިނަ ފިލްމުތަކެއް އުފައްދާ އެފިލްމުތައް މެދުވެރިކޮށް އަލަށް ފިލްމީ ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހޯދައިދިނުމަށްކަމަށް އެކްޓަރުވަނީ ބުނެފައެވެ.

ދާދިފަހުން މުމްބާއީގައި ބޭއްވި ހަފުލާއެއްގައި ވާހަކަދައްކަމުން ކުޅަދާނަ ޕްރޮޑިއުސަރު އާމިރު ޚާން ބުނީ ވިސްނުމުގައި ވަރަށް ތަފާތު ފިލްމީ ޕްރޮޖެކްޓުތަކުގެ ޚިޔާލު އެބަހުރިކަމަށެވެ. މީގެކުރިން އަމިއްލަ ޕްރޮޑަކްޝަން ހައުސްއިން އުފައްދާފައިވާ ފިލްމުތަކުގެ މިންވަރު މަދުކަމަށާއި މިހާރު ބޭނުންވަނީ ޕްރޮޑަކްޝަން ހައުސްގައި ގިނަ ވަގުތު ހޭދަކުރުމަށްކަމަށް އެކްޓަރުވަނީ ބުނެފައެވެ.

އޭނާ ބުނީ އޭނާ ބޭނުންވަނީ އަމިއްލަ ފިލްމު ކުންފުނީގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެވެސް ބައިވެރިވުމާއެކު ފިލްމު އުފެއްދުމަށް ކަމަށާއި އެޕްލެޓްފޯމްއިން އިސްކަންދޭނީވެސް ޒުވާނުންނަށްކަމަށް އޭނާ ވަނީ ބުނެފައެވެ.

ފިލްމު "ލާލް ސިންގް ޗައްދާ"ގެ އިތުރުން އާމިރުގެ ފިލްމު ކުންފުނިން އުފައްދާފައިވާ ފިލްމުތަކުގެތެރޭ މަޝްހޫރު ފިލްމު "ތާރޭ ޒަމީން ޕަރު"، "ލަގާން"، "ތަލާޝް" އަދި "ޖާނޭ ތޫ ޔާ ޖާނެނާ"ފަދަ ފިލްމުތައް ހިމެނެއެވެ.

އާމިރު ޚާންވަނީ ސްޕެނިޝް ފިލްމެއްގެ ރިމޭކްއެއް "ޗެމްޕިއަން"ގެ ނަމުގައި ޕްރޮޑިއުސްކުރުމަށް ނިންމާފައެވެ. މިފިލްމުގައި ލީޑްރޯލްއިން ފެންނާނީ އެކްޓަރު އަދި ޑައިރެކްޓަރު ފަރުހާން އަޚްތަރުއެވެ.

comment ކޮމެންޓް