ގަވާއިދުން ކަސްރަތު ކުރަން އެހާ އުނދަގުލީ ކީއްވެ؟

ކަސްރަތަކީ މީހާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެހެން ވެސް ވަގުތު ހޭދަ ކުރަން ޖެހޭ ކަމެކެވެ. ވަރުގަދަ އަޒުމަކާ އެކު ކަސްރަތު ކުރަން ފަށައި މާ ގިނަ ދުވަސްތަކެއް ނުވެ ކަސްރަތު ކުރުން ހުއްޓިދާނެއެވެ. މިއީ ދުޅަހެޔޮ ސިއްހަތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް މޯޓިވޭޝަން ގެއްލުވާ ނުލައި ގަވާއިދުން ކަސްރަތު ނުކުރެވެނީ ކީއްވެހެއްޔެވެ؟

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ ދުވަހަކު ކަސްރަތު ކުރުން މުހިއްމެއް ނޫނެވެ. ކޮންމެ ހަފުތާއަކު ތިން ދުވަހާއި ފަސް ދުވަހާ ދެމެދަށް ކަސްރަތު ކުރުމަކީ ވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް ބޮޑު ރޯލެއް ކުޅެދޭނެ ކަމެކެވެ. ނަމަވެސް މި ކަމުގައި އެންމެ މުހިއްމު އެއް ކަމަކީ ގަވާއިދުން ކަސްރަތު ކުރުމެވެ.

ރަނގަޅު ރޫޓީން އެއް ބަހައްޓައި މެދުކެނޑުމެއް ނެތި ކަސްރަތު ކުރުމަކީ އެންމެ މޮޅު ގޮތެވެ. ކޮންމެ ދެ ދުވަހަކުން އެއް ދުވަހަކު ކަސްރަތު ކުރުމަކީ ވެސް ވަރަށް ރަނގަޅު ކަމެކެވެ. މީގައި ވެސް އެންމެ މުހިއްމު ކަމަކީ މެދު ކަނޑާލުމެއް ނެތި ކަސްރަތު ކުރުމެވެ.

އެކަމަކު އެއްބައި ފަހަރަށް ކަސްރަތު ކުރުމަށް ހިތްވަރު ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ކިތައްމެ ބޭނުންވި ނަމަވެސް ބައެއް ފަހަރަށް ކަސްރަތު ކުރުމަކީ ހަމަ އެއްގޮތަކަށް ވެސް ކުރެވޭ ކަމެއް ނޫނެވެ.

"އޮފީހުގައި ހުންނަ އިރު މި ވިސްނަނީ ހަވީރުން ކަސްރަތު ކުރާނަމޭ. ދުވަން ދާނަމޭ. އެކަމު ގެއަށް ދެވުނީމަ ދެން އެހާ ހިސާބުން ކަސްރަތު ކުރަން އޮތް ހިތްވަރު އެ ދިޔައީ،" ދާދިފަހުން ގޭގައި ކަސްރަތު ކުރަން ފެށި ޒުވާނަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކަސްރަތު ކުރަން ފަށާފައި ދެން ހުއްޓާލެވިއްޖެ ނަމަ އަލުން ފެށުމަކީ ކުރަން ވަރަށް އުނދަގޫ ކަމެކެވެ. އެހާ ހިސާބުން އެއްބައި ފަހަރަށް ހަފުތާ އެއް ވަންދެއް އެއްވެސް ވަރަކަށް ކަސްރަތު ނުކުރެވި ގޮސްދާނެއެވެ.

"ދެން ހަމަ ބުނާނީ މާދަމާ ކުރާނީ އޭ މާދަމާ ކުރާނީ އޭ. އެކަމަކު ހަމަ ދުވަސްތައް ގިނަ ވަނީ. ކަސްރަތު ކުރެވޭ ދުވަހެއް ނާދޭ،" އޭނާ އިތުރަށް ކިޔައިދިނެވެ.

ކަސްރަތު ކުރަން އުނދަގުވުމުގެ ފަހަތުގައި ކޮންމެ ވެސް ވަރެއްގެ ސައިންސެއް އެބަވެއެވެ. ހާވާޑް މެގަޒިން އަށް އާންމުކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ކަސްރަތާ ދެކޮޅަށް އަމަލުތައް ހުރުމަކީ ބައެއް ފަހަރު ކޮންޓްރޯލް ވެސް ކުރަން އުނދަގޫ ކަންތަކެވެ.

އިންސާނާގެ ހަށިގަނޑު އަމިއްލައަށް ވެސް ދަމާނީ ވަރުބަލިނުވާ "ކަންނެތް" ކަންތައްތަކަށް ކަމަށް މި ދިރާސާއިން ހާމަވެއެވެ. އެގޮތުން ހަރަކާތް ނުކޮށް އެއް ތަނެއްގައި އޮތުމަކީ ހަށިގަނޑަށް ކުރަން ފަސޭހަ ކަމަކަށް ވާތީ މި ކަމަށް މުޅި ހަށިގަނޑު ވެސް ގަޔާވެއެވެ. އޭގެ ބަދަލުގައި ވަރުބަލި ކޮށްލައި މީހާރު ދާ އޮހޮރުވާލާ ކަމަކަށް ހަށިގަނޑު ވެސް ނޫނެކޭ ބުނަނީ ކަމަށް ދިރާސާއިން ބުނެއެވެ.

އެހެންވީމާ ދުޅަހެޔޮ ސިއްހަތަކަށް މަސައްކަތް ކުރަން މި ޖެހެނީ ހަށިގަނޑު ޕްރޮގްރާމް ވެފައިވާ ކަންތަކާ ވެސް ދެކޮޅަށް ކަމަށް ދިރާސާއިން އިޝާރާތް ކުރެއެވެ.

comment ކޮމެންޓް