މާޅޮހުގައި ސިޓީ ހޮޓަލެއް އަޅަން ރައީސް ވައުދުވެވަޑައިގެންފި

ރައީސް ބ. މާޅޮހުގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ދެވަނަ ދައުރެއްގައި ބ. މާޅޮހުގައި ފަތުރުވެރިންނަށް ތިބެވޭނެ ޒަމާނީ ސިޓީ ހޮޓަލެއް ތަރައްގީކޮށްދެއްވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވައުދުވެވަޑައިގެންފިއެވެ.

ރައީސްގެ ކެމްޕޭނަށް މިއަދު ވަޑައިގެންނެވި ފުރަތަމަ ރަށްކަމަށްވާ ބ. މާޅޮހުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ހަނިފަރު ބޭ ބައޮސްފިއާ ރިޒާވް އޮންނަނީ މި ރަށާ ކައިރީގައިކަމުން، އެ ތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މި ރަށުގައި ތިބެވޭނެ އިންތިޒާމެއް ހަމަޖެހޭނެ މަގެއް މުހިންމު ކަމަށެވެ.

އެގޮތުން މި ރަށުގައި ޒަމާނީ ސިޓީ ހޮޓަލެއް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މާޅޮހަށް ރައީސްގެ ވައުދުތައް:

  • ސިއްހީ މަރުކަޒު ތަރައްގީކުރުން
  • މަލްޓި ޕާޕަސް ހޯލަކާއި ކްލާސްރޫމު ވަސީލަތްތަކާއެކު އިތުރު ކްލާސްރޫމް އެޅުން
  • ބޮޑު މިސްކިތެއް އެޅުން
  • ފުޓްސަލް ދަނޑެއް އެޅުން
  • ބޮޑު ފުޓުބޯޅަ ދަނޑެއް އެޅުން
  • ބޮޑެތި މަގުތައް ޒަމާނީކޮށް ތަރައްގީކުރުން
  • ޕިކްނިކް އައިލެންޑެއް ކަނޑައެޅުން

އެ މަނިކުފާނު ވިދާޅުވީ އިތުރު 10 އަހަރަށް ހަނިފަރު ބޭގެ ބައޮސްފިއާ ހިމާޔަތްކޮށްފައިވާ ތަނެއްގެ ގޮތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ތަނުން ލިބޭ އާމްދަނީއަކީ އަތޮޅުގެ ރަށްތަކަށް ލިބުން މުހިންމު އެއްޗެއްގެ ގޮތުގައި ފާހަގަކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ އެ ރަށެއްގެ ކައުންސިލުގެ އިހްތިޞާސްގައި ހިމެނޭ ސަރަހައްދުން ލިބޭ އާމްދަނީ ރަށު ކައުންސިލާ ހަވާލުކުރާނެ ކަމަށެވެ.

ރަށު ކައުންސިލްގެ އިހްތިޞާސްގެ ތެރޭގައި ހިމެނޭ ސަރަހައްދުތައް ބެލެހެއްޓުން އެ ރަށެއްގެ ކައުންސިލާ ހަވާލުކުރަން ނިންމަވައިފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން 33 ސަރަހައްދެއް ހިމާޔަތްކޮށްފައިވާކަމަށެވެ. އެއީ ރާއްޖޭގެ ތަރައްގީީގައި ގުދުރަތީ ރީތިކަން ގެއްލުނަ ނުދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މާޅޮހުގެ ރައްޔިތުންގެ ފަރާތުން މިއަދު އިވުނު އެއް ޝަކުވާއަކީ ބަނދަރު އިތުރަށް ބޮޑުކޮށްދިނުމުގެ ވާހަކަކަން ފާހަގަކުރައްވައި އެ ކަމާމެދު އިތުރަށް މަޝްވަރާކޮށް މަސައްކަތް ފެށުމުން ގެނެވޭނެ ބަދަލެއް ދެނެގަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަލުން ރިޔާސީ އިންތިޚާބެއްގެ ވޯޓާ ގާތްވެ ނިންމުމެއް ނިންމާއިރު ރައްޔިތުން ވިސްނަންވީ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން 2013ވަނަ އަހަރުގެ މި ދުވަހާއި، މިއަދު އޮތް ހާލަތާ ދެމެދު އޮތް ތަފާތު ވިސްނުމަށް ރައީސް ވިދާޅުވިއެވެ.

"ހަމަގައިމު ވެސް ކަންތައްތަކެއް މިދިޔަ ފަސް އަހަރު ކުރެވިފައި ހުރީމާތާ ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނާނީ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މިއަދު އަނިޔާވެރިކަމުގެ ވާހަކައިގެ އަޑެއް ނީވޭކަމަށެވެ. އަދި އިންޓަނެޓް ފަދަ ޚިދުމަތްތަކުގެ އަގު ބޮޑުވުމުގެ ވާހަކަ ވެސް ނުދައްކާކަމަށެވެ.

comment ކޮމެންޓް