ރަޝިއާގެ ކްރުސްކަށް ޔޫކްރެއިނުން ދޭ ހަމަލާތައް ވަރުގަދަ ކޮށްފައި ވާއިރު، އެތަނުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންގެ ހާލު ގާތުން ބަލާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ރަޝިއާ, ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ، ބާލިންގައި ހުންނަ ރާއްޖޭގެ މިޝަންއިން އެ ދަރިވަރުންގެ ހާލު ވަރަށް ގާތުން ބަލާކަމަށެވެ. އަދި އެ ސަރަހައްދުގެ ހާލަތު ވެސް މޮނީޓާކޮށް, އެހެން ފަހަރުތަކެކޭ އެއްގޮތަށް, އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ.
ރާއްޖޭގެ އެންމެ ގިނަ ދަރިވަރުން މެޑިސިން ކިޔަވަނީ ރަޝިއާގެ ކްރުސްކްގައެވެ. ކްރުސްކްގައި 75 ދިވެހި ދަރިވަރުން ތައުލީމު ހާސިލް ކުރެއެވެ. ނަމަވެސް މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމުން މީގެ ތެރެއިން ގިނަ ދަރިވަރުން މިވަގުތު ތިބީ ރަޝިއާއިން ބޭރުގައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ކްރުސްކަށް ދިން ޑްރޯން ހަމަލާއެއްގައި މިދިޔަ އާދިއްތަ ދުވަހު ވެސް ވަނީ އެ ސިޓީގެ ފަސް އާންމުން ޒަޚަމްވެފައެވެ. ބޭރުގެ ނޫސްތަކުގައި ވާގޮތުން މި ހަމަލާ ދީފައި ވަނީ އެ ސިޓީގެ ރޭލު ސްޓޭޝަނަކަށެވެ. ހަމަލާގައި އެ ސްޓޭޝަނަށް ވެސް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ.
ކްރުސްކްގެ އިތުރުން ރަޝިއާގެ ވެރިކަން ކުރާ ސިޓީ މޮސްކޯއަށް ވެސް ޔޫކްރެއިނުން އަންނަނީ ހަމަލާތައް ދެމުންނެވެ.
ޔޫކްރޭއިނުން ހަމަލާތައް ވަރުގަދަކޮށްފައި ވަނީ، ރަޝިއާއިން ހިފާފައިވާ އެގައުމުގެ ބިންތައް އަނބުރާ ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެއްގެ ދަށުންނެވެ.