މުއިއްޒުގެ ވެރިކަމެއްގައި މުއިއްޒު ނޫނީ ޔާމީން އޮންނާނީ ޖަލުގައި: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ --

ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި މުއިއްޒު ނޫނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އޮންނަވާނީ ޖަލުގައި ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ބ. ތުޅާދޫގައި ރޭ ބޭއްވި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ވެރިކަން ލިބިއްޖެނަމަ ވަކި ބޭފުޅަކު މިނިވަން ކުރާނެ ވާހަކަ މުއިއްޒު ދައްކަވާ ކަމަށެވެ. އަދި، އެ ވާހަކައާ މެދު ވިސްނާލާއިރު އޭނާއަށް ފެންނަނީ މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ ޔާމީނާއި ދެ ބޭފުޅުން ކުރެ ކޮންމެ ވެސް އެއް ބޭފުޅަކު ޖަލުގައި އޮންނަ މަންޒަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެ ދެ ބޭފުޅުންގެ ޓްރެކްރެކޯޑާއި މާޒީއަށް ބެލުމުން އަޅުގަނޑަށް ފެނުނީ މުއިއްޒު ވެރިކަމަށް ވަޑައިގެންފިއްޔާ، ދެން ނުވާނެކަން ހިތުގެއަޑިން ގަބޫލުކުރަން، އެހެންނަމަވެސް މިއީ ޖަސްޓް.... އަޅުގަނޑަށް ފެންނަނީ ވެރިކަމަށް ވަޑައިގެންފިއްޔާ މުއިއްޒު އޮންނާނީ ޖަލުގައި. އެހެންނޫނީ ޔާމީން އޮންނާނީ ޖަލުގައި. ކޮންމެ ވެސް އެކަކު ފަސް އަހަރު ވަންދެން އޮންނާނީ ޖަލުގައި،" އިމްރާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޞާލިޙުގެ ވައުދުވުމާއި ވައުދު ފުއްދޭ މިންވަރާ އަޅައި ކިޔާއިރުގައި އެހެން ކެންޑިޑޭޓުން އުޅޭނީ ވަރަށް ފަހަތުގައި ކަމަށެވެ.

އޭނާ ވިދާޅުވީ މުޅި ދުނިޔޭގެ އިގުތިސާދު ފާއިތުވީ 30 އަހަރު ތެރޭގައި އެންމެ ދަށަށް ދިޔައީ ކޮވިޑު ތެރޭގައި ކަމަށާއި ނަމަވެސް އެ ގޮންޖެހުން ބޮޑު ވަގުތުގައި ވެސް ރައީސް ޞާލިޙް ގެންދެވީ ބަރާބަރަށް ވައުދު ފުއްދަވަމުން ކަމަށެވެ.

އިމްރާން ވިދާޅުވީ ގައުމެއް ތަރައްގީ ވާނީ އެ ގައުމެއްގެ ރައްޔިތަކު ދިރިއުޅޭ ހުރިހާ ސިޓީއަކާއި އަވަށެއް ތަރައްގީ ވެގެން ކަމަށެވެ. އެގޮތުން ރާއްޖެ ތަރައްގީ ކުރެވޭނީ ވެސް މީހުން ދިރިއުޅޭ ހުރިހާ ރަށެއް ތަރައްގީކޮށް ކުރިއެރުން ހޯދައިދީގެންނާއި ދިރިއުޅުމުގެ ފެންވަރު މައްޗަށް ޖައްސައިދީގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންވެގެން ކިޔަވައިދިނުމާއި އުގަންނައިދިނުމާއި ހުނަރުވެރިކަމާއި ވަޒީފާ އާއި މަސައްކަތް ކުރެވޭނެ ގޮތާއި ލޯނާއި ހުރިހާ އެއްޗެއް ވަށާ ޖެހޭ ގޮތަށް ރައީސް މި ގެންދަވަނީ މުޅި ރާއްޖެ ތަރައްގީ ކުރުމަށް،" އިމްރާން ވިދާޅުވިއެވެ.

ރައީސް ޞާލީޙުގެ ތަސައްވުރަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުން އިމްރާން ވިދާޅުވީ މުޅި ރާއްޖެ ތަރައްގީ ކުރާނެ މެނިފެސްޓޯއެއް ގެންގުޅުއްވާ ހަމައެކަނި ކެންޑިޑޭޓަކީ އެ މަނިކުފާނު ކަމަށެވެ. އަދި، އެހެން ކެންޑިޑޭޓުންގެ މެނިފެސްޓޯގައި ރާއްޖޭގެ ހުރިހާ ދިމާލަކަށް އިސްކަން ދެވިފައިނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ރައީސް ޞާލިޙާއި އެ މަނިކުފާނުގެ ރަނިންމޭޓް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުޙައްމަދު އަސްލަމް ފަދަ ތަޖުތިބާ ހުރި ދެ ބޭފުޅަކު ރާއްޖޭގެ ވެރިކަމަށް އަދި މިއަދާ ހަމައަށް އައިސްފައިނުވާ ކަމަށެވެ.

"އަސްލަމް، ރައީސް ކުރައްވާ ކަންތަކަށް ފާރަވެރިވެގެން ހުންނަވާ ވަރަކީ އިނގޭތޯ ޗެސް ގަނޑެއް ކުޅޭ އިރު ވެސް، ރައީސަށް ގޯހެއް ހަދަން ދޫކޮށެއް ނުލައްވާނެ. ދެން ބައްލަވާ އަދި ރައީސް މަސައްކަތް ކުރައްވާ ވަގުތު ގެންދަވާނެ ގޮތް. އަޅުގަނޑު ވަރަށް ކައިރިން ދުށިން،" އިމްރާން ވިދާޅުވިއެވެ.

comment ކޮމެންޓް