އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ޕާކިސްތާނުގެ އިދިކޮޅު ދެވަނަ ލީޑަރުވެސް ހައްޔަރުކޮށްފި

ޝާހު މަހްމޫދު ގުރައިޝީ

އިސްލާމް އާބާދު (21 އޮގަސްޓް 2023): ޕާކިސްތާނުގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު އިމްރާންޚާންގެ ތަހުރީކޭ އިންސާފް ޕާޓީގެ ދެވަނައަށް އެންމެ އިސްލީޑަރު ޝާހު މަހްމޫދު ގުރައިޝީ ކުއްލިގޮތަކަށް ހައްޔަރުކުރުމަކީ ޕާކިސްތާނުގެ އާންމު އިންތިޚާބުން ތަހްރީކޭ އިންސާފު އެކަހެރިކުރުމަށް ކުރާ މަސައްކަތުގެ ބައެއްކަމަށް އެޕާޓީން ބުނެފިއެވެ.

ތަހުރީކޭ އިންސާފު ޕާޓީގެ ތަރުޖަމާން ޒުލްފީ ބުޚާރީ ވިދާޅުވި ގޮތުގައި ފުލުހުންވަނީ ކުއްލި ގޮތަކަށް ގުރައިޝީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރުމަކީ އިންތިޚާބުގެ ފުރުސަތުން އެޕާޓީގެ ލީޑަރުން މަހުރޫމް ކުރުން ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ.

ގުރައިޝީ ހައްޔަރުކުރި ސަބަބު ހާމަކުރުމަށް ފުލުހުންވަނީ ފަސްޖެހިފައެވެ.

ޝާހު މަހްމޫދު ގުރައިޝީ އަކީ ޕާކިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރެވެ. ގުރައިޝީ ހައްޔަރުކޮށްފައި މިވަނީ ތަހުރީކޭ އިންސާފް ޕާޓީގެ ޒައީމު އަދި ކުރީގެ ބޮޑުވަޒީރު އިމްރާންޚާންގެ މައްޗަށް އިއްވި ޖަލު ހުކުމަކާ ގުޅިގެން އޭނާ ޖަލުގައި ހައްޔަރުކުރިތާ ހަފުތާއެއް ފަހުންނެވެ.

އެންމެ ފަހުގެ އިންތިޚާބުތަކާއި ޚިޔާލު ހޯދުމުގެ ސާވޭތަކާއި ރައްޔިތުންގެ އެއްވުންތަކަށް ބަލާއިރު ޕާކިސްތާނު ރައްޔިތުންގެ މެދުގައި އެންމެ މަގުބޫލު އަދި އެންމެ ބުރަދަންހުރި ނުފޫޒުގަދަ ސިޔާސީ ލީޑަރަކީ އިމްރާންޚާން އެވެ. އިމްރާންޚާންގެ މައްޗަށް އިއްވާފައިވަނީ ތިން އަހަރުގެ ޖަލު ހުކުމެކެވެ. މިއާއެކު އޭނާއަށްވަނީ އިންތިޚާބުތަކުގައި ވާދަކުރުންވެސް މަނާކޮށްފައެވެ.

މިހުކުމް އިއްވާފައިވަނީ އިމްރާންޚާން ބޮޑުވަޒީރުކަމުގައި ހުންނެވި ދުވަސްވަރު ލިބިވަޑައިގެންނެވި ބައެއް ހަދިޔާތައް ވިއްކަވައިގެން އެއިން ލިބުނު ފައިދާ ބޭނުންކުރެއްވިކަން ޝަރީއަތަށް ސާބިތުވެގެންކަމަށް ބުނެފައެވެ. އިމްރާންޚާންގެ މައްޗަށް ޝަރީއަތް ހިންގާފައިވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ. ދިފާއުގައި ވަކާލާތުކުރުމުގެ އެއްވެސް ފުރުސަތެއް އިމްރާންޚާންގެ ގާނޫނީ ޓީމުގެ އެއްވެސް ވަކީލަކަށް ނުދީއެވެ.

ހުކުމް އިއްވާފައިވަނީވެސް ރޭގަނޑު ދަންވަރު ކޯޓު ހުޅުވައިގެން ވަރަށް އަވަސް އަރުވާލައިގެންނެވެ. މިހުރިހާ ކަމެއްވެސް ވަމުންމިދަނީ ޕާކިސްތާނުގެ އާންމު އިންތިޚާބު ބޯމަތިވެފައި ވަނިކޮށެވެ.

މިދިޔަ އަހަރު އިމްރާންޚާން ބޮޑުވަޒީރުކަމުން ދުރުކޮށްފައިވަނީ ސިފައިންގެ ބާރާއި ނުފޫޒުގެ އިތުރުން އެމެރިކާގެ ފިއްތުންތަކެއްވެސް ޕާކިސްތާނަށް ކުރިމަތިވެގެންކަމަށް އިތުބާރުހުރި އެމެރިކާގެ މީޑިއާ ރިޕޯޓްތަކަކުންވަނީ ހާމަވެފައެވެ.

އާންމު އިންތިޚާބު ބޯމަތިވެފައިވަނިކޮށް އިމްރާންޚާން ހައްޔަރުކުރުމާއި އިމްރާންޚާންގެ ޕާޓީގައި ދެވަނައަށް ހުންނެވި ޝާހު މަހްމޫދު ގުރައިޝީވެސް ކުއްލިގޮތަކަށް ހައްޔަރު ކުރުމުން މިއީ ޕާކިސްތާނުގެ ނުފޫޒުގަދަ އަސްކަރިއްޔާ އަޑީގައި އޮވެގެން އިންތިޚާބުން އިމްރާންޚާންގެ ޕާޓީ މަހުރޫމު ކުރުމަށް ހިންގާ ކަންތައްތަކެއްކަމަށް އެޕާޓީގެ މެންބަރުންނާއި ސަޕޯޓަރުން ދެކެއެވެ.

ޕާކިސްތާނުގައި ޑިމޮކްރަސީއަށް ހުރަސްއެޅޭގޮތަށް މިކަންކަން ކުރާއިރުވެސް ޑިމޮކްރަސީއާއި މިނިވަން އިންތިޚާބަށް ވަކާލާތުކުރާ އެމެރިކާއާއި ޔޫރަޕްގެ އިއްތިހާދާއި ކޮމަންވެލްތު ފަދަ ފަރާތްތަކުން ޗުއްޕުވެސް ނުބުނާކަން އިމްރާންޚާންގެ ޕާޓީންވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް މިފަރާތްތަކަކީ ސިޔާސީ ލީޑަރުން ހައްޔަރުކުރުމާއި ސިފައިންގެ ބާރާއި ނުފޫޒު ގައުމުތަކުގެ ސިޔާސީ ދާއިރާއަށް ފޯރުވުމާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި އަޑު އުފުލަމުންގެންދާ ފަރާތްތަކެކެވެ. ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކަކީ އަމިއްލަ އެދުމާއި މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ހަތިޔާރެއްގެ ގޮތުގައި ގެންގުޅޭ އެއްޗެއްކަމުގެ ތުހުމަތު އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ މައްޗަށް ވަނީ ކުރެވިފައެވެ. ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގައި ހުޅަނގުން ގެންގުޅޭ ދެފުށްދެގޮތް ސިޔާސަތު މީގެކުރިންވެސް ދުނިޔޭގެ އެކިގައުމުތަކުންވަނީ ފެނިފައެވެ.

އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޕާކިސްތާނުގެ ޕާލަމެންޓް އުވާލައި އިންތިގާލީ ބޮޑުވަޒީރަކާއި އިންތިގާލީ ސަރުކާރެއް އެކުލަވާލާފައިވާއިރު ކުރިޔަށްއޮތް 90 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހެއެވެ. ނަމަވެސް ޕާކިސްތާނުގެ އިންތިޚާބުތަކާބެހޭ ކޮމިޝަނުންވަނީ އިންތިޚާބު ފަސްކުރަންޖެހިދާނެކަމަށް ބުނެފައެވެ.

އިންތިޚާބު ފަސްކުރަން މަސައްކަތްކުރަނީ ޕާކިސްތާނުގެ އާންމު ރައްޔިތުންގެ ތާއީދު ބޮޑީ އިމްރާންޚާންގެ ޕާޓީއަށްކަމަށް ވެފައި ޕާކިސްތާން ސިފައިންގެ ތާއީދުއޮތް މައި ދެޕާޓީކަމަށްވާ މުސްލިމް ލީގު ނަވާޒް އާއި ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އަށް ތާއީދު ނެތުމުންކަމަށް އިމްރާން ޚާންއަށް ތާއީދު ކުރާ ފަރާތްތަކުން ދެކެއެވެ.

comment ކޮމެންޓް