އައިއޯއައިޖީ 2023ގައި ބައިވެރިވާ ދިވެހި ވަފުދާ ރައީސް ބައްދަލުކުރައްވައިފި

އައިއޯއައިޖީގެ ވަފުދާ ރައީސް ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އިންޑިޔާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ ކުޅިވަރު މުބާރާތް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023، ގައި ބައިވެރިވާ ދިވެހި ވަފުދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ބައްދަލުކުރައްވައިފިއެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ހަވީރު ބޭއްވި މި ބައްދަލުކުރެއްވުމުގައި ވަނީ އައިއޯއައިޖީ 2023ގައި ރާއްޖެ ތަމްސީލުކުރާ ފްލޭގް ބެއަރާ އިއުލާންކޮށްފައެވެ.

ފްލޭގް ބެއަރާސްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޓެނިސް ކުޅުންތެރިޔާ އަބުދުﷲ ފާއިހް ފަޒީލްއާއި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީއެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީއަށް ފްލޭގް ހަވާލުކޮށްދެއްވާފައިވެއެވެ.

މި މަހުގެ 25 އިން ސެޕްޓެމްބަރު ތިނެއްގެ ނިޔަލަށް މަޑަގަސްކަރާގައި ކުރިޔަށްގެންދާ އައިއޯއައިޖީ 2023ގައި ރާއްޖޭން ޖުމްލަ 176 ކުޅުންތެރިން ވާދަކުރެއެވެ. އަދި މިފަހަރު ޖުމްލަ ނުވަ ކުޅިވަރަކާއި ޔޫތް ކޭންޕުގައި ރާއްޖޭން ބައިވެރިވެއެވެ.

އައިއޯއައިޖީގައި ރާއްޖޭން ވާދަކުރާ ކުޅިވަރުތަކުގެ ތެރޭގައި ޓޭބަލް ޓެނިސް، ހޭންޑް ބޯލް، ޓެނިސް، ޕެރަ އެތްލެޓިކްސް، ސްވިމިން، ބާސްކެޓް ބޯލް ހިމެނެއެވެ.

ކުޅުންތެރިން އުފައްދައި، ހުނަރުވެރި ގާބިލް، އަދި ހަށިހެޔޮ ޒުވާން ޖީލެއް ބިނާކޮށް، ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް އިބްރާހީމް މުޙައްމަދު ޞާލިޙް، ވަރަށްބޮޑު އިސްކަމެއްދެއްވާ ކަމެކެވެ.

comment ކޮމެންޓް