ކުރިއަށް އޮތް ދެ ދުވަހު އުދަ އަރާފާނެ، ސަމާލުވެގެން ތިބޭތި

މާލެއަށް މީގެ ކުރިން އުދަ އަރާ މަންޒަރު -- ފޮޓޯ/ ފަޔާޒް މޫސާ

ކުރިއަށް އޮތް ދެ ދުވަހު ވެސް މެދު ރާއްޖެ ތެރެ އާއި ދެކުނުގެ އަތޮޅުގެ ރަށްތަކަށް އުދަ އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

"ސަން"އަށްއާ ވާހަކަދައްކަވަމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އުދަ އެންމެ ބޮޑަށް އަރަމުން ދާނީ މެދު ރާއްޖެ ތެރެއާއި ދެކުނުގެ ކަނޑުގެ ދިޔަވަރު ބޮޑުވުމާ ގުޅިގެން ކަމަށެވެ.

މެދު ރާއްޖެތެރެއަށް ދިޔަވަރު ބޮޑުވާނީ މާދަމާ މެންދުރުފަހު 3:03ގައެވެ. ދެކުނުގެ އަތޮޅުތަކަށް 3:42ގައެވެ.

"މާދަމާ މެންދުރު ދިޔަވަރު ބޮޑުވާ ގަޑީގައި ރާއްޖޭގެ އެކި ހިސާބުތަކަށް އުދައިގެ އަސަރުކޮށްފާނެ. ކުރިއަށް އޮތް 20، 21 ގަ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުގެ ރަށްތަކަށް އުދައިގެ އަސަރު ބޮޑަށް ކުރާނެ ކަމަށް ލަފާކުރެވެނީ،" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން، އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ހަ މޭލާއި 16 މޭލާ ދެމެދުގެ ބާރުބިނުގައެވެ.

ކުރިއަށް އޮތް ދެ ދުވަހު ވެސް ދެކުނާއި މެދު ރާއްޖެ ތެރެއަށް އުދަ އަރާނެ ކަމަށް މެޓުން ލަފާކުރިއިރު، މިމަހުގެ ފަސް ވަނަ ދުވަހުވެސް މާލެ އާއި ރާއްޖޭގެ އެހެން ބައެއް އަތޮޅުތަކަށް ވެސް އުދަ އަރައިގެން ރިޕޯޓު ކުރިއެވެ.

އެދުވަހު، މާލެއަށް އެންމެ ބޮޑަށް އުދައަރާފައި ވަނީ ލޮނުޒިޔާރަތްކޮޅު ސަރަހައްދާއި ސިނަމާލެ ބްރިޖާއި ހައިވޭ ގުޅޭ ޖަންކްޝަނަށެވެ. އުދައެރި ވަގުތު، އެ ސަރަހައްދުން ސައިކަލުގައި ދަތުރުކުރި ބައެއް މީހުންނާއި އެ މީހުންގެ ވެހިކަލްތަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް މުޅި ރާއްޖެއަށް މޫސުން ރަނގަޅުވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް