މުއިއްޒުގެ ވެރިކަމެއްގައި ބޮޑުކަންނެލި ގަންނަ އެންމެ ކުޑަ އަގަކީ 80 ރުފިޔާ!

ޑރ. މުއިއްޒު މުލަކު ރައްޔިތުންނާ ސަލާން ކުރައްވަނީ --

(މ. މުލަކުން، ޢާލިމް އަބްދުއްލަތީފް)

ބޮޑުކަންނެލި ގަންނަ އެންމެ ކުޑައަގަކީ 80 ރުފިޔާއަށް ހައްދަވައިދެއްވާނެ ކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މ. މުލަކުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ ކޮންމެ ފެކްޓްރީއަކަށް ވެސް ބޮޑުކަންނެލި ގަންނަ އެންމެ ދަށް އަގަކީ 80 ރުފިޔާއަށް ބަދަލުކުރައްވާނެ ކަމަށެވެ. އަދި، އޭ ގްރޭޑް ކަންނެލި ގަންނަ އެންމެ ދަށް އަގަކީ 100 ރުފިޔާއަށް ހައްދަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެ ކަން ކުރަން ވަގުތު ނަގާނެ ކަމަށާއި، ނަމަވެސް، އޭނާގެ މަގުސަދަކީ އަދި ޓާގެޓަކީ އެއީ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ރޭ ނިލަންދޫގައި އޮތް ޖަލްސާގައި މުއިއްޒު ވަނީ މަސްވެރިކަމުގެ ސިޔާސަތުގެ ބައެއް ކަންކަން ހާމަކުރައްވައިފައެވެ. އެ ގޮތުން މަސްވެރިންގެ ކޯޕަރޭޓް ސޮސައިޓީއެއް ގާއިމުކުރައްވައި އެ ކޯޕަރޭޓިވް ސޮސައިޓީގެ ހިއްސާ މިފްކޯގައި އޮންނަ ގޮތަށް ކަނޑައަޅުއްވައި، އެ ހިއްސާގެ ސަބަބުން މިފްކޯއިން ދީދާ ގޮތުގައި މަސްވެރިންނަށް ބޭރު ފައިސާއިން ފައިދާ ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެކަން ރޭ އިއުލާން ކުރެއްވިއެވެ.

ޑރ. މުއިއްޒު މުލަކުގައި ވާހަކަ ދައްކަވަނީ --

މީގެ އިތުރުން، މަސްވެރިންނަށް ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އެ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ޑީސަލާއި ޕެޓްރޯލް މަސްވެރިންނަށް ގަންނަން ލިބޭ އަގު އޭނާގެ ވެރިކަމެއްގައި ކުޑަކޮށްދޭނެ ކަމަށެވެ.

މިރޭގެ ވާހަކަައިގައި މުއިއްޒު ވަނީ މުލަކުގައި މަސް ފެކްޓްރީއެއް ހައްދަވައިދެެއްވާނެ ކަމަށް ވެސް ވައުދުވެވަޑައިގެންފައެެވެ.

comment ކޮމެންޓް