ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި ތުހުމަތުވާ އަބްދުﷲ އިބްރާހީމް (ގައްބަރޭ) އަލުން ހައްޔަރު ކޮށްފިއެވެ.
ގައްބަރޭ ހައްޔަރު ކުރީ، ހޯދަން އިއުލާންކުރިތާ ހަފުތާއެއް ފަހުން، އޭނާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން މެއި މަހުގެ 23ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ އޭނާގެ ބަންދަށް ޖެހީ 30 ދުވަހެވެ.
އެއަށް ފަހު މިދިޔަ ޖުލައި މަހުގެ ހަވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލާފައެވެ. ނަމަވެސް އެންމެ ފުރަތަމަ އޭނާ ބަންދު ކުރީ ކުށަށް ތުހުމަތުކުރެވޭ ވަރަށް ފުލުހުން ހެކި ހުށަހަޅާފައި ވާތީއެވެ.
އެގޮތުން ހެކީންގެ ބަޔާނާއި، ސީސީޓީވީ ފުޓޭޖްގެ ސްނެޕްޝޮޓާއި އަނިޔާލިބުނު ފަރާތުގެ މެޑިކޯ އަދި ފޮޓޯތަކާއި އިންޓެލިޖެންސް ރިޕޯޓްތައް ފުލުހުން ހުށަހަޅާފައިވެއެވެ.
ކްރިމިނަލް ކޯޓުން ގައްބަރޭ ދޫކޮށްލުމުން ދައުލަތުގެ ފަރާތުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އެ މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމުގައިވަނީ ގައްބަރޭ އާއި ދެން ތިބި ދެ މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ ގާނޫނާ ހިލާފަށް ކަމަށާއި، އެ މީހުންގެ ބަންދު ކުރަން ފަސް ދުވަސް ތެރޭގައި ހުށަހަޅައިފިނަމަ ބަންދާ މެދު ގޮތެއް ނިންމަން އަމުރު ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ އެ މައްސަލާގައި މިހާތަނަށް ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރު ކުރި ދެ މީހުންގެ ތެރޭގައި ގައްބަރޭ ހިމެނެއެވެ.
ގައްބަރޭއަކީ ބަންދު ރެކޯޑެއް އޮތް މީހެކެވެ.
އޭނާ އަކީ 2007ވަނަ އަހަރު ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ހ. ކުބުރާ އަލީ އިޝާރު މަރާލުމުގައި ބައިވެރިވިކަމަށް ފުލުހުންގެ ތަހުގީގުގައި އިއުތިރާފް ވެފައިވާ މީހެކެވެ. އޭރު އޭނާގެ އުމުރަކީ 16 އަހަރެވެ. އެ މައްސަލައިގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އުފުލައިފައެވެ.
ނަމަވެސް ހެކި ނެތުމުގެ ސަބަބުން އޭނާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް 2010 ވަނަ އަހަރު ޖުވެނައިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ޖުވެނައިލް ކޯޓުން ކުރި ހުކުމް ދައުލަތުން ވަނީ ހައިކޯޓުގައި 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު އިސްތިއުނާފު ކޮށްފައެވެ.