އުމުރުން 34 އަހަރުގެ ވަލްކޮޓް ރިޓަޔާކޮށްފި

އާސެނަލްގެ ކުރީގެ ފޯވަޑް ތިއޯ ވަލްކޮޓް -- ފޮޓޯ/ ގެޓީ

އާސެނަލްގެ ކުރީގެ ފޯވަޑް ތިއޯ ވަލްކޮޓް، އުމުރުން 34 އަހަރުގައި ރިޓަޔާކޮށްފިއެވެ.

ވަލްކޮޓް ރިޓަޔާމަންޓް އިއުލާންކޮށްފައި މި ވަނީ، މިދިޔަ ސީޒަނަށް ފަހު ސައުތުހެމްޓަންއާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އައިސްފައި ވަނިކޮށެވެ. ވަލްކޮޓްގެ ކްލަބު ކެރިއަރުގައި އޭނާ ވަނީ 563 މެޗު ކުޅެ، 129 ގޯލު ޖަހައިފައެވެ. އޭނާ ވަނީ އިނގިރޭސި ގައުމީ ޓީމަށް ވެސް 47 މެޗެއް ކުޅެ، އަށް ގޯލު ކާމިޔާބުކޮށްދީފައެވެ.

އިންސްޓަގްރާމް މެދުވެރިކޮށް ވެލްކޮޓް ދިން މެސެޖެއްގައި ބުނީ އުމުރުން ދިހަ އަހަރުން ފެށިގެން އޭނާ ފެށި ދަތުރަކީ ހާއްސަ ދަތުރެއް ކަމަށާއި ޕާކުތަކުގައި ކުޅުން ފެށުމަށްފަހު، ބޮޑެތި ސްޓޭޑިއަމްތަކުގައި ކުޅުމުގެ ފުރުސަތު ވެސް ލިބިގެންދިޔަ ކަމަށެވެ. އަދި އޭނާގެ ކެރިއަރުގައި ކުރިއަށްދިއުމުގެ ހިތްވަރު ލިބިގެންދިޔައީ ސަޕޯޓަރުންގެ ފަރާތުންކަން ވަލްކޮޓް ފާހަގަކުރިއެވެ.

"އަހަރެންގެ ފުޓުބޯޅަ ކެރިއަރުގައި މޮޅެތި ކުޅުންތެރިންނާ އެކު ކުޅުމުގެ ފުރުސަތު ލިބި، ހާއްސަ ހަނދާންތަކެއް އަބަދު ވެސް ހުންނާނެ. އަހަރެންނަށް ކޯޗުކަން ކޮށްދިން ކޯޗުންނަށް ޝުކުރު އަދާކުރަން. ހާއްސަކޮށް އަހަރެންގެ ކެރިއަރު ފަށައިދިން ހެރީ ރެޑްނެޕް އަދި އުމުރުން އެންމެ 16 އަހަރުގައި އަހަރެންނަށް އިތުބާރުކުރި އާސެން ވެންގާއަށް ހާއްސަ ޝުކުރެއް އަދާކުރަން،" ވަލްކޮޓް ބުންޏެވެ.

ވަލްކޮޓްގެ އެންމެ ކާމިޔާބީ ދުވަސްތައް އޭނާ ހޭދަކޮށްފައިވަނީ އާސެނަލާ އެކުއެވެ. އެ ކްލަބުގައި ވަލްކޮޓް ހޭދަކުރި 12 އަހަރުގެ ތެރޭގައި އޭނާ ވަނީ 100 އަށްވުރެ ގިނަ ގޯލު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އާސެނަލާ އެކު ދެ ސީޒަނެއްގެ އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ. ސައުތުހެމްޓަނުން ކެރިއަރު ފެށި ވަލްކޮޓްގެ ކެރިއަރު ނިންމާލާފައި މި ވަނީ ވެސް އެ ކްލަބުންނެވެ. އާސެނަލާއި ސައުތުހެމްޓަންގެ އިތުރުން ދެން އޭނާ ފެނިގެން ގޮސްފައިވަނީ އެވަޓަނުންނެވެ.

comment ކޮމެންޓް