ޗެލްސީއަށް ލަވިއާ ސޮއިކޮށްފައިވާކަން އިއުލާންކޮށްފި

ޗެލްސީއާ ގުޅުނު ބެލްޖިއަމް މިޑްފީލްޑަރު ރޯމިއޯ ލަވިއާ -- ފޮޓޯ/ ގެޓީ

ސައުތުހެމްޓަންގެ ބެލްޖިއަމް މިޑްފީލްޑަރު ރޯމިއޯ ލަވިއާ، ޗެލްސީއަށް ސޮއިކޮށްފައިވާކަން އެ ކްލަބުން އިއުލާންކޮށްފިއެވެ.

އުމުރުން 19 އަހަރުގެ ލަވިއާ ޗެލްސީއާ ގުޅިފައިވަނީ ހަތް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން 58 މިލިއަން ޕައުންޑް (74 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ. މި ސީޒަނުގައި ޗެލްސީން އޭނާ ފެނިގެންދާނީ އެ ކްލަބުގެ 45 ނަންބަރުގެ ޖާޒީގައެވެ.

ލަވިއާއަކީ އެންޑަލެކްޓްގެ އެކަޑަމީން ތަމްރީނުވެގެން އައި ކުޅުންތެރިއެކެވެ. އުމުރުން އެންމެ 16 އަހަރުގައި ލަވިއާ މެންޗެސްޓާ ސިޓީއަށް ސޮއިކުރި ނަމަވެސް، މާ ގިނަ ދުވަސްތަކެއް ނުވަނީސް އެ ކްލަބުން ވަނީ އޭނާ ސައުތުހެމްޓަނަށް ވިއްކާލައިފައެވެ. މިދިޔަ ސީޒަނުގައި ސައުތުހެމްޓަން ރެލިގޭޓުވި ނަމަވެސް، ޗެލްސީ އާއި ލިވަޕޫލަށް ވަނީ އޭނާގެ ކުޅުން ފާހަގަކޮށްލެވިފައެވެ.

ލަވިއާ އަކީ ލިވަޕޫލުން މަސައްކަތްކުރަމުން ދަނިކޮށް، ޗެލްސީން ހޯދި ދެވަނަ ކުޅުންތެރިޔާއެވެ. މިސީޒަނުގައި ޗެލްސީން ވަނީ މޮއިސެސް ކައިސޭޑޯ، ލިވަޕޫލާ ގުޅުމާ ގާތަށް ގޮސްފައިވަނިކޮށް އޭނާ ވެސް ހޯދައިފައެވެ.

"ޗެލްސީއާ ގުޅުމަށް ފުރުސަތު ލިބުމުން ވަރަށް އުފާކުރަން. މިއީ އަހަރެންނަށް މުހިންމު ޕްރޮޖެކްޓަކަށް ވާނެ. މިއީ ވަރުގަދަ ތާރީހެއް އެކުލެވޭ ކްލަބެއް. ކާމިޔާބީ ހޯދުމަށް މަސައްކަތް ފެށުމަށް އަހަރެން މިހުރީ ތައްޔާރަށް،" ޗެލްސީއާ ގުޅުމަށްފަހު ލަވިއާ ބުންޏެވެ.

ޕްރިމިއާ ލީގުގައި އަންނަ އާދީއްތަ ދުވަހު ޗެލްސީން ވެސްޓް ހާމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި ކައިސޭޑޯއާއެކު ލަވިއާ ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

comment ކޮމެންޓް