އައްޑުއާއި ފުވައްމުލަކުގައި އާރްޓީއެލް ފެރީ ޚިދުމަތް ފަށައިފި، 24ގެ ނިޔަލަށް ދަތުރުތައް ހިލޭ

ހުވަދު އަތޮޅަށް ފުރި އާރުޓީއެލްގެ ފެރީތައް --- ފޮޓޯ: މާހިލް އާތިފް

މުޅި ރާއްޖެ ފެރީގެ ނިޒާމުން ގުޅައިލުމަށް އެމްޓީސީސީން ހިންގާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ނިޒާމުގެ ތެރެއިން އައްޑުއާއި ފުވައްމުލަކުގައި ފެރީގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

އެމްޓީސީސީން ބުނީ މި ދެ ސަރަހައްދުގައި އަލަށް ޚިދުމަތް ފެށުމާއެކު 24ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ފެރީގެ ޚިދުމަތް ލިބޭނެކަމަށެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ ގއ. އަދި ގދ. އަތޮޅާއި އައްޑުއާއި ފުވައްމުލައް ދެމެދު ދަތުރުތައް ކުރެވޭހެން ހައިވޭ ލިންކެއް ވެސް ގާއިމްކޮށްފައިވާކަމަށެވެ.

ދަތުރުތައް ހިލޭކުރުމުގެ މައިގަނޑު ބޭނުމަކީ ފެރީގެ ޝެޑިއުލަށް ރައްޔިތުން އަހުލުވެރިކުރުވުމާއި މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ރައްޔިތުންނަށް ދިނުންކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން ބުނީ ހިލޭ ދަތުރުތަކަށް ފެރީން ޖާގަ ހޯދޭނީ އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް ބުކްކޮށްގެން ކަމަށެވެ.

އަގު ނެގުމަށް ހަމަޖެހިފައިވަނީ 25ވަނަ ދުވަހުން ފެށިގެންނެވެ. އެއާއެކު ކައުންސިލް މެދުވެރިކޮށް ދަތުރުތައް ބުކްކުރުން ހުއްޓާލާނެއެވެ. އޭގެ ފަހުން ދަތުރު ބުކްކުރެވޭނީ އާރްޓީއެލް ޓްރެވަލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށްކަމަށް އެމްޓީސީސީން މައުލޫމާތު ދެއެެވެ.

https://sun.mv/180755

މީގެ ކުރިން ރިޔާސީ ކެމްޕޭނުގައި ވާހަކަފުޅުދައްކަވަމުން ރައީސްވަނީ ވަރަށް އަވަހަށް ނ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ވެސް ފައްޓަވައި ދެއްވާނެ ކަމަށް އިއުލާން ކުރައްވަައިފައެވެ.

ނ. ޅޮހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މިހާރު އެ ކަން ކުރުމަށް ޓަކައި ކުރަމުން އަންނަނީ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.

"ދެން އިރާދަކުރެއްވިއްޔާ އެ ޚިދުމަތް އަންނާނީ ނ. އަތޮޅަށް. މިހާރުވަނީ އެ ކަމަށް ބޭނުންވާ ލޯންޗުފަހަރު، އުޅަނދުފަހަރު ބަނުމަށް ހަވާލުކުރެވިފައި. އުންމީދަކީ ކުރިއަށް އޮތް ދެ ތިން މަަސް ދުވަހުގެ ތެރޭ މި އަތޮޅުގައި އެ މަޝްރޫއު އެ ޚިދުމަތް ފެށިގެން ދިއުން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެއީ މި އަތޮޅަށް ވެސް ކުރިއެރުން ލިބޭނެ ކަމަކަށް ވެގެންދާނެކަމަށެވެ.

comment ކޮމެންޓް