އަންވަރު ނައީމްގެ ''އިންވިންސިބަލް'' ގެ ފުރަތަމަ ބައި ނެރެފި

އަންވަރު ނައީމް ލިޔުއްވި ވާހަކަ ''އިންވިންސިބްލް'' ގެ ފުރަތަމަ ބައި ފަޒްނާ ނެރެދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ފުލުހުންގެ މުއައްސަސާގައި 18 އަހަރު ޚިދުމަތް ކުރެއްވި އަންވަރު ނައީމް ލިޔުއްވި ވާހަކަ ''އިންވިންސިބްލް'' ގެ ފުރަތަމަ ބައި ރައީސުލްޖުމުހުރިއްޔާގެ އަނބި ކަބަލުން ފަޒްނާ އަހްމަދު ނެރެދެއްވައިފިއެވެ.

ގައުމީ ކުތުބުޚާނާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ފޮތް ނެރެދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ފަޒްނާ ވިދާޅުވީ ލިޔުންތެރި މާހައުލެއް އުފެއްދުމަކީ ވަރަށް މުހިއްމުކަމެއްކަމަށެވެ.

''ރަނގަޅަށް ވާހަކަ ދައްކަން ބޭނުމިއްޔާ މީހުން ދައްކާ ވާހަކަ އަޑުއަހާށޭ. ރަނގަޅަށް ލިޔަން ބޭނުމިއްޔާ ގިނައިން ފޮތް ކިޔާށޭ،'' އެކަމަނާ ވިދާޅުވިއެވެ.

ހަމައެއާއެކު، އަންވަރު ނައީމްގެ މަސައްކަތަށް އެކަމަނާ ތައުރީފު ކުރެއްވިއެވެ.

އަންވަރު ނައީމް ލިޔުއްވި ވާހަކަ ''އިންވިންސިބްލް'' ގެ ފުރަތަމަ ބައި ނެރެދެއްވުމަށްފަހު ފަޒްނާ ވާހަކަފުޅުދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

މި ފޮތާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އަންވަރު ނައީމް ވިދާޅުވީ، އެ ފޮތް ލިޔެފައި ވަނީ އަމިއްލަ ޚިޔާލުގެ މައްޗަށް ކަމަށެވެ. މީގެއިތުރުން، މި ފޮތް ލިޔުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބިފައިވަނީ އާއިލާގެ ފަރާތުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޅަދާނަ ލިޔުންތެރިޔާ އަންވަރު ނައީމަކީ ދިނީ އިލްމުވެރިޔާ ޑރ. އަނާރާ ނައީމްގެ ބޭބެއެވެ. އޭނާ ވަނީ އިނގިރޭސިވިލާތުން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ. އަންވަރު އެ ފޮތް ލިޔުއްވި އިރު ހުންނެވީ ފުލުހުންގެ ސެންޓްރަލް އޭރިޔާގެ ކޮމާންޑަރަކަށެވެ.

މިއަދު ނެރުނު ''ދަ ކޮންފިއުޝަން''ގެ އިތުރުން އެ ވާހަކައިގެ އިތުރު ދެ ބައެއް ނެރުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް