ވެރިކަން ލިބިއްޖެ ނަމަ ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލު ކުރާނެ ކަމަށް ވިދާޅުވުމުން ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.
އެގޮތުން ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވެސް އިން މިއަދު ބުނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ބޮޑު މެޖޯރިޓީއެއް ބޭނުންވެގެން ގެނެވިފައިވާ އެހާ މުހިންމު ބަދަލެއް އަނެއްކާ ބަދަލު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ޓީމްގެ ސެކްރެޓަރީ ޖެނެރަލް މައުރޫފް ޒާކިރު (މަޓޭ) މިއަދު 'ސަން'އަށް ވިދާޅުވީ، ޑިސެންބަރު މަހަށް ޗުއްޓީ އަނެއްކާ އަލުން ބަދަލު ކުރުމަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއްގެ އަތުން ހައްޤެއް ނިގުޅައިގަތުން ކަމުގައެވެ.
"ޖޫން ޖުލައި މަހަށް ޗުއްޓީ ބަަދަލު ކުރުމަކީ ދިމާ ވެފައި އޮތް ވަރަށް ބޮޑު އިޖުތިމާއިީ މައްސަލަ އަކަށް ހައްލެއް ހޯދަން ކުރި ކަމެއް. އެއީ ރިސޯޓު ތަކުގަ މަސައްކަތް ކުރާ މުވައްޒަފުންނަށް އަނބި ދަރިން ކައިރިއަށް ނުދެވުން. އެހެންވީމަ އަޅުގަނޑުމެން އެކަން ކުރާކަށް ފުރުސަތެއް ނުދޭނަން. ޓީމްގެ ސްޓޭންޑް އަކީ އެޔާ ދެކޮޅަށް މަސައްކަތް ކުރުން،" މައުރޫފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރިސޯޓް ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޑިސެންބަރު މަހަށް ޗުއްޓީ ނުލިބޭނެ ކަމަށެވެ. އެހެންވެ ލޯ ސީޒަންއަށް ސްކޫލު ބަންދު ބަދަލު ކުރުމަކީ ވަރަށް ގިނަ ދުވަހުގެ މަސައްކަތަށް ފަހު ކޮވިޑުގެ އެޑްވާންޓޭޖާ އެކު ލިބުނު ފުރުސަތެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރަށް 'ރިސޯޓް ވޯކާސް މޯލްޑިވްސް' އިން މިއަދު ފޭސްބުކްގައި ޖެހި ސްޓޭޓަސްއެއްގައި މިކަން ސިފަ ކުރީ 20،000 ރިސޯޓު މުވައްޒަފުންނާއި އެ މީހުންގެ އަނބި ދަރިންގެ މޫނުމަތީގައި ޖަހާލި އެތިފަހަރެއްގެ ގޮތުގައެވެ.
މީގެ އިތުރަށް މި ސްޓޭޓަސްގައި ބުނެފައިވަނީ މުއިއްޒަށް ވެރިކަން ބަދަލު ވެއްޖެ ނަމަ މި ސަރުކާރުން ރިސޯޓު މުވައްޒަފުންނަށް ދިން ހުރިހާ ފައިދާތަށް ވެސް ގެއްލުވާލައިފާނެ ކަމަށެވެ.
"މި ވަރުން ދަންޏާ ރިސޯޓު މުވައްޒަފުންނަށް ދިން މިނިމަމް ވޭޖާއި، ޤާނޫނުގަ މި ސަރުކާރުން ލިޔެދިން %10 ސާވިސްޗާޖާއި، މި ހުރިހާ ކަމެއް ނެތި ކޮށްލާނެ." އެ ސްޓޭޓަސްގައި ވެއެވެ.
މި ކަމާ ގުޅޭގޮތުން މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ރިސޯޓު މުވައްޒަފުންގެ އެ ކަންބޮޑުވުމަށް ހައްލެއް ގެނެސްދޭނެ ކަމަށެވެ.
މިހާރު ބޮޑު ޗުއްޓީއަށް ސުކޫލުތަށް ބަންދުވާއިރު، މޫސުން ގޯސްވުމާ ގުޅިގެން މި ބޮޑު ބަންދުގައި ވެސް އެއްވެސް ތަނަކަށް ދަތުރުނުކުރެވި އާއިލާތަކަށް އެއްކޮށް މަޖާކޮށްލުމުގެ ފުރުސަތު ނުލިބޭ ކަމުގެ ޝަކުވާއާއި ކަންބޮޑުވުން ބެލެނިވެރިން އަންނަނީ އެކި ގޮތްގޮތަށް ފާހަގަކުރަމުންނެވެ.