ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ކެމްޕޭން މާ ވަރުގަދަ ކަމަށާއި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އެމަނިކުފާނު އަތު ނުލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އއ. ބޮޑުފޮޅުދޫގައި މިއަދު ބޭއްވި ރައީސް ޞާލިޙްގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ޕީޕީއެމް، ޕީއެންސީ ކޯލިޝަން އޮތީ މާ ފަހަތުގައި ކަމަށެވެ.
"މަނިކުފާނު ހއ. ތުރާކުނުން ފެށި ދަތުރު މިހާރު ތިއޮއްގޮސް ނިންމަނީ ސ. އަތޮޅު ގަމާ ހަމައަށް. އަދި އެއުޅެނީ އެބޭފުޅުންގެ އޮޑިފަހަރު ކާށިދޫ ކަނޑު ވެސް ހުރަސް ނުކުރެވިގެން. ދެނެއް ނުވާނެ އަތެއް. ދެނެއް ނުވާނެ އަތެއް. ތިޔަ ތިއްބެވީ މާ ފަހަތުގައި،" ޒަރީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި ވެސް އަރިއަތޮޅުގެ ތަރައްގީއަށް ޚަރަދުނުކުރާ މިންވަރަށް ރައީސް ޞާލިހުގެ ސަރުކާރުން ޚަރަދުކޮށްފައިވާ ކަމަށެވެ. އަދި ހަމައެކަނި ބޮޑުފޮޅުދުއަށް ބެލިޔަސް ތަރައްގީގެ ހަތަރު މަޝްރޫއެއް ނިމިފައިވާ ކަމަށް ޒަރީރު ވިދާޅުވިއެވެ.
"މުޅި މި ދާއިރާއަށް ބަލާލިޔަސް އަޅުގަނޑުމެންނަށް މިއަދުގެ ސަރުކާރުން އެބަ ޚަރަދުކުރޭ އޯވާ ބިލިއަނެއްހާ ރުފިޔާ. ބިލިއަނެއްހާ ރުފިޔާ މިކިޔަނީ. މިއީ އަޅުގަނޑުމެންގެ މި އަތޮޅުގެ މި ދާއިރާގެ ތާރީޚަށް ނަޒަރު ހިންގާލާއިރު، ނިމިދިޔަ 200 އަހަރުވެސް، 200 އަހަރު ވެސް ދައުލަތަކުން، ސަރުކާރަކުން ނުކުރާ ޚަރަދު. ދެން އަޅުގަނޑުމެންނަށް ކޮން ޗޮއިސްއެއްތޯ އޮތީ،" ޒަރީރު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓުދޭއިރު، ރައީސް ޞާލިޙް އިޚްތިޔާރުކުރަންޖެހޭ ސަބަބަކީ ކޮވިޑްގެ ހާލަތުގައި ގައުމުގެ ކަންކަން ފުރިހަމައަށް މެނޭޖްކޮށްފައިވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖެ އަމާން އައްސޭރި އަކަށް ގެންދެވޭނީ ހަމައެކަނި ރައީސް ޞާލިހަށް ކަން ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.
''އެ ނޫން ލީޑަރެއް ނެތް އަޅުގަނޑު މެންގެ ކުރިމަތިން ފެންނާކަށް،'' ޒަރީރު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމާއި އެ ކައުންސިލްގެ މެމްބަރަކު ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފައެވެ.