ރާއްޖެއަށް ހެޔޮ ބަދަލު ގެނައުމަށް ޓަަކައި ވާ ވައުދުތައް ފުއްދަވާނެކަމަށާއި އެކަމުގައި ރައްޔިތުން އެ މަނިކުފާނަށް އިތުބާރެއްކުރެއްވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އެދިވަޑައިގެންފިއެވެ.
ރިޔާސީ ކެމްޕޭނަށް އއ. މަތިވެރީގައި މިއަދު އޮތް ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއަދު ވެސް ވައުދުވެވަޑައިގަންނަވަނީ ވައުދު ފުއްދަންކަމަށެވެ.
"އަޅުގަނޑު މިއަދު ތިބޭފުޅުންގެ ކިބައިން އެދެނީ އަޅުގަނޑަށް އިތުބާރުކުރާށޭ. މި ވޭތުވެދިޔަ ތަނުގައި ކަންވީ ގޮތް ތިބޭފުޅުންނަށް ވަރަށް ސާފުވާނެ. އަޅުގަނޑު މިއަދު ވެސް ވައުދު މިވަނީ ވައުދު ފުއްދަން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ދެން އަންނަ ދައުރުގައި، މި ދައުރުގައި ފެށި މަސައްކަތުގެ ތެރެއިން ބޮޑު ބަދަލެއް ފެންނާނެކަމަށެވެ.
ރައީސް ވިދާޅުވީ މީގެ ކުރީ ސަރުކާރުގައި ރާއްޖޭގެ ގިނަ ރަށްރަށްހުރީ "ޗާޓަށް ނާރާ"ކަމަށެވެ.
"ގިނަ ރަށްތަކުގެ ހާލަތަކީ މިއީ. އަދި ޚާއްސަކޮށް އާބާދީ ކުޑަވެއްޖެނަމަ އެއްގޮތަކަށް ވެސް ޗާޓަކަށް ނާރާ. އެހެންނަމަވެސް އަޅުގަނޑުމެން ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯއަކާއެކު ނިކުތީ މި ކަންތައްތައް ބަދަލުކުރަން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީގެ އަބަދުވެސް ސިޔާސަތަކީ ޖަޒީރާވަންތަ ގައުމެއްގެ ގޮތުގައި ރާއްޖެ ތަރައްގީކުރުންކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އޭރު އެ ހުށަހެޅި މެނިފެސްޓޯއާއެކީގައި ރާއްޖޭގެ އެކި ހިސާބުގައި ގިނަ މަސައްކަތްތަކެއް ކުރެވި ނިމެމުން ދާކަން މިހާރު އެބަފެނޭ. މަތިވެރިން ވެސް މި ފެންނަނީ އެ މަންޒަރު،"
ރައީސް ވިދާޅުވީ މި ދައުރު ނިމުމުގެ ކުރިން މަތިވެރީގައި ފަށައިފައިވާ ހުރިހާ މަސައްކަތެއް ނިމޭނެކަމަށެވެ.
ދެވަނަ ދައުރެއްގައި މަތިވެރިއަށް ކޮށްދޭނެ ކަންކަން
- ހައުސިން ޔުނިޓް އެޅުން
- ޒަމާނީ ފެންވަރުގެ މިސްކިތެއް އެޅުން
- ހޭންޑްބޯލް ކޯޓެއް އެޅުން
- ސްކޫލް ލެބޯޓްރީއާއި އޮފީސް އިމާރާތް އެޅުން
- ސިއްހީ މަރުކަޒުގައި ވަސީލަތް ގާއިމްކޮށް 24ގަޑިއިރަށް ޚިދުމަތް ބަދަލުކުރުން
- އައު އިންޖީނު ގެއެއް އެޅުން
- އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުން
- ދޯނި އެހެލާނެ ތަނެއް އެޅުން
ރައީސް ވިދާޅުވީ މިހާރު އާދެވިފައި މި އޮތީ އިންތިޚާބުގެ ކެމްޕޭންގެ އެންމެ ފޯރިގަދަ ހިސާބަށްކަމަށެވެ.
އެގޮތުން ހުރިހާ ކެންޑިޑޭޓުން ވެސް ކެމްޕޭން ކުރަމުން އަންނައިރު ރައްޔިތުން އެ ކެންޑީޑޭތުން ދައްކާ ވާހަކަތަކާމެދު ވިސްނައި، ފާރަވެރިވުން މުހިންމުކަމަަށް ރައީސް ވިދާޅުވިއެވެ.