މޮސްކޯ (16 އޮގަސްޓް 2023): އުތުރު ކޮރެއާއެކު ގުޅުންތައް ބަދަހިކޮށް އިގްތިސާދީ މުއާމަލާތްތައް ފުޅާދާއިރާއެއްގައި ކުރިޔަށްގެންދާކަމަށް ރަޝިއާގެ ރައީސް ވްލަދިމިޔާ ޕޫޓިން ވިދާޅުވެއްޖެއެވެ.
ޖަޕާނުގެ އިސްތިއުމާރުން ކޮރެޔަން ޕެނިންސިއުލާ މިނިވަންވި އަހަރީ މުނާސަބަތާ ގުޅިގެން އުތުރުކޮރެއާގެ ޒައީމް ކިމް ޖޮންގް އިލް އަށް ފޮނުއްވި ސިޓީއެއްގައި ޕޫޓިން ވިދާޅުވީ އުތުރުކޮރެއާއާއި ރަޝިއާގެ ގުޅުންތައް ބަދަހިވެގެން ދިޔުމަކީ އެދެގައުމުގެ ރައްޔިތުންނަށް އޭގެ ފައިދާ ކުރުމުގެ އިތުރުން އެއީ ކޮރެއާ ސަރަހައްދާއި އޭޝިއާގެ އުތުރުއިރުމަތީ ސަރަހައްދަށް ހަމަޖެހުމާއި ސުލްހަ ގާއިމްކުރުމަށް މަގުފަހިވެގެންދާނެކަމެއްކަމުގައެވެ.
އޭޝިއާގެ އުތުރުއިރުމަތީ ސަރަހައްދުގައި ޖަޕާނުގެ އިސްތިއުމާރު އޮތް ދުވަސްވަރު ޖަޕާނުގެ އިސްތިއުމާރީ އަނިޔާވެރިކަމުން ސަލާމަތްވުމަށް ރަޝިއާގެ ރެޑް އާމީއާއި ކޮރެއާގެ ވަތަނީ ބާރުތައް ގުޅިގެން ކުރިމިނިވަންކަމުގެ ހަނގުރާމައަކީ ޖޯޝާއި ގަދަ ހިއްވަރާއި ބުތޫލަތުގެ ރަމްޒެއްކަމަށް ޕޫޓިންގެ ސިޓީގައި ފާހަގަ ކުރައްވާފައިވެއެވެ.
ޕޫޓިން މިމޭރުމުން އުތުރުކޮރެއާގެ ޒައީމަށް ސިޓީ ފޮނުއްވިއިރު އުތުރުކޮރެއާގެ ދިފާއީ ވަޒީރު ކާންގް ސޮން ނާމް ވަނީ އުތުރުކޮރެއާއާއި ރަޝިއާއާ ދެމެދު އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން ގުޅުންތައް ވަރަށްބޮޑަށް ބަދަހިވަމުންދާކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އުތުރުކޮރެއާގެ ދިފާއީ ވަޒީރު މިހެން ވިދާޅުވީ ރަޝިއާގެ ވެރިރަށް މޮސްކޯގައި ކުރިޔަށްދާ ބައިނަލްއަގްވާމީ އަމަނާބެހޭ މަހާސިންތާގައި ވާހަކަ ދައްކަވަމުންނެވެ.
ރަޝިއާއާއި އުތުރުކޮރެއާގެ ގުޅުންތައް ބަދަހިވަމުންދާތީ އެމެރިކާވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިޑެންޓް ޕަޓޭލް ވިދާޅުވީ އުތުރުކޮރެއާ އަސްކަރީ ގުޅުންތައް ބަދަހިކުރުމަށް ރަޝިއާ ކުރާ މަސައްކަތަކީ އދ. ގެ ގަރާރުތަކާ ޚިލާފު އަމަލުތަކެއްކަމަށާއި އެކަމާ އެމެރިކާ ވަރަށް ކަންބޮޑުވަކަމުގައެވެ.
ނަމަވެސް އެމެރިކާއަކީ އިސްރާއީލުން އދ.ގެ ގަރާރުތަކާ ޚިލާފަށް ހިންގާ ހަރުކަށި އަދި ލާއިންސާނީ އަމަލުތަކަށް ހިއްވަރުދީ އަދި އެކަމުގައި އިސްރާއީލަށް އެންމެ ބޮޑަށް އެހީތެރިކަންދޭ ގައުމެކެވެ. އދ.ގެ ގަރާރުތަކާ ޚިލާފަށް އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައިގެން އޮންނަ އޮތުމާއި އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ފަހަތުގައި އޮންނަ މައިގަނޑު ގައުމަކީ އަދި މިކަންކަމުގައި އިސްރާއީލަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމަކީ އެމެރިކާއެވެ.