އއ. އަތޮޅަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކުރައްވަމުން އަންނަ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން ބޮޑުފޮޅުދޫއިން މެންދުރު ކީ ހޫނު މަރުހަބާއާއެކު، ދެވަނަ ދައުރެއްގައި މި ރަށަށް ކޮށްދެއްވާނެ ގިނަ ކަންތައްތަކެއްގެ ވައުދު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހާމަކުރައްވައިފިިއެވެ.
މިއަދު ރައީސް ރަށަށް ވަޑައިގެންނެވިއިރު، މުޅި ރަށްކަހަލަ ގޮތަކަށް ރައީސަށް މަރުހަބާ ކިޔުމަށް ނިކުމެ ތިއްބެވެ. ބަނދަރުން ފެށިގެން ރަށު ތެރެއިން ރަށުގެ އަނެއްކޮޅާ ހަމައަށް ސަފުތައް ދެމިފައިވެއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ އަމާޒަކަށްވީ ފަސް އަހަރުގެ ތެރޭ ރާއްޖޭގެ ހުރިހާ ރަށްތަކެއް ތަރައްގީކުރުންކަމަށެވެ. ކުރީގެ ސަރުކާރުގައި 'ކިތަންމެ ކުޑަ މިންވަރަކަށް' ރަށްތައް ތަރައްގީކުރި ނަމަވެސް މި ސަރުކާރަށް ގިނަ މަޝްރޫތަކެއް ހިންގަން ނުޖެހުނީސްކަމަށް ރައީސް ވިދާޅުވިއެެވެ.
"އާދެ އަޅުގަނޑުމެން ވައުދު އޭރުވީ ވައުދު ފުއްދަން،" ރައީސް ވިދާޅުވިއެވެ.
ބޮޑުފޮޅުދުއަށް ރައީސްގެ ވައުދުތައް:
- ބަނދަރު ބޮޑުކޮށް ތަރައްގީކުރުން
- ރޯހައުސް އެޅުން
- ފެންބޮޑުވާ މަގުތަކުގައި ތާރު އެޅުން
- އައު ކައުންސިލްގެ އިދާރާއަކާއި ކޯޓާއި ފުލުސް އިމާރާތް ހިމެނޭ އޮފިސް ކޮމްޕްލެކްސްއެއް އެޅުން
- ހޭންޑްބޯލް ކޯޓެއް އެޅުން
- ފުޓްސަލް ދަނޑެއް އެޅުން
- 12 ކްލާސްރޫމް އެޅުން
- ދިއްގާ ފަޅުގައި ޕިކްނިކް ހެދޭހެން ތަރައްގީކުރުން
އެ މަނިކުފާނު ވިދާޅުވީ މިއަދު 90 ޕަސެންޓު ވައުދުތަކުގެ މަސައްކަތް ހިނގައި، ދެން ހުރި މަސައްކަތްތައް ނިމިފައިވާކަމަށެވެ.
ވައުދުތައް ވެވަޑައިގަންނަވަނީ ޕްލޭނަކާއެކު ވިސްނުންތެރިކަމާއެކުކަމަށް ރައީސް ވިދާޅުވިއެވެ. އަދި ނުފުއްދޭނެކަމަށް ބުނެ އެއްވެސް ސުވާލެއް އުފައްދާނެ ފުރުސަތެއް ނޯންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއީ އިދިކޮޅުން އެންމެ ކަންބޮޑުވާނެ ކަންތައްކަމަށެވެ.
"އަޅުގަނޑުމެންގެ ވާދަވެރިން ކަންބޮޑުވާނެ. ދެން ވާނީ ކޮން ވައުދެއްތޯ،" ރައީސް ސުވާލު އުފެއްދެވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ވާދަވެރި ކެންޑިޑޭޓުން ރައްޔިތުން ގާތަށް އައިސް ދައްކާނެ ވާހަކައެއް ނޯންނާނެކަމަށެވެ. އަދި ރައްޔިތުން ގަބޫލުކުރާނެ ފަދަ ވާހަކައެއް ވެސް ނުދެއްކޭނެކަމަށެވެ.
ރައީސް ވިދާޅުވީ މި ފަަހަރުގެ ރިޔާސީ އިންތިޚާބުގައި ޕާޓީތަކުން ވާދަކުރާއިރު އެމްޑީޕީ ކޯލިޝަނާ ވާދަކޮށްލެވޭނެ އިތުރު އެއްވެސް ޕާޓީއެއް ނެތްކަމަށެވެ.
އެގޮތުން މިހާރު ވެސް އެމްޑީީޕީ ކޯލިޝަނުގައި 80،000 މެމްބަރުން އެބަތިބިކަމަށާއި މިއީ ތާރީޚުގައި ވެސް މެމްބަޝިޕް އެންމެ އިތުރު ކޯލިޝަންކަމަށް ރައީސް ވިދާޅުވިއެވެ.
"ކައިރިއަށް ވެސް ނާދެވޭނެ ދެން ތިބި ޕާޓީއެއްގައި ކެމްޕޭނެއްގައި ވެސް،"
"މީގައި ފަހަތަށް އެނބުރި އެއްވެސް ބޭފުޅަކު ވަޑައިގަންނަވާނެކަމެއް ނެތް. ކުރިއަށް ބައްލަވާ،" ރައީސް ވިދާޅުވިއެވެ.