އަނެއްކާ ވެސް އިތުރު ދެ ބަސްހުއްޓިއެއް ހުޅުމާލޭގައި ޤާއިމު ކޮށްފި

އެމްޓީސީސީ ބަސްތަކެއް. -- ސަންފޮޓޯ/ ނާއިލް ހުސައިން

ހުޅުމާލޭގައި އަނެއްކާ ވެސް އިތުރު ދެ ބަސް ހުއްޓިއެއް ޤާއިމު ކޮށްފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.

މި ދެ ބަސް ހުއްޓި ޤާއިމު ކުރެވުނީ އާރް 5 ރޫޓުގެ ދެ ސަރަހައްދެއްގައެވެެ. އެއީ ޓްރީޓޮޕް އަދި، އޮރެންޖު ހިޔާ ކައިރިއެވެ.

މި ދެ ބަސްހުއްޓިއަކީ އެ ސަރަހައްދުގައި ބަހުގެ ޚިދުމަތް ބޭނުން ކުރާ ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން ޤާއިމު ކުރެވިފައިވާ ދެ ބަސް ހުއްޓިއެވެ.

މި ރޫޓުގައި މިހާރު ހުރި ބަސް ހުއްޓިތައް ޤާއިމު ކުރެވިފައި ހުންނަނީ، ހުޅުމާލެ ފެރީޓާމިނަލްއާއި، އޯޝަން ފްރޮންޓް ރެސިޑެންސް އާއި، ސީއެޗްއެސްއާއި، ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސް އާއި ސެންޓްރޯ މޯލް އާއި، ފްލެޓް ނަންބަރު 147 އާއި، ފްލެޓް ނަންބަރު 120 އާއި، އޮރެންޖް ހިޔާ އަދި ޓްރީޓޮޕް ހޮސްޕިޓަލުގެ އިތުރުން އުމަރު ޒާހިރު ބިލްޑިން ކައިރީގައެވެ.

މީގެ އިތުރުން އާރް 5 ރޫޓުގެ ޝެޑިއުލަށް ބަދަލެއް ގެނެވިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ. އެ ގޮތުން މިހާރު އެ ރޫޓުގެ ޝެޑިއުލް ދަތުރުތަށް ކުރަން ހަމަ ޖެހިފައި ވަނީ، ހެނދުނު 6:00 އިން ފެށިގެން ރޭގަނޑު 22:30 އާ ހަމައަށެވެ.

މިދިޔަ ހަފްތާ ވެސް އެމްޓީސީސީން ވަނީ ހުޅުމާލޭގެ ދެވަނަފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އެދުމުގެ މަތިން އިތުރު ބަސް ހުއްޓިއެއް ޤާއިމު ކޮށްދީފައެވެ.

comment ކޮމެންޓް