މޯލްޑިވިސް ތާޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ އަމާޒަކީ 2028 ވަނަ އަހަރުގެ ކުރިން އެ ޕާޓީއަށް 10،000 މެމްބަރުން ހަމަކުރުން ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމްޓީޑީގެ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ކައުންސިލް މެމްބަރު ހުސައިން ސައިދު ވިދާޅުވީ އެމްޓީޑީގެ އަމާޒަކީ 2028 ވަނަ އަހަރު އަންނައިރު އެ ޕާޓީއަށް 10،000 މެމްބަރުން އިތުރު ކުރުން ކަމަށެވެ.
"މިއަދު އަޅުގަނޑުމެން މި ފަށާ މަސައްކަތަކީ މި ހީވާގި މާލިމީ ގޮވައިގެން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ވާސިލްވެ ޒުވާނުންގެ އަޑުއިއްވާ ދިވެހިރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު ސިޔާސީ ޕާޓީއަކަށް ހެދުމުގެ މަސައްކަތް،" ސައިދު ވިދާޅުވިއެވެ.
އެ މަސައްކަތުގައި ދިވެހި އެންމެހާ ރައްޔިތުންނާއި ޒުވާނުން ބައިވެރިވުމަށް އޭނާ ވަނީ އެދިފައެވެ.
"މި އޮފީސް ހުޅުވުމުގެ މަގުސަދަކީ އަޅުގަނޑުމެންގެ ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންގޮސް އަޅުގަނޑުމެން ޒުވާނުން މިހާރު މިތިބި ހިސާބު ސާފުކޮށް ހުރިހާ ބޭފުޅުންނަށް ވެސް އަންގައިދިނުން،" އޭނާ ވިދާޅުވިއެވެ.
އެމްޓީޑީގެ އޮފީސް ހުޅުވައިދެއްވާފައިވަނީ ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މުސާ މަނިކެވެ. އެ އޮފީސް ހުންނާނީ ގ. އުތުރުބިންގައެވެ.
އެ ރަސްމިއްޔާތުގައި އެ ޕާޓީގެ ސީނިއާ ކައުންސިލް މެމްބަރު އަދި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ދެއްކެވި ވާހަކައިގައި އެ ޕާޓީ އުފެދުނުގޮތުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.
"އަޅުގަނޑުމެން މި ގައުމަށް ހެޔޮ ގޮތާއި ރައްޔިތުންނަށް ފައިދާ ހުރި ގޮތްތައް ބޭނުންވާއިރުގަ، މި ޕާޓީ އުފެދުނު ގޮތަށް ބަލާއިރު އެމްޓީޑީ ގަރުބަގަނެ ވިހާ ވުޖޫދަށް އައީ ޖަލުގައޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ. މި ޕާޓީގެ އަސާސީ ގަވާއިދު ނައިބު ރައީސް އަދީބު ލިޔުއްވެވީ ޖަލުގަ އޮންނަވައިގެން. ޕާޓީގެ މެނިފެސްޓޯ ލިޔުއްވެވީ ޖަލުގަ އޮންނަވައިގެން. މި ޕާޓީ އުފެއްދެވުމުގެ މަސައްކަތް ކުރެއްވީ ޖަލުގައި އޮންނަވައިގެން،" ހަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ އެމްޑީޓީއަކީ ރާއްޖޭގެ ޒުވާނުންނަށްޓަކައި ޖަލުން އުފެދިގެން އައި ޕާޓީއެއް ކަމަށެވެ.
އެ ޕާޓީގެ ވިސްނުމާއި ތަސައްވަރު ގުޅިފައި އޮތީ ރާއްޖޭގެ ޒުވާނުން ބާރުވެރި ކުރުވައިގެން ރާއްޖޭގެ ޗާޓު ކުރައްސަވަން ކަމަށް ހަލީމް ވިދާޅުވިއެވެ.