މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީއިން މިއަހަރުގެ އޮކްޓޫބަރު އިންޓޭކަށް ހުޅުވާލައިފި

މޯލްޑިއަން އޭވިއޭޝަން އެކަޑަމީގެ މުވައްޒަފުންނާއި ދަރިވަރުން ފޮޓޯއަށް ހުއްޓިގެން: ފޮޓޯ: މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ

މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީއިން މި އަހަރުގެ އޮކްޓޫބަރު އިންޓޭކަށް ހުޅުވާލައިފިއެވެ.

މި އެކެޑަމީގެ ޕްރޮގްރާމް ސްޓްރަކްޗާގައިވަނީ، ހަ މަހުގެ އޭޓީޕީއެލް ތިއަރީ އާއި ހަ މަހުގެ ފްލައިޓް ޓްރެއިނިންނެވެ. ފްލައިޓް ޓްރެއިނިންގެ ތެރޭގައި ހިމެނެނީ، ސީޕީއެލް ވިތް އެމްއީޕީ ޓްރެއިނިންގެ އިތުރުން ސިންގަލް އެންޑް މަލްޓި އިންޖީން އިންސްޓްރޫމަންޓް ޓްރޭނިންއެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީން ބުނީ މި ޕްރޮގްރާމްތަކުން ޖާގަ ލިބޭނީ ވަކި އަދަދެއްގެ ދަރިވަރުންނަށް ކަމަށެވެ. އެ އަދަދު ހާމަނުކޮށް އެ އެކެޑަމީން ބުނީ، އެ ޖާގަތަކަށް ދަރިވަރުން ހަމަވުމާއެކު ފުރުސަތު ބަންދުވާނެކަމަށެވެ.

މީގެ އިތުރުން އެ އެކަޑަމީން ވަނީ، އެޕްލައި ކުރާ ދިވެހިންނަށް އަހައްމިއްޔަތު ކަމެއް ދޭނެ ކަމަށް ބުނެފައެވެ.

އެ އެކަޑަމީއިން ކޮށްފައިވާ އިއުލާންގައި ބުނެފައިވާ ގޮތުން މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ދަރިވަރަކީ 17 އަހަރު ފުރިފައިވާ ކުއްޖަކަށް ވާންޖެހޭނެއެވެ. އަދި، އޯލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ ކޯހަކުން، އިނގިރޭސި، ފިޒިކްސް އަދި ހިސާބު، މި ތިން މާއްދާއިން ފާސްވެފައި ހުންނަން ޖެހޭނެއެވެ. އަދި ކްލާސް 1 މެޑިކަލްއެއް ވެސް އެ ކުއްޖަކު އަތުގައި އޮންނަންވާނެއެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީއިން ވަނީ އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ. އަދި ކޯހުގެ ފީ ހަތަރު އިންސްޓާލްމަންޓަކަށް ބަހައިގެން ދެއްކުމުގެ ފުރުސަތު ވެސް ވަނީ ދީފައެވެ.

އެގޮތުން، ފުރަތަމަ އިންސްޓާލްމަންޓަށްވާ ފައިސާ ކޯސް ފެށުމުގެ 14 ދުވަސް ކުރިން ދައްކަން ޖެހެއެވެ. އަދި، ދެވަނަ އިންސްޓާލްމަންޓް ކިޔަވަންފެށުމަށްފަހު ދެ މަސް ފަހުން ދައްކަން ޖެހެއެވެ. ތިންވަަނަ އިންސްޓާލްމަންޓްގެ ފައިސާ ފްލައިޓް ޓްރެއިނިން ފެށުމުގެ 14 ދުވަސް ކުރިން ދައްކަން ޖެހޭއިރު ހަތަރު ވަނަ އިންސްޓާލްމަންޓްގެ ފައިސާ އިންސްޓްރޫމަންޓް ރޭޓިން ފެށުމުގެ 14 ދުވަސް ކުރިން ދައްކަން ޖެހެއެވެ.

އައްޑޫ ސިޓީގައި ހުންނަ އޭވިއޭޝަން އެކަޑަމީން މިއަހަރުގެ އޮކްޓޫބަރު އިންޓޭކަށް ނަގާ ދަރިވަރުންވާނީ އެ އެކަޑަމީގެ ދެވަނަ ބެޗަށެވެ.

ޕައިލެޓުން ތަމްރީނު ކުރުމަށް އައިލެންޑް އޭވިއޭޝަން ސާވިސް އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ހަދާފައިވާ މޯލްޑިވްސް އޭވިއޭޝަން އެކަޑެމީގެ ކިޔެވުން ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 10ގައެވެ.

comment ކޮމެންޓް