ޓެސްލާއިން އިންޑޮނޭޝިއާގައި ބެޓެރީ އުފައްދަން އިންވެސްޓުކުރަނީ

އެމެރިކާގެ އިލެކްޓްރިކް ކާރު އުފައްދާ ކުންފުނި ޓެސްލާއިން އިންޑޮނޭޝިއާގައި އިންވެސްޓް ކުރާނެ ކަމަށް އެގައުމުން ބުނޭ---

އެމެރިކާގެ އިލެކްޓްރިކް ކާރު އުފައްދާ ކުންފުނި ޓެސްލާއިން އިންޑޮނޭޝިއާގައި ބެޓެރީމެޓީރިއަލް އުފެއްދުމަށް އިންވެސްޓް ކުރަން ނިންމާފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެކަން އިއުލާނު ކުރާނެ ކަމަށް އިންޑޮނޭޝިއާއިން ބުނެފިއެވެ.

އިލެކްޓްރިކް ވެހިކަލް (އީވީ) ބެޓެރީގައި ބޭނުން ކުރާ ނިކެލްގެ ބޮޑު ރިޒާވްއެއް އޮންނަ އިންޑޮނޭޝިއާއިން އެކަމުގެ ބޭނުންހިފަން މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެއެވެ.

އެމެރިކާގެ ސީނިއާ މިނިސްޓަރު ލުހުތު ޕަންދްޖައިތާން އިންސްޓަގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓެސްލާގެ ޗީފް އެގްޒެކެޓިވް އީލޮން މަސްކް ދާދި ފަހުން އިންޑޮނޭޝިއާގެ މަންދޫބަކާ ބައްދަލުވުމެއް ބާއްވައި، އިންވެސްޓްމަންޓް ޕްލޭނާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

"އޭނާ ބޭނުންވަނީ ލިތިއަމް ބެޓެރީއަށް ބޭނުންވާ ސާމާނު އުފެއްދުމަށް އިންވެސްޓް ކުރަން،" އިންޑޮނޭޝިއާގައި ކާރު ފެކްޓްރީއެއް އެޅުމަށް ޓެސްލާއިން މަސައްކަތް ނުކުރާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅިވިއެވެ.

"އިންވެސްޓްމަންޓް ވަރަށް ބޮޑުވާނެ. މި އަހަރުގެ ސެޕްޓެމްބަރު މަސް ނުވަތަ އޮކްޓޯބަރު މަހުގެ ފަހުކޮޅު އީލޮން މިތަނަށް އަންނާނެ ދުވަހަކަށް އިންތިޒާރު ކުރަން،" އޭނާ ވިދާޅުވި އެވެ.

ލުހަތު އިތުރަށް ވިދާޅުވީ، މަސްކްގެ ސެޓެލައިޓް މުވާސަލާތީ ހިދުމަތް ކަމަށްވާ ސްޓާލިންކްގެ އެހީގައި އިންޑޮނޭޝިއާގެ ދުރު ހިސާބުތަކަށް އިންޓަނެޓް ފޯރުކޮށްދޭނެ ކަމުގެ އުއްމީދު ވެސް އޮތް ކަމަށެވެ.

މިދިޔަ ހަފުތާގައި އިންޑޮނީޝިއާއިން ބުނެފައި ވަނީ، އުފެއްދުންތެރިކަމުގެ ދާއިރާގައި ދުނިޔޭގައި އެންމެ ކުރީގައި އުޅޭ ޗައިނާއާ އިންޑިއާ އާއި ތައިލެންޑުން ވާދަކުރަމުންދާއިރު، އިންޑޮނޭޝިއާއިން ވެސް އިތުރު އިންވެސްޓްމެންޓް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހު ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޖޯކޯ ވިޑޯޑޯ ވަނީ ޓެސްލާއިން އިންޑޮނޭޝިއާގައި އިންވެސްޓް ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޓެސްލާއިން އަދި އެފަދަ ވާހަކައެއް ރަސްމީކޮށް ދައްކާފައި ނުވެއެވެ.

ޓެސްލާއަކީ މިހާރު ދުނިޔޭގެ އެންމެ އަގު ހުރި ކާރު ކުންފުންޏެވެ. އެގޮތުން އެ ކުންފުނީގެ އަގު މިހާރު 304 ބިލިއަން ޑޮލަރަށް އަރާފައިވާ އިރު އެއީ ފޯޑް އާއި ފެރާރީ އާއި ޖެނެރަލް މޮޓޯސް އާއި ބީއެމްޑަބްލިޔުގެ ޖުމްލަ އަގަށް ވުރެ ބޮޑު އަދަދެކެވެ.

comment ކޮމެންޓް