އިސްލާމް އާބާދު (14 އޮގަސްޓް 2023): ޕާކިސްތާނުގައި އާންމު އިންތިޚާބު ބޭއްވުމަށް ތައްޔާރުވުމުގެ ގޮތުން ރައީސް އާރިފް އަލްވީ އެގައުމުގެ ވަގުތީ ބޮޑުވަޒީރުކަމުގެ މަގާމަށް ޕާލަމެންޓްގެ މެންބަރެއްކަމަށްވާ އަންވަރުލް ހައްގު އައްޔަން ކުރައްވައިފިއެވެ.
ވަގުތީ ބޮޑުވަޒީރަކަށް އަންވަރުލް ހައްގު އައްޔަން ކުރުމުގެ ކުރިން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފުވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ޕާކިސްތާނުގެ ގާނޫނު އަސާސީ ބުނާގޮތުން އާންމު އިންތިޚާބު ބޭއްވުމުގެ ކުރިން ބޮޑުވަޒީރު އިސްތިއުފާ ދެއްވައި ވަގުތީ ބޮޑުވަޒީރުކަމުގެ މަގާމަށް ޕާލަމެންޓްގެ މެންބަރަކު އައްޔަންކުރަންޖެހޭނެއެވެ. އަދި ވަގުތީ ބޮޑުވަޒީރު އައްޔަންކުރާތާ 90 ދުވަހުގެ ތެރޭގައި އާންމު އިންތިޚާބު ބާއްވަންޖެހޭނެއެވެ. އާންމު އިންތިޚާބަށްފަހު އައު ބޮޑުވަޒީރަކު އައްޔަން ކުުރުމުގެ ކުރިން ވަގުތީ ބޮޑުވަޒީރު އިސްތިއުފާ ދެއްވަންޖެހޭނެއެވެ.
ވަގުތީ ބޮޑުވަޒީރާއި އޭނާގެ ވަގުތީ ސަރުކާރުގެ ކެބިނެޓްގެ މައިގަނޑު މަސައްކަތަކީ އެއްވެސް ކޮޅަކަށް ބުރަނުވެ އިންތިޚާބުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ޕާކިސްތާނުގެ އިންތިޚާބުތަކާބެހޭ އިދާރާއަށް ދިނުމެވެ. އިންތިޚާބާބެހޭ އިދާރާއަކީ މުސްތަގިއްލު އިދާރާއެކެވެ. އިންތިޚާބާބެހޭ އިދާރާގެ އެއްވެސް ކަމަކަށް ވަގުތީ ސަރުކާރުގެ ބާރެއް ނޯންނާނެއެވެ. ނަމަވެސް އިންތިޚާބާބެހޭ އިދާރާއިން އެދޭކަންކަން ވަގުތީ ސަރުކާރުން ކޮށްދޭންޖެހޭނެއެވެ.
ވަގުތީ ބޮޑުވަޒީރަކަށް އައްޔަންކުރި އަންވަރުލް ހައްގަކީ ޕާކިސްތާނުގެ ޕާލަމެންޓްގައި ބަލުޗިސްތާން ތަމްސީލުކުރައްވާ މެންބަރެކެވެ. އޭނާއަކީ ޕާކިސްތާނުގެ ގައުމީ ފެންވަރުގައި ސިޔާސީގޮތުން އެއްވެސް ބުރަދަނެއް ހުރި ބޭފުޅެއް ނޫނެވެ. ނަމަވެސް ވަގުތީ ބޮޑުވަޒީރެއްގެ ހައިސިއްޔަތުން އޭނާ ވަގުތީ ސަރުކާރެއް އެކުލަވާލުމަށްޓަކައި ވުޒާރާތަކަށް ވަޒީރުން ކަނޑައަޅުއްވާނެއެވެ.
އަދި ޕާކިސްތާނުގެ އިދާރީ ހިންގުމުގެ އޮނިގަނޑުގައި ހިމެނޭ ސިޔާސީ އިދާރާތަކާއި އިދާރީ މުއައްސަސާތަކަށް ސިޔާސީ ވެރިންވެސް ކަނޑައަޅުއްވާނެ އެވެ. ނަމަވެސް ސިވިލްސާވިސްފަދަ ދައުލަތުގެ މުސްތަގިއްލު މިނިވަން މުއައްސަސާތަކާ ކުޅުމުގެ ބާރު ދާއިމީ ބޮޑުވަޒީރަށް ނޯންނަގޮތަށް ވަގުތީ ބޮޑުވަޒީރަށްވެސް ނޯންނާނެއެވެ.
ޕާކިސްތާނުގެ އިންތިޚާބު ބޯމަތިވެފައި ވަނިކޮށް އެގައުމުގެ ކުރީގެ ބޮޑުވަޒީރު އަދި ޕާކިސްތާނު ރައްޔިތުންގެ މެދުގައި އެންމެ މަގްބޫލު އަދި އެންމެ ބުރަދަންހުރި ސިޔާސީ ލީޑަރު އިމްރާންޚާން ވަނީ ޖަލުގައި ބަންދުކޮށްފައެވެ. އިމްރާންޚާންގެ މައްޗަށް އިއްވާފައިވަނީ ތިން އަހަރުގެ ޖަލު ހުކުމެކެވެ. މިހުކުމް އިއްވާފައިވަނީ އޭނާ ބޮޑުވަޒީރުކަމުގައި ހުންނެވި ދުވަސްވަރު ލިބިވަޑައިގެންނެވި ބައެއް ހަދިޔާތައް ވިއްކަވައިގެން އެއިން ލިބުނު ފައިދާ ބޭނުންކުރެއްވިކަން ޝަރީއަތަށް ސާބިތުވެގެންކަމަށް ބުނެފައެވެ.
ނަމަވެސް އިމްރާންޚާންގެ މައްޗަށް ޝަރީއަތް ހިންގާފައިވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ. ދިފާއުގައި ވަކާލާތުކުރުމުގެ އެއްވެސް ފުރުސަތެއް އިމްރާންޚާންގެ ގާނޫނީ ޓީމުގެ އެއްވެސް ވަކީލަކަށް ނުދީއެވެ. ހުކުމް އިއްވާފައިވަނީވެސް ރޭގަނޑު ދަންވަރު ކޯޓު ހުޅުވައިގެން ވަރަށް އަވަސް އަރުވާލައިގެންނެވެ.
އެހެންކަމުން އިމްރާންޚާންގެ ޕާޓީ "ޕީޓީއައި" ދެކޭގޮތުގައި މިއީ ޕާކިސްތާނުގެ ސިފައިންގެ މުއައްސަސާގެ ބާރާއި ނުފޫޒުގައި ކުރި ޣައިރު ގާނޫނީ ހުކުމެވެ. މިހުކުމް ޝަރުއީ އެއްވެސް މިންގަނޑަކަށް ނުފެތޭތީ ހައިކޯޓުގައި މިހުކުމް އިސްތިއުނާފު ކުރުމުން މިހުކުމް ބާތިލުކުރާނެކަމުގެ ޔަގީންކަން އޮތްކަމަށް އިމްރާންޚާންގެ ގާނޫނީ ޓީމުން ބުނެއެވެ.
މިހުކުމްގެ ނަތީޖާއެއްގެގޮތުން އިމްރާންޚާންގެ މައްޗަށްވަނީ 3 އަހަރުވަންދެން އިންތިޚާބެއްގައި ވާދަ ނުކުރެވޭނެކަމުގެ ހުކުމެއްވެސް އިއްވާފައެވެ. ހައިކޯޓުން އިމްރާންޚާންގެ ޖަލު ހުކުމް ބާތިލުކޮށްފިނަމަ މި ހުކުމްވެސް ބާތިލުވާނެއެވެ.
ޕާކިސްތާނު ރައްޔިތުންގެ މެދުގައި އެންމެ މަގްބޫލު އަދި އެންމެ ބުރަދަންހުރި ސިޔާސީ ލީޑަރަކީ އިމްރާންޚާން އެވެ. އެހެންކަމުން ކުރިޔަށްއޮތް އިންތިޚާބު ކާމިޔާބު ކުރައްވައިގެން އޭނާ އަލުން ވެރިކަމަށް ވަޑައިގަތުމަކީ ޕާކިސްތާނުގެ ސިފައިންގެ މުއައްސަސާއަށާއި އެ މުއައްސަސާގެ ތާއީދު ލިބިފައިވާ ޕާކިސްތާނުގެ އިސް ސިޔާސީ ފަރާތްތައް ކަމަށްވާ ކުރީގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފާއި ކުރީގެ ޚާރިޖީ ވަޒީރު ބިލާވަލު ބުއްޓޫ ފަދަ ބޭފުޅުންނަށް ބޮޑު ގޮންޖެހުމަކަށްވާނެއެވެ.
ދެހާސް ބާވީސް ވަނަ އަހަރު ޕާކިސްތާނުގެ ޕާލަމެންޓްގެ ތެރެއިން އިމްރާންޚާން މަގާމުން ދުރުކުރުމުގެ ފަހުގައިވަނީ އެގައުމުގެ ސިފައިންގެ މުއައްސަސާކަން ވަނީ ފަޅައިއަރާފައެވެ. މީގެއިތުރުން އިމްރާންޚާން މަގާމުން ދުރުކުރުމަށް އެމެރިކާވެސް ޕާކިސްތާނުގެ ސިފައިންގެ މުއައްސަސާއަށް ބާރުއަޅައި ޕާކިސްތާނަށް ފިއްތުންތައް ކުރިމަތިކުރިކަން މިދިޔަ ހަފުތާގައިވަނީ ފަޅާއަރާފައެވެ.
ޕާކިސްތާނުގެ ސިފައިންގެ މުއައްސަސާއަކީ އެގައުމުގެ ސިޔާސަތުގެ ތެރެއަށް ވަދެ ބާރާއި ނުފޫޒު ހިންގާ ފަރާތެކެވެ. އިންތިޚާބީ ބޮޑުވަޒީރަކު ކުރިޔަށް ނެރެގެން އޭނާގެ ފަހަތުގައި އޮވެގެން ޕާކިސްތާނުގައި ހަގީގީ ވެރިކަންކުރާ ހަގީގީ ފަރާތަކީ އެގައުމުގެ ސިފައިންގެ މުއައްސަސާއާއި ޖާސޫސީ އިދާރާކަމަށް މުހައްލިލުން ސިފަކުރައްވައެވެ.
އިމްރާންޚާންވަނީ މާކުރިންވެސް ސިފައިންގެ މުއައްސަސާއަށާއި އެމެރިކާގެ މައްޗަށް މިތުހުމަތުތައް ކުރައްވާފައެވެ. އެމެރިކާގެ ނޫހެއްކަމަށްވާ "ވޮޝިންޓަން ޕޯސްޓް" ބުނާގޮތުން އެމެރިކާ އިމްރާންޚާން ދެކެ ރުޅިއައީ ޔުކްރެއިން ހަނގުރާމަ ފެށުމާއެކު އޭނާ ރަޝިއާއަށް ވަޑައިގެން އެގައުމުގެ ރައީސް ވްލަދިމިޔަރ ޕޫޓިން އާ ބައްދަލުކުރެއްވުމުންނެވެ.