ގައުމީ ކުންފުނީގެ ހުންގާނަށް ނާޒިމް ކުރި ދަތުރުން ދުރަށް ވިސްނުމުގެ ނަމޫނާ

އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން ނާޒިމް - ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދިރިއުޅުމުގެ ހާލަތު އޭރު ހުރިގޮތުން މަޖުބޫރިވީ ބޮޑު އާމްދަނީއެއް ލިބޭ ވަޒިފާއެއް ހޯދުމަށެވެ. މަސައްކަތް ކުރަމުން އައި ވަޒީފާއިން ވަކިވީ އިތުރު ދެ ވަޒިފާއަކަށް ލޯ އަޅަމުންނެވެ. އެއްގޮތަކީ ރިސޯޓަކަށް ދިޔުމެވެ. ނޫނީ ބޯޓު ދަތުރުކުރަން ދިއުމެވެ.

ގައުމީ ޝިޕިން ކުންފުނި (އެމްއެސްއެސް)ގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނާޒިމް، 40 އަހަރުގެ ކާމިޔާބު މެރިޓައިމް ދާއިރާގެ ދަތުރު ފެށީ އެ ހިސާބުންނެވެ. ރިސޯޓަކަށް ވަޒީފާއަށް ދިއުމުގެ ޚިޔާލު ދޫކޮށްލީ ކުރިމަގަށް ވިސްނާ، ބޮލުތެރޭ ޖަހާލި ހިސާބަކަށް ފަހުގައެވެ.

"ރިސޯޓަކަށް ނުގޮސް ރަށުގައި ނުހުންނަންޏާ ދެން ދާން ޖެހެނީ ބޯޓަކަށްތާ. ބޯޓަކަށް ގޮސްގެން ޕްރޮމޯޝަން ލިބެމުން އަންނާނެ ޓައިމްތަކާއި ހުރިހާ ކަމެއް ހަމަ ކުޑަކޮށް ހިސާބު ޖަހާލި،" ނާޒިމް ވިދާޅުވިއެވެ.

އޭނާއަށް ވިސްނެވީ، ފަސޭހައިން ފައިސާ ރައްކާ ކުރެވޭނެ ގޮތެކެވެ. ބޯޓަކަށް އަރައިފިނަމަ، ބޮޑު މުސާރައާ އެކު، އަތުން ދަނީ ކުޑަ ޚަރަދެކެވެ. އަވަސް ޕްރޮމޯޝަންތަކަކާ އެކު، ކުރިއެރުމުގެ ފުރުސަތު ލިބެއެވެ. ނާޒިމްގެ މިސްރާބު ބޯޓު ދަތުރު ކުރުމާއި ދިމާއަށް ބެހެއްޓެވީ މި ކަންކަމަށް ވިސްނެވުމަށް ފަހުއެވެ.

އެހާ ހިސާބުން، ނާޒިމްގެ ޚިޔާލުގައި ކުރައްސަވާފައި އޮތް ޕްލޭނުގައި ކުލަޖެއްސުމަށް ލަހެއް ފަހެއް ނުކުރައްވައެވެ. އާއިލާއާ ދުރުގައި ހުންނަން ޖެހޭނެތީ، މަންމަމެން އެ ކަމާ ނުރުހުން ފާޅު ކުރާނެކަން އޭނާއަށް އެނގިލައްވައެވެ. އެހެންކަމުން، އެންމެ ފުރަތަމަ ނާޒިމް ބޯޓަކަށް އެރުއްވީ އޭނާގެ މައިންބަފައިންނަށް ނޭނގިއެވެ. އެކަމާ ކުރިމަތިލެއްވީ މިއީ ވެސް ކުރެވޭނެ ކަމެއްކަން ދެއްކުމުގެ ނިޔަތުގައެވެ.

"ދަތުރުކުރަން ބޯޓަށް އަރާފަ [މަންމަ ކައިރީ] އަޅުގަނޑު ބުނީ ބޯޓުގައޭ މިހުރީ. ދެން އަޅުގަނޑު ޑިސިޝަން ނެގީމަ އެ ބޭފުޅުން [މައިންބަފައިން] އޯކޭވި،" ނާޒިމް ވިދާޅުވިއެވެ.

އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން ނާޒިމް - ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ފުރަތަމަ ބޯޓެއްގެ ގޮތުން ނާޒިމް އެރީ އޭރު ރާއްޖޭގެ ގައުމީ ޝިޕިން ލައިނެއްގެ ގޮތުގައި އޮތް، އެމްއެންއެސްއެލްގެ ބޯޓަކަށެވެ. އޭގައި މާލެއާ ސިންގަޕޫރާ ދެމެދު ގިނަ ދަތުރުތަކެއް ކުރެއްވިއެވެ.

"ހަ މަސް ދުވަހު އުޅެފައި ދެން ދިޔައީ އޭރު އެމްއެންއެސްއެލްގެ ބޭރު ބޯޓު ފަހަރުތަކުން ބޯޓަކަށް،" ނާޒިމް ކިޔައިދިނެވެ.

ތަޖުރިބާއަކީ އެއް ދުވަހުން ދެ ދުވަހުން ލިބޭ އެއްޗެއް ނޫންކަން ނާޒިމް ސާބިތުކޮށްދިނީ ދެ އަހަރު ދުވަސްވަންދެން އެ ބޯޓުގައި މަސައްކަތް ކުރައްވައިގެންނެވެ.

"އޭރުގަ ބޭނުމަކީ ވީހާ ވެސް އަވަހަށް ކެޑޭޓް ޝިޕް ނިންމުމަށް ފަހު އޮފިސަރަކަށް ވުން. ކިޔަވަން ދިއުން. އެގޮތުން ތިން އަހަރު ސީ ޓައިމް [ފުރިހަމަ] ކޮށްފަ އަޅުގަނޑު ކިޔަވަން ދިޔައީ ލަންކާއަށް،" އޭނާ ވިދާޅުވިއެވެ.

ކެޕްޓަން ނާޒިމް މިއަދު ހުންނެވި ހިސާބަށް ވަޑައިގަތުމަށް އިސް ކުރެއްވީ ގަދަ ހިތްވަރެވެ. ކަނޑުމަތީ އެތައް ދުވަހެއް ހޭދަކުރަން ޖެހުނަސް އެ ކަމަށް ފަރުވާލެއް ނުބަހައްޓަވާ ބޯޓު ދަތުރު ކުރުމުގައި ދެވެން އޮތް އެންމެ ކުރިއަކަށް ދިއުމަށް ކިޔަވަން ފެއްޓެވިއެވެ. އެ ހުވަފެންތަކުގައި ވެސް ކުލަ ޖެއްސެވިއެވެ.

ކިޔަވާ ނިމުމަށް ފަހު، ނާޒިމް އަނެއްކާ ވެސް ބޯޓަކަށް އެރުއްވިއެވެ. އެހެންނަމަވެސް، އޭރު އެމްއެންއެސްއެލް އޮތް ހާލަތުން ގޮންޖެހުތަކަކާއި ކުރިމަތިވިއެވެ. ދިމާވި މައްސަލައަކީ ރާއްޖޭގައި ތިބި ސީމަނުންގެ އަދަދާ އެއްވަރަށް ވަޒީފާ ނެތުމެވެ.

"އޭގަ ދިމާވި ގޮންޖެހުމަކީ އެއީ ބޯޓުފަހަރު މަދުވުން. ފުރަތަމަ ބޯޓުގަ ކޮންޓްރެކްޓް ނިންމާ ދެން އެހެން ބޯޓަކަށް އަރަން ބަލާލިއިރު ބޯޓެއް ނެތް އަޅުގަނޑުމެން އަރާކަށް. ތިން ބޯޓެއް އޭރު އޮތީ. އެއަށްވުރެން އެކަމު މީހުން ގިނަ،"

އެ ހިސާބުން އިތުރު ވިސްނުމުކަށް ދާން ނާޒިމަށް މަޖުބޫރިވިއެވެ. އެގޮތުން، އިތުރު މަގެއް ފެނޭތޯ އަތްފުނާއެޅި އެޅި އެޅުމުން ރާއްޖޭން ބޭރަށް ދަތުރު ކުރުމަށް ދިއުމުގެ ފުރުސަތު ލިބުނެވެ. އުފަން ރަށާއި ލޯބިވާ އައިލާ ދޫކޮށް ޖަރުމަނުވިލާތުގައި ނާޒިމް ހަ އަހަރު ހޭދަކުރިއެވެ. އިތުރަށް ކިޔަވާ، ސީނިއާ އޮފިސަރު ކަމުގެ ރޭންކަށް ޕްރޮމޯޓުވިއެވެ.

އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން ނާޒިމް -- ފޮޓޯ / ޕީއެސްއެމް

ނާޒިމް ވިދާޅުވި ގޮތުގައި މިއީ ކެޕްޓަން ކަމުގެ މަގާމާއި ހަމައަށް ވާސިލްވުމަށް ނާޒިމް ކުރެއްވި ހިތްވަރެވެ. ފުރަތަމަ ވެސް މަސައްކަތް ފެއްޓެވީ ދުރާލާ ވިސްނާ ކަންކަން ރާވައިގެންނެވެ.

"އޭރު ވެސް އަޅުގަނޑު ޓައިމްލައިންއެއް ގެންގުޅުނިން. ވިހި އަހަރުގައި ޖޮއިން ކޮށްފައި، ވިހި އަހަރު ފަހުން ބޯޓުން ފައިބަން އަޅުގަނޑު ވިސްނައިގެން ހުރީ. އެ ޓައިމްލައިން ހަމަވުމާ އެކު އަޅުގަނޑު ބޯޓުން ފޭބީ ދެން،"

ޓައިމްލައިން ހަމަވެ 40 އަހަރު ފުރުނުކަމުގައި ވިއަސް ނާޒިމްގެ ވިސްނުން މި ދާއިރާއާ ދުރަށް ވަޑައިގަންނަވާކަށް ނެތެވެ. ކަނޑުމަތީ ނެތް ކަމުގައިވިއަސް ރާއްޖެއަށް އަންނަ ބޯޓު ފަހަރުތަކަށް އެކިއެކި ޚިދުމަތްތައް ދެއްވުމުގައި ނާޒިމް ސާބިތުވެލެއްވިއެވެ.

އެމްއެސްއެސް އުފައްދަން ސަރުކާރުން ނިންމުމަކީ ނާޒިމަށް ލިބުނު އުންމީދެކެވެ. އެންމެ ފުރަތަމަ ދާއިރާއަށް ނުކުތް ކުންފުނި އުވި ދިޔުމަށް ފަހުގައި، އެ މަގާމުގައި އުފެއްދި އާ ކުންފުނީގެ އެންމެ ފުރަތަމަ މުވައްޒަފުގެ ގޮތުގައި މަސައްކަތް ފެއްޓެވީ ވެސް ނާޒިމެވެ.

އެމްއެސްއެސް އުފެދުނީ ކޮވިޑުގެ ދަތިކަމުގައި، ރާއްޖެއަށް މުދާ އެތެރެކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި ވަނިކޮށެވެ. އެ ހާލަތުގައި ކުންފުނިން ނުކުމެ، މުދާ އުފުލައިދޭ ފްރެއިޓުގެ އަގު ހިފެހެއްޓުމުގައި އެ ކުންފުނިން މުހިއްމު ދައުރެއް އަދާކުރިއެވެ. ތިން އަހަރުވީ އެ ކުންފުނީގެ އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ނާޒިމް ފާހަގަކުރައްވަނީ އެކަމެވެ.

އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން ނާޒިމް - ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޅަ އުމުރުގައި، ސިކުނޑީގައި ކުރަހާލި ފަނޑު ޕްލޭން މިއަދު ނާޒިމް ދިރިހުރި ހަގީގަތަކަށް ހައްދަވައިފިއެވެ. މުސްތަގުބަލުގައި ވާނެ ފައިދާއަށް ވިސްނާ ފިކުރުކޮށް، މިއަދުގެ ޒުވާނުންނަށް ވެސް އެ މަގު ޚިޔާރު ކުރުމުގެ ފުރުސަތު ހުޅުވިފައި އެބައޮތެވެ.

ނާޒިމް އެންމެ ފުރަތަމަ ކިޔަވައިގެން ވަޑައިގެން އިރާއި، މިއަދުގެ ހާލަތު ތަފާތެވެ. އެމްއެސްއެސް އަކީ ހަލުވި ކުރިއެރުން ހޯދަމުން އަންނަ ކުންފުންޏެކެވެ. މިހާރު ވެސް އެ ކުންފުނީގެ ފްލީޓުގައި ފަސް ބޯޓެއް އެބަ އޮތެވެ. ހުރިހާ ބޯޓަކުން ވެސް ދިވެހި ޒުވާނުންނަށް ފުރުސަތު ވަނީ ތަންމިނަށް ހުޅުވާލާފައެވެ.

ނަމަވެސް، އެ ފުރުސަތުތަކަށް އެކަށީގެންވާ ތަރުހީބެއް ނުލިބެއެވެ. އެންމެ ބޮޑު މައްސަލަ އަކީ، ބޯޓު ދަތުރު ކުރުމަކީ އާއިލާއާ ދުރުގައި، ކަނޑުމަތީގެ ނުރައްކާތަކާ ކުރިމަތިލާން ޖެހޭ ދާއިރާއެއް ކަމުގައި ބެލެވިފައި އޮތުމެވެ.

ނާޒިމް ފާހަގަކުރެއްވި ގޮތުގައި ކުދިން މި ކަމަށް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ކަނޑު މައްޗަށް ފޮނުވުމުގެ ބިރާ އެކު، ބައެއް މައިންބަފައިން އެ ކަމާ ހިތްހަމަ ނުޖެހޭ ކަމަށެވެ.

"ބެލެނިވެރިން އަސްލު ބިރުގަންނާކަށް ނުޖެހޭނެ މި ކަމުގައި ކުދިންްގެ ސޭފްޓިއާ މެދުގައެއް. އެ ވަރަށް ރެގިއުލޭޓް ކުރެވިގެން ހިނގާ ކަންތައްތައް ކަނޑުމަތީގެ ޝިޕިންއަކީ. ހަމަ ވަރަށް ފެންވަރު ރަނގަޅު ދިރިއުޅުމެއް އުޅެނީ. ރަނގަޅު މުސާރައެއް ލިބެނީ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ ހަޔާތަކީ އެކަމުގެ އެންމެ ބޮޑު އެއް ހެއްކެވެ. ރާއްޖޭގެ އެންމެ ބޮޑު ސިނާއަތުގައި މަސައްކަތް ކުރުމުގެ މައްޗަށް ބޯޓު ދަތުރުކުރުން އިޚްތިޔާރުކޮށް، އެ ދާއިރާއިން ރާއްޖޭގައި ދެވޭނެ އެންމެ އުހަށް އެހެރީ ވަޑައިގެންފައެވެ. އޭނާ ހުންގާނުގައި ހުންނެވި ކުންފުނިން ޒުވާނުންނަށް ސްކޮލާޝިޕާއި، ތަމްރީނުގެ ފުރުސަތުތަކާ އެކު އެ ދާއިރާއަށް ވަނުމުގެ ދޮރު އެއޮތީ ހުޅުވާލާފައެވެ. މާދަމާ އެ މަގާމަށް އަންނާނެ މީހާ ތަމްރީނުވުމުގެ މަގު ވަނީ ފަހިކޮށްދީފައެވެ.

ނާޒިމްގެ ކާމިޔާބީއަކީ ސިކުނޑީގައި ޖަހައިލި ފަނޑު ހިސާބެއްގެ ފޮނި ނަތީޖާއެވެ. ދުރަށް ވިސްނުމުގެ ނަމޫނާއެކެވެ.

comment ކޮމެންޓް