ބޮޑުވަމުން އަންނަ މާފަރު އެއާޕޯޓާއެކު ނ. އަތޮޅުގެ އިގްތިޞާދު އެތައް ގުނައެއް އިތުރުވާނެ: ސިޔާމް

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު ޖަލްސާގައި ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

މިހާރު އިތުރަށް ތަރައްގީވަމުން އަންނަ މާފަރު އިންޓަނޭޝަނަލް އެއާޕޯޓާއެކު ނ. އަތޮޅުގެ އިގްތިޞާދު 'ތިން ހަތަރު' ގުނަ އިތުރުވާނެކަމަށް މި އަތޮޅަށް އުފަންވެވަޑައިގެންނެވި، އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިރޭ ވެލިދޫގައި އޮތް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ކެމްޕޭން ޖަލްސާގައި އިގްތިޞާދީ ސިޔާސަތާއި، ތަރައްގީގެ ވާހަކަފުޅުދައްކަވަމުން ސިޔާމްވަނީ މާފަަރުގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ފެށުނު ގޮތް ހިއްސާކުރައްވައިފައެވެ.

ސިޔާމް ވިދާޅުވީ ސިޔާސީ ގޮތުން އެ މަނިކުފާނު އެންމެ ފުރަތަމަ މުޒާހަރާއެއް ކުރެއްވީ މާފަރުގައިކަމަށެވެ. އެއީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައިކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މާފަރުގައި ޑޮމެސްޓިކް އެއާޕޯޓެއް އަަޅައިދިނުމުގެ ވައުދަކީ އެ ދުވަހު އެ މަނިކުފާނު ރައްޔިތުންނަށްވީ ވައުދެއްކަމަށް ސިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑު ރައްޔިތުންނަށް ދެންނެވިން އިރާދަކުރެއްވިއްޔާ އަޅުގަނޑު މާފަރުގައި އެއާޕޯޓެއް އަަޅައިދޭނަމޭ. ކަން ދިމާކުރި ގޮތުން އެ އެއާޕޯޓަށް ބިޑުކުރީ، ބިޑުކުރީމާ ލިބުނީ ސިދާ އަޅުގަނޑުމެންގެ ކުންފުންޏަށް،" ސިޔާމް ވިދާޅުވިއެވެ.

ނަމަވެސް ނަސީބު ދިމާކުރި ގޮތުން އެއިރު ދުބާއީގެ ރަސްގެފާނުގެ ޚާއްސަ މަންދޫބެއް އެ މަނިކުފާނު އަރިހަށް ވަޑައިގެންނެވިކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ އެ ރަސްގެފާނު އެ އެއާޕޯޓުގެ މަޝްރޫއާމެދު ޝައުގުވެރިކަން ފާޅުކުރެއްވީކަމަށެވެ.

"އަޅުގަނޑު ދެންނެވިން. އާދޭހޭ އެބައޮތޭ ގޮތެއް. އެ ގޮތަކީ މާފަރު އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަދާ ކަމުގައި ވަންޏާ ކޮންޑިޝަން ކޮށްފައި މާފަރު އެއާޕޯޓު އަޅުގަނޑު ދުބާއީ ރަސްގެފާނަށް ހަވާލުކޮށްފާނަމޭ،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ މިހާރު އެއާޕޯޓު އަންނަނީ ބޮޑުވަމުން ކުރިއަރައި ތަރައްގީވަމުން ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ މާފަރު އެއާޕޯޓު ތަރައްގީކުރުމަކީ އެ މަނިކުފާނުގެ މަސައްކަތެއްކަމަށެވެ. އެއީ އެއްވެސް ސަރުކާރަކުން ކުރި ކަމެއް ނޫންކަމަށް ސިޔާމް ވިދާޅުވިއެވެ.

"މާފަރު އެއާޕޯޓު ހެދީ ސީދާ އަޅުގަނޑު. މި ކަން މާފަރު ރައްޔިތުންނަށް ސީދާ އެނގޭނެ. މި ކަން ނ. އަތޮޅު ރައްޔިތުންނަށް އެނގޭނެ،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ މިއަދު މުޅި ރާއްޖޭގެ އިގްތިޞާދު މިސްރާބު ޖަަހާފައިވަނީ އެތައް ގުނައެއް ކުރިއަރައި ތަރައްގީވުމާ ދިމާއަށްކަމަށެވެ.

"ނ. އަތޮޅުގެ އިގްތިޞާދު، އަޅުގަނޑު ދަންނަވާނަން. ދެ ގުނަ ތިންގުނައަށް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދާނެ،" ސިޔާމް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ނިމުމާއެކު ހަތް މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ކުރެވޭނެ ކަމަށެެވެ. އެއިރުން އިގްތިޞާދު ދެ ގުނައަށްވުރެ މަތިން އިތުރުވާނެކަމަށް ވިދާޅުވިއެވެ.

އެއާއެކު ސިޔާމް ވިދާޅުވީ އައްޑުއިން ވެސް ފެންނަނީ ތަރައްގީގެ އެ މަންޒަރުކަމަށެވެ.

ސިޔާމް ވިދާޅުވީ އެ މަނިކުފާނާއި ރައީސަކީ އިގްތިޞާދު ދަންނަ ދެ ބޭފުުންކަމަށެވެ.

comment ކޮމެންޓް