ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ ''ނީނާ''ގެ ޝޯތައް އަޅުވަނީ

ދިވެހި ފިލްމު ނީނާގެ ޕޯސްޓަރެއް --

ދިވެހި ފިލްމު "ނީނާ"ގެ ޝޯތައް އަންނަ ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ އެޅުވުމަށް ހަމަޖައްސައިފިއެވެ.

"ސަން"އާ ވާހަކަދައްކަމުން ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ބުނީ އާންމުންގެ ފަރާތުން ލިބެމުންދަ ތަރުހީބާ ގުޅިގެން ބުރާސްފަތި އަދި ހުކުރުގެ ރޭ 11:00 ގައި ޝޯތައް އެޅުވުމަށް ނިންމާފައިވާ ކަމަށެވެ.

މި ފިލްމަކީ އިންޓަވަލް ނުލާ އޮލިމްޕަހުގައި ބާއްވާފައިވާ ފުރަތަަމަ ފިލްމަށް ވެފައިވާއިރު ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

ނީނާ ފިލްމުން ދައްކުވައިދެނީ ހިތްވަރުގަދަ އަންހެނެއްގެ ވާހަކައެވެ. ޖިސްމާނީ އަނިޔާ ލިބެމުންދާ ފަރާތްތަކާ ދެކޮޅަށް އަމިއްލައަށް ތެދުވާން މި ފިލްމުގެ ޒަރިއްޔާއިން ވަނީ ދައްކައިދީފައެވެ. ޖިސްމާނީ އަނިޔާއަކީ މިއަދު ރާއްޖޭގައިވެސް އާންމުވަމުން އަންނަ ކަމެކެވެ. އަންހެން މީހާ އޭނާގެ އަމިއްލަ ދިފާއުގައި ތެދުވާ ގިނަ މަންޒަރުތަކެއް މި ފިލްމުން ދައްކުވައިދެއެވެ.

ނީނާ ޓީޒާގެ މަންޒަރެއްގައި ނުޒޫ--

މި ފިލްމަކީ ގިނަ އިބުރަތްތަކެއް ބެލުންތެރިންނަށް ދޫކޮށްފައިވާ ފިލްމެކެވެ. ނޭވާ ހިފަހައްޓާލަން ޖެހޭފަދަ ގިނަ މަންޒަރުތަކެއް މި ފިލްމުގައި ދައްކުވައިދެއެވެ. އަދި އޮލިމްޕަސް އެކީ ހަމަހިމޭންވީ ގިނަ ވަގުތުތަކެއްވެސް ދިޔައެވެ. އަދި މި ފިލްމު ބެލި ގިނަ މީހުން ބުނީ ފިލްމުގެ އެކި ހިސާބުތަކުން ރޮވިފައިވެސް ވާ ކަމަށެވެ.

އިއްލެ ބުނީ މިހާތަނަށް ބޭއްވި ޝޯތަކުގެ ރިވިއުތަކާ މެދު ހިތްހަމަ ޖެހޭ ކަމަށެެވެ. އަދި މި ފިލްމަށް މިހާ ބޮޑު ތަރުހީބެއް ލިބިފައި ވުމުން އުފާވާ ކަމަށްވެސް އިއްލެ ބުންޏެވެ.

އިއްލެގެ ނީނާ އަކީ އޭނާގެ ފުރަތަމަ ފިލްމު "ބަވަތި"ގެ ކާމިޔާބީއާ އެކު 2019ވަނަ އަހަރު އިއުލާނު ކޮށްފައިވާ ފިލްމެކެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ރިލީޒްކުރުން ލަސްވެފައިވާ މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރުމަށް ހަމަޖެހިފައި އޮތީ 2020ވަނަ އަހަރެވެ.

ޓިކެޓާ ގުޅޭ ކަންތައްތަކުގެ މައުލޫމާތު ހޯދައި ސީޓް ރިޒާވް ކުރުމުގެ މަސައްކަތަށް ހަމަޖައްސާފައިވާ ހޮޓްލައިން އަކީ 7242555 އެވެ. އަދި, ޓިކެޓް ދޫކުރުމުގެ ކަންތައް ހަމަޖެހިފައިވަނީ އޮލިމްޕަހުންނެވެ.

comment ކޮމެންޓް