ގައްބަރޭ ބަންދުން ދޫކޮށްލި އަމުރު ހައި ކޯޓުން ބާތިލުކޮށްފި

މެމްބަރު ޒަރީރަށް ހަމަލާދިން މައްސަލައިގައި ތުހުމަތުކުރެވޭ މއ. ނައިޓްވިލާ އިބްރާހިމް އަބްދުﷲ (ގައްބަރޭ) --- ފޮޓޯ/ ފުލުހުން

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި މއ. ނައިޓްވިލާ އިބްރާހީމް އަބްދުﷲ (ގައްބަރޭ) ދޫކޮށްލަން ކުރި އަމުރު ހައި ކޯޓުން ބާތިލުކޮށްފިއެވެ.

ގައްބަރޭ ހައްޔަރުކުރީ، ހޯދަން އިއުލާންކުރިތާ ހަފުތާއެއް ފަހުން، އޭނާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން މެއި މަހުގެ 23ވަނަ ދުވަހުއެވެ. އެފަހަރު ކްރިމިނަލް ކޯޓުން ވަނީ އޭނާ 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.

އޭނާ ބަންދުން ދޫކޮށްލާފައިވަނީ މިދިޔަ މަހުގެ ހަވަނަ ދުވަހުއެވެ. ގައްބަރޭ ބަންދުން ދޫކޮށްލަން ކުރި އަމުރު ދައުލަތުން ހައި ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފައެވެ.

އެ މައްސަލާގައި ގައްބަރޭގެ އިތުރުން ތުހުމަތު ކުރެވޭ މުލާމް މުހައްމަދާއި އަހުމަދު އައުޝަމް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރިފައިވާ އަމުރުތަކަކީ ގާނޫނާ ޚިލާފަށް ނެރެފައިވާ އަމުރުތަކެއް ކަމަށް ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވަނީ އިއްތިފާގުވެފައެވެ. ހައިކޯޓުން މިއަދު ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން ގައްބަރޭގެ މައްޗަށް ކޮށްފައިވާ އަމުރުތަކަކީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާ ކުރާ ގާނޫނާ ޚިލާފަށް ކޮށްފައިވާ އަމުރުތަކެއް ކަމަށެެވެ.

މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނުވަތަ ފުލުހުންގެ ފަރާތުން ކަމާ ބެހޭ ކޯޓަކަށް، ތިން މީހުންގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އެދި ހުށަހެޅުމަށް ހައިކޯޓުން ވަނީ އަންގާފައެވެ. އަދި އެ ގޮތަށް ހުށަހެޅުމުން ހައި ކޯޓުގައި މައްސަލަ ނިންމި ގަޒިއްޔާގައި ބަޔާންކޮށްފައިވާ އުސޫލުން އެ މައްސަލަ ނިންމަން ވެސް ވަނީ އަންގާފައެވެ.

ގައްބަރޭގެ ބަންދުގެ މުއްދަތު ޖަހަން ފުރަތަމަ ގެންދިއުމުން އޭނާގެ މައްޗަށް ކުށަށް ތުހުމަތުކުރެވޭ ވަރަށް ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. އެ ގޮތުން ހެކީންގެ ބަޔާނާއި، ސީސީޓީވީ ފުޓޭޖްގެ ސްނެޕްޝޮޓާއި އަނިޔާލިބުނު ފަރާތުގެ މެޑިކޯ އަދި ފޮޓޯތަކާއި އިންޓެލިޖެންސް ރިޕޯޓްތައް ހުށަހަޅައިފައިވާކަމަށް ބުނެފައިވެއެވެ.

މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވަނީ ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާން ފަހުން ބަދަލުކުރައްވައިފައެވެ. ފުލުހުން ބުނީ ތަހުގީގުގައި ފުރަތަމަ ސުވާލުކުރުމުން ހަމަލާދިނީ ގައްބަރޭ ކަމަށް އޭނާ އައިޑެންޓިފައިކޮށްދެއްވި ކަމަށެވެ. ނަމަވެސް ފަހުން އެކަން ކަށަވަރުނުވާ ކަމަށް ވިދާޅުވެ ޒަރީރު ބަޔާން ބަދަލުކުރެއްވި ކަމަށް ފުލުހުން ބުންޏެވެ.

ބަޔާން ބަދަލުކުރީ ބިރުވެރިކަމެއްގެ ތެރެއަށް ވަންނަން ބޭނުންނުވާތީ ކަމަށް ޒަރީރު ވަނީ ފުލުހުން ގާތު ވިދާޅުވެފައެވެ.

އޭނާ އަކީ 2007ވަނަ އަހަރު ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ހ. ކުބުރާ އަލީ އިޝާރު މަރާލުމުގައި ބައިވެރިވިކަމަށް ފުލުހުންގެ ތަހުގީގުގައި އިއުތިރާފް ވެފައިވާ މީހެކެވެ. އޭރު އޭނާގެ އުމުރަކީ 16 އަހަރެވެ. އެ މައްސަލައިގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އުފުލައިފައެވެ.

ނަމަވެސް ހެކި ނެތުމުގެ ސަބަބުން އޭނާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް 2010ވަނަ އަހަރު ޖުވެނައިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ޖުވެނައިލް ކޯޓުން ކުރި ހުކުމް ދައުލަތުން ވަނީ ހައިކޯޓުގައި 2012ވަނަ އަހަރުގެ އޭޕްރީލް މަހުގެ 17ވަނަ ދުވަހު އިސްތިއުނާފު ކޮށްފައެވެ.

comment ކޮމެންޓް