ފަތުރުވެރިކަމުގެ ދާއިރާއަށް ކުދިން ޝައުގުވެރިކޮށް, ހޭލުންތެރި ކުރުމަށްޓަކައި ސާނަވީއަށް ކިޔަވަމުންދާ ދަރިވަރުންގެ އިތުރުން ބެލެނިވެރިންނަށް އަމާޒުކޮށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސެޝަން ތަކެއް ހިންގަން ފަށައިފިއެވެ.
މިއީ ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ސާނަވީ ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް އަދި ބެލެނިވެރިންނަށް ހިންގަމުންދާ ސެޝަންތަކެކެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ، ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހީންގެ އަދަދު އިތުރު ކުރުމެވެ. މީގެ އިތުރުން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނާއި ނިމިފައިވާ އާ ޒުވާނުންނަށް ފަތުރުވެރިކަމާ ގުޅޭ މައުލޫމާތު ދިނުމެވެ.

މި ޕްރޮގްރާމްގެ ދަށުން ބޭއްވުނު ދެވަނަ ސެޝަން--
އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ވަޒީފާ ތަކުގެ އިތުރުން އެ ދާއިރާއަށް ބޭނުންވާ ހުނަރުތަކާ ބެހޭ މައުލޫމާތު ދިނުމާއި، ހުނަރު ތަރައްގީ ކުރުމުގެ ފުރުސަތުތަކުގައި ބައިވެރިވެވޭނެ ގޮތް ކިޔައިދޭނެއެވެ. މީގެ އިތުރުން ޓީޗަރުންނާއި ބެލެނިވެރިންވެސް މި ދާއިރާއަށް އަހުލުވެރި ކުރުވުމަކީ މި ސެޝަންތަކުގެ ބޭނުމެކެވެ.
މި ޕްރޮގްރާމްގެ އެންމެ ފުރަތަމަ ސެޝަން މިއަދު ހެނދުނު ވަނީ ޣާޒީ ސްކޫލުގައި ކުރިއަށް ގެންގޮސްފައެވެ. ދެވަނަ ސެޝަން ކުރިއަށް ގެންދިޔައީ ދަރުމަވަންތަ ސްކޫލުގައެވެ. މި ދެ ސްކޫލުގައި ކުރިއަށް ގެންދިޔަ ސެޝަންތަކަށްވެސް ވަނީ ދެ ސްކޫލުގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އެ ސެޝަންތަކުގައި 231 ދަރިވަރުންނާއި މުވައްޒަފުން ބައިވެރިވިއެވެ.