ދެވަނަ ދައުރެއްގައި މިލަދުއަށް ސްޕޯޓްސް ކޮމްޕްލެކްސްއެއް

ރައީސް ނ. މިލަދޫގައި ވާހަަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ރަށުގެ ޒުވާނުންނަށް އިސްކަންދީގެން ދެވަނަ ދައުރެއްގައި ނ. މިލަދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީކޮށްދެއްވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވައުދުވެވަޑައިގެންފިއެވެ.

މިލަދުއަށް ވަޑައިގެން އެ ރަށުގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނުވަނީ ދެވަނަ ދައުރެއްގައި މިލަދުއަށް ކޮށްދެއްވާނެ ކަންކަން ހާމަކުރައްވައިފައެވެ. އެ ކަންކަމަކީ:

  • ދެކުނު ފަރާތު ގިރާ ސަރަހައްދު ހިމާޔަތްކުރުން
  • ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީކުރުން
  • ފްލެޓު ނުވަތަ ރޯހައުސް އެޅުން
  • ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުން

މި ރަށުގެ ރައްޔިތުންނަށް ވެސް ރައީސް ވަނީ ބޮޑެތި އާބާދީތަކާއި ކުޑަ އާބާދީތަކަށް ތަރައްގީގައި ދެއްވާ އިސްކަން ތަފާތުކުރުމެއް ނެތި ދެއްވާނެކަމުގެ ޔަގީންކަން އަރުވައިފައެވެ.

އެ މަނިކުފާނު ވިދާޅުވީ، މިއަދު ރަށްރަށުގައި އެންމެ އަސާސީ ގޮތުން ލިބެންޖެހޭ ޚިދުމަތްތައް ވެސް ކަށަަވަރުވެ، ބައެއް ރަށްރަށުގައި އެ ކަން ނިމެމުން އަންނަކަމަށެވެ.

އެހެންކަމުން ބޭނުންނަމަ ކޮންމެ ރަށެއް ވެސް އޮތީ ރިސޯޓަކަށް ބަދަލުކޮށްލެވޭ ގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ.

"އަބްދުﷲ ޖާބިރު ވިދާޅުވާ ފަދައިން، މެމްބަރު، އަޅުގަނޑުމެންގެ ކޮންމެ ރަށެއް މިހާރު މިވަނީ ރިސޯޓަކަށް ފައްކާވެފައި. ގެސްޓު ހައުސް އަޅަންވީ. ފެން ލިބޭނެ. ނަރުދަމާ އޮންނާނެ. ލަފާފުރަން ފަސޭހަވާނެ. ސިއްހީ ހިދުމަތް ލިބޭނެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ގައުމުން ބޭރު ފަތުރުވެރިއަކު އަންނައިރު އެންމެ ފުރަތަމަ ބަލާ ކަންކަމަކީ އަސާސީ ޚިދުމަތްތައް ހުރިތޯކަމަށެވެ. އަދި އެ ޚިދުމަތްތަކުގެ ހާލަތު ކަމަށެވެ.

"އަޅުގަނޑު ހިތުން މިއީ ރަނގަޅު މުސްތަގްބަލެއްގެ ފެށުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ފަަދަ ދާއިރާތަކަށް އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކަށް ދެން އަންނަ ދައުރެއްގައި ލުއި ލޯނު ލިބޭނެ ގޮތް ހަމަޖެހޭނެކަމަށެވެ.

comment ކޮމެންޓް