ޕީޕީއެމްގެ މެމްބަރުން ގާސިމަށް ވޯޓު ލުމަށް ޑރ. ވަހީދު ގޮވާލައްވައިފި

މާމިގިލީގައި ބާއްވާ ޖުމްހޫރީ ޕާޓީގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/ ޖޭޕީ

ޕީޕީއެމް މެމްބަރުން މަގުމަތި ވެފައިވާ ކަމަށް ވިދާޅުވެ އެ ޕާޓީގެ އެންމެހާ މެމްބަރުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ވޯޓު ދިނުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގޮވާލައްވައިފިއެވެ.

މިރޭ އދ. މާމިގިލީގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ ޕީޕީއެމްގެ އެތެރޭގެ ޑިމޮކްރަސީ ނެތުމުގެ ސަބަބުން އެއްވެސް މީހަކަށް އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބަށް ނުކުތުމުގެ ފުރުސަތު ނުލިބުނު ކަމަށެވެ.

"އޭގެ ސަބަބުން މިއަދު ޕީޕީއެމްގެ ކެންޑިޑޭޓެއް މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކަރުދާހަކު ނެތް. ޕީޕީއެމްގެ ކުލައެއް ވެސް ނިޝާނެއް ވެސް ނެތް. ކޮބައިތޯ ޕީޕީއެމްގެ ސާޅީހަކަށް ހާސް މެމްބަރުން،" ޑރ. ވަހީދު ވިދާޅުވިއެވެ.

ވޯޓުދިނުމުގައި ބަލަންވީ ވަކި މީހަކަށް ނޫން ކަމަށާއި މިއަދު ބަލަން ވީ ގައުމަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ކުރެވެން އޮތީ ކޮން މަސައްކަތެއް ތޯ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމަ އެގޮތުން އަޅުގަނޑު ޕީޕީއެމްގެ މެމްބަރުންނަށް ގޮވާލަން ވަރަށް ރަނގަޅަށް ވިސްނާ ވަޑައިގެންފަ ގާސިމް އިބްރާހީމަށް ތިބޭފުޅުންގެ ސަޕޯޓު ދެއްވަން،" ޑރ. ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ވަހީދު ވިދާޅުވީ ގައުމުގެ ހާލަތު ބަދަލު ކުރެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ ގާސިމް ކަމަށެވެ. އެގޮތުން ގާސިމްގެ ވެރިކަމެއްގައި ރާއްޖޭގެ ދަރަނި އަދާކޮށް އިގްތިޞާދު ހަރުދަނާ ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިކަންކަން އެންމެ ރަނގަޅަށް ކުރެވޭނެ ބޭފުޅަކީ ކޮބައިތޯ ތިބޭފުޅުން ވިސްނަވާ އިރުގަ މިއަހަރު ރިޔާސީ އިންތިޚާބަށް ކުރިމަތި ލެއްވި ބޭފުޅުންނަށް ވިސްނަވާ. އޮނަރަބަލް ގާސިމް އިބްރާހީމް ފިޔަވާ އެވަރުގެ ކަމެއް ކުރެއްވޭނެ ހަމަ އެއްވެސް ބޭފުޅަކު ނެތް،" ޑރ. ވަހީދު ވިދާޅުވިއެވެ.

ދިހަ އަހަރު ޕީޕީއެމްގައި ހޭދަ ކުރެއްވުމަށްފަހު ޑރ. ވަހީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ މިރެއެވެ. އެމަނިކުފާނު ވިދާޅުވި ގާސިމަކީ އެމަނިކުފާނުގެ ރަހުމަތްތެރިއެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ދެ އަހަރުގެ ވެރިކަމުގައި ވެސް އެންމެ އެހީތެރިވެ ވަޑައިގަތް އެއް ބޭފުޅަކީ ގާސިމް ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.

comment ކޮމެންޓް