ސިފައިންނާ ފުލުހުން އަދި ފަނޑިޔާރުންނަށް ދައުލަތުގެ ޚަރަދުގައި ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވައުދުވެވަޑައިިގެންފިއެވެ.
އދ. މާމިގިލީގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ގާސިމް ވިދާޅުވީ, ސިފައިންނާ ފުލުހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ވާހަކަތައް އަޑުއަހާ ކަމަށާއި ނަމަވެސް އެކަން ހަގީގަތަކަށް ވެގެންދާތަން ނުފެންނަ ކަމަށެވެ.
"އަޅުގަނޑުގެ ވެރިކަމެއްގައި ކޮންމެ ސިފައިންގެ ބޭފުޅަކު ވެސް އެމީހަކަށް އެކަށީގެންވާ މި ޒަމާނުގެ މި ތައްޔާރުކުރެވޭ އެކޮމަޑޭޝަނެއް އަޅުގަނޑުމެން ފޯރު ކޮށްދޭނަން އެ ބޭފުޅުން ހިދުމަތުގައި ތިއްބެވިހާ ދުވަހަކު. ކޮންމެ ތަނެއްގައި ވިޔަސް," ގާސިމް ވިދާޅުވިއެވެ.
އެކަމުގެ ކުޑަ ތަފްސީލެއް ދެއްވަމުން ގާސިމް ވިދާޅުވީ, އެކަން ކުރާނީ ބަންޑާރަކޮށީގެ އެއްބައި ހުސްކޮށް ބައި ބަޔަށް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްގެން ކަމަށެވެ. އެގޮތުން 15 ބުރީގެ އިމާރާތްތައް އަޅަން ގާސިމް ވައުދުވެ ވަޑައިގަތެވެ.
"އެބޭފުޅުން މަގާމު އަދާކުރާހާ ހިނދަކު ދައުލަތުން އެ ހިދުމަތް ލިބޭ ގޮތަކަށް ކުއްޔެއް ދެއްކުމަކާ ނުލައި ދޭނަން. ހަމަ އެހެންމެ ސިފައިންނެކޭ އެއްގޮތަށް ފުލުހުންނަށް ވެސް އެ ހިދުމަތް އެ ގޮތުގައި ދިނުމަށް ގަސްތުކުރާ ކަމުގައި ދަންނަވަން," ގާސިމް ވިދާޅުވިއެވެ.

މާމިގިލީގައި ބާއްވާ ޖުމްހޫރީ ޕާޓީގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/ ޖޭޕީ
ހުޅުމާލެ އާއި މާލޭގެ އިތުރުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ސިފައިން އަދި ފުލުހުންނަށް ވެސް ކުއްޔެއް ދެއްކުމަކާ ނުލައި ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
މާލޭގައި ދިރިއުޅޭ ފަނޑިޔާރުން ދިރިއުޅެމުންދަނީ ރައްކާތެރިކަން ކުޑަ ގޮތެއްގައި ކަމަށް ގާސިމް ވިދާޅުވިއެވެ.
އެބޭފުޅުންގެ އާއިލާތަކަށް ވެސް ފަނޑިޔާރުކަން ކުރައްވާ ހިނދަކު ކުލި ދެއްކުމަކާ ނުލައި އަޅުގަނޑުމެން އެކޮމަޑޭޝަން ފޯރުކޮށްދޭނަން ދައުލަތުގެ ޚަރަދުގައި," ގާސިމް ވިދާޅުވިއެވެ.
ސިފައިންނާއި ފުލުހުންގެ އިތުރުން ފަނޑިޔާރުންނަށް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ގޮތުގެ ޕްލޭނެއް އެބައޮތްކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ, ކުރިއަށް ހުރި ދުވަސްތަކުގައި އެކަމުގެ ތަފްސީލް ދެއްވާނެ ކަމަށެވެ.
ދިވެހި ގައުމާ ރައްޔިތުން ހިމާޔަތް ކުރުމަށް އެއާ ފޯސްއެއް އުފައްދައި މިހާރުގެ ކޯސްޓް ގާޑް އުވާލައި ނޭވީއެއް ގާއިމް ކޮށްދޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެހެން ބަޔަކަށް އަޅުގަނޑުމެންގެ ސަރަހައްދު ބަލަހައްޓަދޭން ޖައްސާކަށް ނުވާނެ," ގާސިމް ވިދާޅުވިއެވެ.
ރާއްޖޭގެ ކުރިއެރުމަށް އިންޑިއާއިން ވަމުންދާ އެހީތެރިކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ, އިންޑިއާގެ އެތައް ރައްޔިތުނެއް ހާލުގައި އުޅޭއިރު ތާއަބަދު ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އޮތުމަކީ އެ ގައުމަށް ދަތިކަމެއް ކަމަށެވެ.
"އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ތެދުވާން ޖެހޭނެ. އަބަދާ އަބަދު މީހުންގެ ގައިގަ ލެގިގެނެއް ނުހުރެވޭނެ," ގާސިމް ވިދާޅުވިއެވެ.