ވާދަވެރިންގެ ވައުދުތައް ރައްޔިތުންނާ ގުޅުމެއް ނެތް، އާ ކަމެއް ވެސް ނެތް: ރައީސް

ރައީސް ޞާލިހު ނ. މަނަދޫގައި ވާހަކަފުޅުދައްކަަވަނީ -- ފޮޓޯ/ އެމްޑީޕީ

ނ. މަނަދޫން މުޙައްމަދު ނާއިލް ޙަފީޒް

ވާދަވެރި ރިޔާސީ ކެންޑިޑޭޓުންގެ އަމާޒާއި އެ ކެންޑިޑޭޓުންގެ ވައުދުތަކަކީ ރައްޔިތުންނާ ގުޅުން ނެތް، މިހާރު ވެސް ކުރަމުން އަންނަ ކަންތައްތަކެއްކަމަށް ވިދާޅުވެ ވާދަވެރިންގެ ވައުދުތަކަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ފާޑު ވިދާޅުވެއްޖެއެވެ.

ނ. މަނަދޫގައި މިރޭ އޮތް ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހުވަފެންތަކެއް ބަލައި ހަގީގަތަކަށް ހެދޭނީ ފުރަތަމަ ކަމަކަށް 'ނިދިން ހޭލައިގެން'ކަމަށެވެ.

"ތިމާ ހެނދުނު ހޭލާ އިރުގައި ސިކުނޑީގައި ހުރި އެއްޗެއް ބުނެލަނީ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އެ ފަދަ ސިޔާސީ ފަރާތްތަކުން މެންދުރު ދައްކާ ވާހަކައާއި ރޭގަނޑު ދައްކާ ވާހަކަ ދިމާނުވާ ކަމަށެވެ.

މިހާރު ވެސް ބައެއް ކެންޑިޑޭޓުން، މި ސަރުކާރުން މިހާރު ވެސް ހިންގަމުން އަންނަ މަޝްރޫތައް ހިންގަން އަލުން ވައުދުވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަދު މި ގައުމު ކުރިނާރާ މި އޮތީ އެހެންވެގެން. އެއީ 2013އިން 2018އަށް ވެރިކަން ކުރި ބޭފުޅުންގެ ސިޔާސަތު. މިއަދު ވެސް އެ ހާމަކުރައްވަނީ އެ ސިޔާސަތު. އޭގެ ފަހަތުގައި އޮންނާނީ އަނިޔާވެރިކަމާއި ބިރުވެރިކަމާއި ނުރައްކާ. ގަދަބާރުން ވެރިކަންކުރުން،" ރައީސް ވިދާޅުވިއެވެ.

ނ. މަނަދޫގައި ރައީސް ވާހަކަފުޅުދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ

ރައީސް ވިދާޅުވީ ރާއްޖޭގެ ކޮންމެ ހިސާބެއްގައި ވެސް ދިރިއުޅެނީ ދިވެހި ރައްޔިތުންކަމަށާއިި ތަރައްގީ ލިބެންޖެހޭނީ ސިޓީއެއްގައި ނުވަތަ ބޮޑު ރަށެއްގައި އުލޭތީ އެކަނި ނޫންކަމަށެވެ.

"ސިޔާސީ ވާހަކަދައްކަންވީ، ހަޖަމް އަޅުގަނޑުމެންނަށް ކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އެ މަނިކުފާނުގެ ސިޔާސަތުތައް ބައްޓަންކުރައްވާނީ، އަސާސީ ހައްގުތަކުގެ މިނިވަންކަން ޔަގީންވާ މަގުންކަމަށެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ހާމަކުރަމުން އަންނަ ފަދަ ފެންވަރުގެ އެއްވެސް ސިޔާސަތެއް އިތުރު އެހެން ކެންޑިޑޭޓަކަށް ހާމަނުކުރެވޭނެކަމަށެވެ.

"ސިޔާސަތުތައް ހާމަކުރަމުން ދާއިރުގައި ކޮންމެ ރަށަކަށް ތަރައްގީއަށް ބޭނުންވާ ލިސްޓެއް އެބަ ހާމަކުރަން. މިއީ ވެސް އެ ބޭފުޅުންނަށް ކުރެވޭނެ ކަމެއް ނޫން. ރައްޔިތުންނާ ބައްދަލުކޮށްގެން ނޫންތޯ އެ ކަން ކުރެވޭނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް މަނަދުއަށް ވެވަޑައިގެންނެވި ވައުދުތައް

  • މަނަދޫގެ ހުރިހާ މަގެއްގައި ތާރު އެޅުން
  • އައިސް ޕްލާންޓެއް އެޅުން
  • ލޯކަލް މާރުކޭޓެއް އަޅައިދިނުން
  • ކުރީގެ ނަރުދަމާގެ މައްސަަލަ ހައްލުކުރުން
  • މަނަދޫ އިރުމަތީ ފަރާތުގައި ޕިކްނިކު ދާން ޚާއްސަ ތަނެއް ހެދުން
  • ރަށްގިރުމުގެ މައްސަލަ ހައްލު ކުރުން
  • ސްކޭޓް ޕާކެއް އަޅައިދިނުން
  • ބަނދަރު ދެކުނު ފަރާތުގައި ޖެޓީއެއް ހެދުން

"އަޅުގަނޑަށް ހަމަ ޔަގީން ނ. އަތޮޅުގެ ރައްޔިތުން ނިންމާނީ ތަރައްގީއާއެކު ކުރިއަށްދާން،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް