މި ސަރުކާރުންވާ ވައުދުތަކާއި މަޝްރޫއުތައް ހިންގަން ބޭރުގެ ގައުމުތަކާއި ބޭންކުތަކުން ފައިސާގެ އެހީއާއި ލޯނު ލިބޭނެކަމުގެ ޔަގީންކަން މިއަދު އެބައޮތްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ނ. ކެނދިކުޅުދޫގައި އޮތް ކެމްޕޭން ޖަލްސާގައި ރައީސް މި ފަދައިން ވިދާޅުވީ އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.
ރައީސް ވިދާޅުވީ އެމްޑީޕީ ކޯލިޝަނުގައި ތިބީ ބޭރުގެ މާލީ އިދާރާތަކުން އިތުބާރުކުރާ ލީޑަރުންކަމަށެވެ.
އެގޮތުން ކެމްޕޭންގެ ތެރެއިން ވެސް ބޭރުގެ އެ ފަދަ ބައެއް މީހުންނާ ބައްދަލުވެ މަޝްވަރާކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ކޯލިޝަންގައި ސިޔާމް ހިމެނިވަޑައިގަންނަވާކަމަށް ވިދާޅުވާއިރަށް އެ ފަރާތްތަކުން އެ ކަމަށް ތައުރީފްކޮށް ކުރިއަށް ދިއުމަށް ލަފާދޭކަމަށް ރައީސް ވިދާޅުވިއެވެ.
ތީ ހަމަ ވަރަށް ރަނގަޅު ޑިސިޝަނެކޭ، ކުރިއަށް އޮތް ތަނުގައި ތިމަންނަމެން ދޭންޖެހޭ ފައިސާ ދިނުމުގައި އެއްވެސް ދައްޗެއް ނުހުންނާނޭ. އަޅުގަނޑުމެން މިއަދު މި ވާ ހުރިހާ ވައުދެއް އިރާދަކުރެއްވިއްޔާ ފުއްދުމަށް ޓަކައި ސަރުކާރުތަކުންނާއި ބޭރުގެ ބޭންކުތަކުން އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް އެ ފައިސާ މިހާރު ލިބޭނެކަމުގެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 2018ވަނަ އަހަރުގެ އަނިޔާވެރިކަމުން ސަލާމަތްވެ މި ފަސް އަހަރު ވޭތުކުރީ އަމާންކަމާއެކު ކަމަަށެވެ.
"އިރާދަކުރެއްވިއްޔާ 2018ވަަނަ އަހަރު ރާޖޭގެ ރައްޔިތުން ނިކުމެ އެ އަނިޔާވެރިކަމުން އަޅުގަނޑުމެން ސަލާމަތްކޮށްފި. މި ވޭތުކުރި ފަސް އަހަރު ގާތްގަނޑަކަށް އަޅުގަނޑުމެން މި ހޭދަކުރީ ހަމަޖެހުމާއި ސުލްހަވެރިކަމާއެކު،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ރަށުގެ ރައްޔިތުންނަށް މި ސަރުކާރުގެ އުސޫލުތަކާއި ހަމަތައް ތަޖުރިބާކޮށްފައިވާ ކަމަށެވެ. އެގޮތުން ފަސް އަހަރުގެ ދައުރުގައި ސަރުކާރުންވީ ވައުދުތަކާއި، އެ ވައުދުތަައް ފުއްދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ރައްޔިތުންނަށް އެނގޭނެކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ކެނދިކުޅުދޫ ރައްޔިތުންގެ ކިބައިން އެދެނީ އަޅުގަނޑުމެންނަށް ވޯޓު ދެއްވުމަށް،" ވޯޓު ބޭކާރު ނުވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޯލިޝަންގައި ތިބީ ރާއްޖޭގެ ހާލަތު ދަންނަ އިގްތިޞާދު އެނގޭ ބޭފުޅުންކަމަށެވެ.
ރައީސް ވިދާޅުވީ ނ. އަތޮޅުގެ ރައްޔިތުންނަށް އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމަކީ ކާކުކަން ނުއޮޅޭނެ ކަމަށެވެ. އެއީ މި އަތޮޅަށް އުފަން ޚިދުމަތްތެރިއެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސިޔާމްގެ ބައިވެރިވުން ލިބުމަކީ އެ މަނިކުފާނަށް ލިބުނު ހިތްވަރެއް ކަމަށެވެ.
ދެހާސް އަށާރަ ވަނަ އަހަރު އެމަނިކުފާނު ވެރިކަމާ ހަވާލުވިއިރު އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރަންޖެހިފައި އޮތީ އަސާސީ ޚިދުމަތްތައް ޔަގީންކުރުމުގެ މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ރަށަށް ވެސް ވީ ވައުދުތަކެއް ހުންނާނެކަމަށާއި އޭގެ ތެރެއިން ބައެއް މަސައްކަތް ނިމި ބައެއް މަސައްކަތްތައް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ކުރިއަށް އޮތްތަނުގައި ވެސް ކެނދިކުޅުދޫއަށް ބޭނުންވާ ތަރައްގީގެ މަޝްރޫތައް އެބަހުރި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ދެވަނަ ދައުރެއްގައި ކެނދިކުޅުދޫގައި ހިންގާނެ މަޝްރޫތައް
- 300 ރޯހައުސް ނުވަތަ ފްލެޓު އެޅުން
- ފުއްޓަރު ފަރާތް ހިމާޔަތްކުރުން
- ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުން