ވެރިކަންކުރަން އެންމެ ބޮޑު ގޮންޖެހުމަކަށްވީ ކޮވިޑުގެ ބަލިމަޑުކަން: ރައީސް

ނ،. ހެނބަދޫގައި އޮތް ކެމްޕޭން ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ނ. ހެނބަދޫއިން، މުޙައްމަދު ނާއިލް ޙަފީޒް

މި ރިޔާސީ ދައުރުގައި ވެރިކަންކުރުމަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެވަޑައިގަތީ ކޮވިޑުގެ ބަލިމަޑުކަމާހެދި ކަމަށާއި ނަމަވެސް އެ ބަލިމަޑުކަމުގެ ހާލަތުގައި ނިންމެވުނީ ރަނގަޅު ނިންމެވުންތަކެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ނ. ހެނބަދޫގައި އޮތް ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވެރިކަން ކުރުމަށް ކޮވިޑުގެ ހާލަތުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.

"ވަރަށް ދަތި އުނދަގޫ މަރުހަލާއެއް އަޅުގަނޑުމެންނަށް ކަޑައްތުކުރަން ޖެހުނީ،" ރައީސް ވިދާޅުވިއެވެ.

އެގޮތުން އެންމެ ބޮޑު އެއް ގޮންޖެހުމަކަށްވީ ބަލިމަޑުކަމުގެ އެ ހާލަތުގައި ދީނީ ގޮތުން، ދީނާ ގުޅުންހުރި ނިންމުންތައް ނިންމުމަަށްކަމަށެވެ.

އެގޮތުން ޖަމާއަތުގައި ނަމާދުކުރުން މަޑުޖައްސައި، މިސްކިތްތައް ބަންދުކުރުމާ ގުޅޭގޮތުން އެ ހާލަތުގައި ކުރެވުނު މަޝްވަރާއާއި އެ ކަމާމެދު ގޮތެއް ނިންމަން ޖެހުނީ ދިގުދެމިގެންދިޔަ އުނދަގޫ މަޝްވަރާތަކަށްފަހުކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަޝްވަރާގައި ބައެއް ރޭރޭ، ދަންވަރުގެ ލަސް ވަގުތުތައް ވެސް ހޭދަވާކަމަށް ރައީސް ވިދާޅުވިއެވެ.

"އެ މަޝްވަރާގައި ބައެއް ދުވަސްދުވަހު ރޭގަނޑު 12 ޖަހަންދެން ގޮތް ނުނިމި ގޮސް އެބަހުރޭ. އަޅުގަނޑަށް މިނިސްޓަރު ގުޅައިފައި އެބަ ވިދާޅުވޭ އަދިވެސް ގޮތެއް ނުނިމެޔޭ. ޚިޔާލު ތަފާތުވުންތައް ވަރަށް ބޮޑޭ،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް މަޝްވަރާތައް ކުރިއަށް ގެންގޮސް އެތައް މަޝްވަރާއަކަށްފަހު ނިންމުނީ މިސްކިތްތައް ވަގުތީގޮތުން ބަންދުކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ނިންމެވި ނިންމެވުމަކީ ވެސް އުނދަގޫ ނިންމެވުމެއް ކަމަށެވެ.

ނ. ހެނބަދޫ ކެމްޕޭން ޖަލްސާގައި ބައިވެރިވެ ތިބި އަންހެނުންތަކެއް -- ފޮޓޯ/ އެމްޑީޕީ

ރައީސް ވިދާޅުވީ ކިތަންމެ އުނދަގޫ ނަމަވެސް އެ ދުވަހު ނިންމުންތައް ނިންމެވީ އެ ދާއިރާއެއްގެ މީހުންނާ މަޝްވަރާކުރުމަށްފަހުކަމަށެވެ.

"އަޅުގަނޑު ފުރަތަަމަ ބައްދަލުކުރީ ސިއްހީ ދާއިރާގެ މާހިރުންނާ. އެ ބޭފުޅުންގެ ކުރިމަތީ އޮތީ ހަމައެކަނި، އޮންނާނީ ވެސް އެހެން، މީހުންގެ ފުރާނަ ސަލާމަތްކުރުން،" ރައީސް ވިދާޅުވިއެވެ.

އެއަށްފަހު ދެން މަޝްވަރާކުރީ ޓޫރިޒަމް ދާއިރާގެ އިސްވެރިންނާކަމަށާއި އެ ބައްދަލުވުންތަކަށްފަހު ބޯޑަރު ބަންދުކޮށް ހުރިހާ ކަމެއް ހުއްޓުމަކަށް ގެނައުންވީ ދަތިކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެ ނިންމުން ނިންމެވީ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ރަނގަޅު ނިންމުމެއްކަން މިއަދު އެނގޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެއާއެކު ދީނީ އިލްމުވެރިންނާއި ޓޫރިޒަމް ދާއިރާގެ އެންމެހާ ފަރާތްތަކަށް ރައީސްވަނީ އެ ދުވަހު ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވައިފައެވެ.

ރައީސް ވިދާޅުވީ ހެނބަދޫ އިން 46 ޕަސެންޓު ވޯޓު 2018ގައި ލިބުނު ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 70 ޕަސެންޓާ ހަމައަށް ވޯޓު ލިބޭނެ ކަމާމެދު ޝައްކުނުކުރައްވާ ކަމަށެވެ.

"ތިޔަ ބޭފުޅުން ބޭނުންވަނީ ޓެސްޓުކޮށް ނިމިފައި އޮތް ސަރުކާރެއް ގެންނަން، އަޅުގަނޑަށް ޔަގީން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެވަނަ ދައުރެއްގައި ހެނބަދޫގައި:

  • ބިން ހިއްކައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަވާނެކަމަށް
  • ހުުކުރު މިސްކިތެއް ބިނާކޮށްދެއްވާނެކަމަށް
  • މަގުތަކުގައި ތާރު އަޅާނެކަމަށް
  • ކައުންސިލާއި ކޯޓު އެއްތަންކުރުމަށް އޮފިސް ކޮމްޕްލެކްސްއެއް ގާއިމްކުރާނެކަމަށް
  • ސިއްހީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރައްވާނެކަމަށް
comment ކޮމެންޓް