ނޫނު އަތޮޅުން ރައީސަށް ރެކޯޑް އަދަދަކަށް ވޯޓު ލިބޭނެ: ސިޔާމް

ށ. އަތޮޅަށް ރައީީސް ކުރެއްވި ކެމްޕޭން ދަތުރުފުޅުގެ ތެރެއިން، އެމްޑީއޭގެ ރައީސް ސިޔާމާއެކުގައި -- ފޮޓޯ/ އެމްޑީޕީ

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ނޫނު އަތޮޅުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ރެކޯޑް އަދަދަކަށް ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށް އެމްޑީއޭގެ ލީޑަރު އަދި ސަރުކާރު ކޯލިޝަން ޕާޓްނަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސްގެ އަރިހުގައި މިހާރު ނޫނު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ފެންނަނީ ވަރަށް ކާމިޔާބުކޮށް ކަމަށެވެ.

ރައީސްގެ ކެމްޕޭނުގެ ތެރެއިން މިހާރު އަންނަނީ ސިޔާމް ނިސްބަތްވެ ވަޑައިގަންނަވާ ނޫނު އަތޮޅުގެ އެކި ރަށްރަށަށް ދަތުރުތައް ކުރައްވަމުންނެވެ.

އެ ދަތުރުފުޅުގެ ތެރެއިން ނ. މާޅެންދޫގައި ވާހަކަދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ ޓޫރިޒަމަށް އިންގިލާބެއް ގެނައުމުގައި، ސިޔާމްގެ ދައުރު ބޮޑުވާނެކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑަށް ހަމަ ޔަގީން ކުރިއަށް މި އޮތް ދައުރުގައި އަޅުގަނޑުމެންގެ އިގްތިސާދީ ސިޔާސަތު ބައްޓަން ވެގެން ދާއިރުގައި، ޚާއްސަކޮށް ޓޫރިޒަމް ދާއިރާއަށް މި ގެންނަ ބަދަލުތައް ތި ބޭފުޅުން އުންމީދުކުރައްވާ ވަރަށްވުރެ ބޮޑެތި ބަދަލުތައް ފެނިގެންދާނެ. އޭގެ ހިއްސާދާރަކަށް ސިޔާމް ވެވަޑައިގަންނަވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ދަތުރުފުޅުގައި އެމްޑީއޭގެ އިތުރުން، ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

comment ކޮމެންޓް