ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ ކެތްތެރިކަމުގައި ނަމޫނާ މިސާލެއްކަމަށް އެމްޑީއޭގެ ނައިބު ރައީސް ޢަލީ މައުރޫފް ވިދާޅުވެއްޖެއެވެ.
ނ. ހެނބަދޫގައި އޮތް ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ ގައުމުތަކުގެ ވެރިންނާއި މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކެތްތެރިކަން އިސްކުރަން ޖެހެނީ އެއީ ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި އެ މީހުން ތިބުމުން ކަމަށެވެ.
އެގޮތުން ރައީސް ޞާލިޙަކީ ރައްޔިތުންގެ ޚާދިމެއްކަން ގައުމުގެ ހުރިހާ ރައްޔިތުން ވެސް މިއަދު ގަބޫލުކުރާކަމަށް މައުރޫފް ވިދާޅުވިއެވެ.
"އެ މަނިކުފާނުގެ ކެތްތެރިކަން އެއީ އެންމެ މުހިންމު ސިފަކަން ރައްޔިތުން ބަލައިގެންފި،" މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ ނަބީ ބޭކަލުންނާއި ރަސޫލު ބޭކަލުންގެ ފަރާތްޕުޅުން ވެސް ފެންނަ އެންމެ މާތް ސިފައަކީ ކެތްތެރިކަން ކަމަށެވެ. އަދި ކީރިތި ޤުރުއާނުގައި ވެސް ކެތްތެރިވުމުގެ ލަފްޒާއި އެ ކަމުގެ ވާހަކަ ތަކުރާރުކޮށް ވަޙީކުރައްވައިފައިވާކަމަށް މައުރޫފް ވިދާޅުވިއެވެ.
އެހެންކަމުން އެއީ ކޮންމެ އިންސާނަކަށް ވެސް މުހިންމު ސިފައެއްކަމަށް މައުރޫފް ވިދާޅުވިއެވެ.
"ކެތްތެރިކަމުގެ ސިފައެއީ ﷲ ސުބްހާނަހޫ ވަތައާލާ ލޯބިވެވޮޑިގަންނަވާ ސިފައެއް،"
ކެތްތެރިކަން އިމްތިހާނުކުރައްވާނީ އެކި ކަންކަމުގައިކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ އެއީ ބަލިމަޑުކަމާއި، މުސީބާތްތައް މެދުވެރިކޮށް ވެސް އިމްތިހާނުކުރައްވައި ސިފައެއް ކަމަށެވެ.
މައުރޫފް ވިދާޅުވީ ރައީސަކީ އިސްލާމީ ވެރިއެއްގެ ކިބައިން ފެންނަންވާ ހުރިހާ ސިފައެއް ހުންނެވި ވެރިއެއްކަމަށެވެ.
ކުޑަކުދިންނަށް ޓަކައި އެ މަނިކުފާނު ގެންގުޅުއްވާ އޯގާވެރިކަމާއި ދެއްވާ ލޯތްބަކީ ވެސް އެ ކަމުގެ މިސާލެއްކަމަށް އޭނާ ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ މިއަދު ކޯލިޝަނެއްގައި މަސައްކަތްކުރުމުގެ ބޭނުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބުކުރުންކަމަށެވެ. އަދި މިއަދު ކޯލިޝަނާ އަރައި ހަމަކުރެވޭނެ އެއްވެސް ސިޔާސީ ބަަޔަކު ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑު ދަންނަވާނީ އަލުގަނޑުމެންނާ ވާދަކުރެވޭނެ އެއްވެސް ބަޔަކު މިއަދު ރާއްޖޭގެ ރިޔާސީ ރޭހަކު ނެތޭ،" އޭނާ ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ ރައީސަށް އިންތިޚާބު ކާމިޔާބުކޮށްދެއްވާނީ ނ. އަތޮޅުން ރެކޯޑު އަދަދަކަށް ރައީސަށް ވޯޓު ހޯއްދަވައިދެއްވުމަށްފަހު ކަމަށެވެ.