ޑެމްބެލޭ ޕީއެސްޖީއަށް ސޮއިކޮށްފި

ފްރާންސް ފޯވަޑް އޮސްމާން ޑެމްބެލޭ ޕީއެސްޖީއަށް ސޮއިކުރުން -- ފޮޓޯ/ ޕީއެސްޖީ

ބާސެލޯނާގެ ފްރާންސް ފޯވަޑް އޮސްމާން ޑެމްބެލޭ ސޮއިކޮށްފައިވާކަން ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އިން އިއުލާންކޮށްފިއެވެ.

ޑެމްބެލޭ ވަނީ ޕީއެސްޖީއާއެކު އިއްޔެ ހެދި މެޑިކަލުން ފާސްވެފައެވެ. ޕީއެސްޖީއާ ޑެމްބެލޭ ގުޅިފައިވަނީ 50.4 މިލިއަން ޔޫރޯ (55 މިލިއަން ޑޮލަރު)ގެ ރިލީސް ފީއަކަށް ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޑެމްބެލޭގެ ރިލީސް ފީ 100 މިލިއަން ޔޫރޯ (108 މިލިއަން ޑޮލަރު)އަށް ބޮޑުވެގެންދާނެތީ، ޕީއެސްޖީން ވަނީ ބާސާއާއެކު މަޝްވަރާތަކެއް ކޮށްފައެވެ. މިދިޔަ މަހުގެ ފަހުކޮޅު ޕީއެސްޖީއާ ގުޅުމަށް ޑެމްބެލޭ އެއްބަސްވި ނަމަވެސް، އެ ޓްރާންސްފާ ނިންމުމަށް ލަސްތަކެއް އައިސްފައިވަނީ އޭނާގެ ލިޔެކިޔުންތަކެއް ފުރިހަމަނުވުމުންނެވެ.

ބާސާއާ 2017 ވަނަ އަހަރު ބޮރޫޝިއާ ޑޯޓަމަންޑުން ޑެމްބެލޭ ގުޅުނު ނަމަވެސް، ފުރަތަމަ ސީޒަނުގައި ކުރިމަތިވި އަނިޔާގެ މައްސަލަތަކާ ގުޅިގެން އޭނާއަށް ވަނީ ކުޅުމަށް ގިނަ ފުރުސަތުތަކެއް ލިބޭ ގޮތް ނުވެފައެވެ. ނަމަވެސް ޒަވީގެ އިރުޝާދުގެ ދަށުން ޑެމްބެލޭ ވަނީ މިދިޔަ ސީޒަނުގައި ބާސާއަށް ރަނގަޅު ކުޅުމެއް ދައްކައި، 11 ގޯލާއި 21 އެސިސްޓް ހަދައިފައެވެ. ބާސާގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ޑެމްބެލޭ ވަނީ އެ ކްލަބާއެކު ތިން ސްޕެނިޝް ލަލީގާ އާއި ދެ ކޮޕާ ޑެލް ރޭ އަދި ދެ ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

"ޕީއެސްޖީއާ ގުޅުމުން ވަރަށް އުފާކުރަން. އާ ކްލަބާއެކު މަސައްކަތްކުރުމަށް އަހަރެން މިހުރީ ތައްޔާރަށް. އަހަރެން އުންމީދުކުރަނީ ރަނގަޅު ކުޅުމެއް ދައްކައި، ސަޕޯޓަރުންގެ ލޯބި ހޯދޭނެ ކަަމަށް،" ޕީއެސްޖީއާ ގުޅުމަށްފަހު ޑެމްބެލޭ ބުންޏެވެ.

ޕީއެސްޖީން ޑެމްބެލޭ ހޯދާފައި މިވަނީ އެ ކްލަބުގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭއާ ގިނަ މައްސަލަތަކެއް ޖެހިފައިވަނިކޮށެވެ. ޕީއެސްޖީން އެމްބާޕޭގެ ކޮންޓްރެކްޓް އާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، އޭނާ ދަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ. އޭނާ ބޭނުންވަނީ ކުރިއަށްއޮތް ސީޒަން ނިމުމުން، ހިލޭ ޓްރާންސްފާއެއްގެ ދަށުން ރެއާލް މެޑްރިޑާ ގުޅުމަށެވެ.

comment ކޮމެންޓް